ރާއިފް އެޅި 4 ފޫޓުގެ އީދު ޕިއްޒާ

IMG_20200803_142333_176-2.jpg

ރާއިފް އެޅި 4 އަކަފޫޓުގެ ޕިއްޒާ

އެހެންޏާ އީދަށް އަޅަނީ އީދު ބޯކިބަލެވެ. މި ފަހަރު އީދު ބޯކިބަލެއް ނޫނެވެ. ތަފާތު ކޮށްލީއެެވެ. އާ އެއްޗެއް ތައާރަފް ކުރުމުގެ ގޮތުން އޭދަފުށީ “ޕައިރޭޓްސްް ގްރޫޕް” ން މި ފަހަރު މި ތައްޔާރުުރީ 4 އަކަފޫޓުގެ ބިޔަ ޕިއްޒާއެކެވެ. މިކަމުގެ އިސް މޭސްތިރިއަކީ ބައިނަލް އަގުވާމީ ކެއްކުން ތަކަށް ފަރިތަ އޭދައްޓަށް އުފަން ޒުވާނެކެވެ. އިތާފުށީ ރިސޯޓުގެ ޒުވާން ޝެފް، އޭދަފުށި ރޯޒްމީޑް އަހުމަދު ރާއިފް އެވެ.

އީދަށް ޚާއްސަކޮށް މިވަރުގެ ބިޔަ ޕިއްޒާއެއް އެޅުމަށް 23 އަހަރުގެ ރާއިފުގެ ޚިޔާލަށް އައީ ކުއްލި އަކަށެވެ. ޕިއްޒާ އުފެއްދީވެސް ކުއްލި އަކަށެވެ. ޕިއްޒާ ފެނުމުން މީހުންނަށް ލިބުނީވެސް ކުއްލި ސަޕްރައިޒެކެވެ.

އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ބެލިޔަސް ރެކޯޑެކެވެ. އޭދަފުށި ކީއްކުރަން ހެއްޔެވެ. މުޅިރާއްޖެއަށްވެސް އަލަށް ތައާރަފްވި ކަމެއްގެ އިތުރުން މުޅިން އާ ރެކޯޑެކެވެ.

ރާއިފަށް މިކަހަލަ ކަމެއް ކުރުމުގެ ޚިޔާލު އައީ ކިހިނެއް ބާއެވެ.؟

“އަހަރެމެންގެ އާއިލީ ކުދިންނާ ފެމިލީ ފްރެންޑްސް ބައިވެރިވާ ”ޕައިރޭޓްސް ގްރޫޕް “ގެ އެންމެން އެއްވެގެން މިފަހަރު އާއެއްޗެއް ހަދާލަން ރޭވީ.” ކުރިން 1 ފޫޓުގެ ބީފް ބާގަރ އެއްވެސް ހަދާފައިވާ ރާއިފް އަށް ޕިއްޒާގެ ޚިޔާލު އައި ގޮތް ކިޔައިދިނެވެ.

އެއް ފޫޓުގެ އެބާރގަރ ހެދުމުން އޭނާއަށް ލިބުނު ތާރީފާއި މީހުން ދިން ހިތްވަރުން އޭނާ ހުރީ އެއަށްވުރެ ބޮޑު އެހެން ކާއެއްޗެއް ހެދުމުގެ ފުރުސަތަކަށް ބަލަބަލާ ކަމަށް ވެދާނެއެވެ.

“އެ ބާގަރ ސޯޝަލް މީޑީއާގައި ވަރަށް ވައިގާ ހިފި. އެދުވަހު އެ ބޮޑު ބާގަރ ހަދަން ފުއްގަނޑު މޮޑުނީވެސް އަމިއްލަ އަށް. އެވަރުގެ ކަމެއް އަމިއްލައަށް ކުރި މީހަކަށް މި ވަރުގެ ޕިއްޒާއެއް ނޭޅޭންވީ ކީއްވެގެން؟ އޭނާ ބުނެލިއެވެ.

މި މާސިންގާ ޕިއްޒާ އަކީ އެއިން އުފެދުނު ޚިޔާލެކެވެ. އެކަމަކު މިކަން ފަށައިގެން ނިންމުމާ ހަމައަށް ދިޔަގޮތް އެއީ ކޮންމެ މީހަކުވެސް އަހާލަން ބޭނުން ވާނެ ވާހަކަތަކެކެވެ. ޚާއްސަކޮށް އޭދަފުށީގައި ޕިއްޒާ އަކީ މިހާރު ވަރަށް “ހިނގާ “އެއްޗަކަށް ވާތީ ޕިއްޒާ ހަދައި އުޅޭ އަންހެން ވެރިންނަށެވެ.

ރާއިފް ބުނީ މިކަހަލަ ކަމެއް ކުރަން ފެށުމުގެ ޚިޔާލު އައުމާ ހަމައިން އޭނާ ފުރަތަަމަ ނަގާނީ ކަރުދާހާ ގަލަމެވެ.

“މިކަހަލަ އައިޑިއާއެއް އަތުވެއްޖެނަމަ ފުރަތަމަ އެ އައިޑިއާ ކުރަހާނީ. ދެން އެއަށް  ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދަނީ. އެއަށްފަހު އެއަށް ދާ ޚަރަދުތައް ބަލަނީ.” ކޮންރެޑް މޯލްޑިވްސް” ގައި ޝެފެއްގެ ގޮތުން ފުރަތަމަ މަސައްކަތް ކުރަން ފެށި ރާއިފް ބުންޏެވެ.

މި ބިޔަ ޕިއްޒާ އަޅަންވެސް އޭނާ ފޮލޯ ކުރީ މި ގޮތެވެ.

“ޕައިރޭޓްސް “ގައި ހިމެނޭ އޭދަފުށީގައި މި ވަގުތު ތިބި ކުދިންނާ އެރޭ މަޝްވަރާ ކުރުމަށް ފަހު އެންމެން ބައިވެރިވާ ގޮތަށް ޗަންދާ ނަގައިގެން ޕިއްޒާ އެޅުމުގެ މަސައްކަތް ފެށީ އަނެއް ދުވަހު ހަވީރުއެވެ.

އޭގެ ކުރިން ޖެހުނީ މިވަރުގެ ބިޔަ ޕިއްޒާއެއް ފިހެވޭ ވަރުގެ ބޮޑު ފްރޭމެއް ހަދާށެވެ. ފްރޭމް ތައްޔާރު ކުރީ ޓިނު ގަނޑަކުންނެވެ. ޕިއްޒާ ފުށްގަނޑު މޮޑެން ފެށީ މިކަން ނިންމާފައި ހަވީރު އެވެ.

“ފުއްގަނޑު މޮޑެން ޖެހުނީ އަމިއްލައަށް. 8 ކިލޯ ފުށް މޮޑެވޭ ވަރުގެ މެޝިނެއް ނުލިބުމުން އަހަރެންގެ އަތުން މޮޑުނީ. މިއީ މިގޮތަށް އަތުން މޮޑުނު އެންމެ ބޮޑު ޕިއްޒާ ފުއްގަނޑު. އެކަމަކު ޗީޒް ގޭނުމާ އެއްޗެތި ކޮށުމާ މިކަހަލަ ކަންކަމުގަ އެހީވާން އަށެއްކަ މީހުން ތިބި.”

ޕިއްޒާގެ މަސައްކަތް ކިތަންމެ ފޯރިއާއެކު ދިޔަނަމަވެސް ވަކި ހިސާބަކުން މޫސުން ގޯސްވެ، ޕިއްޒާ ފިހަން އަންދާފައި ހުރި އަނގުރު އަލިފާން ގަނޑަށް ވާރޭ ވެހެން ފެށުމުން މި މަސައްކަތް މުޅިން ފްލޮޕް ވާ ހިސާބަށް ދިޔައެވެ. އެހެންނަމަވެސް ގްރޫޕް ކުދިންގެ މަސައްކަތުން އެކަމަށްވެސް ހައްލު ހޯދިއެވެ.

“ކަންދިމާކުރި ގޮތުން ވަރަށް ބޯ، ކެރިގަނޑެއް އެރޭ އައި. ޕިއްޒާ ފިހާ އުނދުނަށް ވާރޭ ވެހެން ފެށުމުން  އެންމެން ވެގެން ކުޑަ ނަގައިގެން ވެސް ތިބެން ޖެހުނު. .އެވަގުތު ސޯސްތަކާ އެއްޗެތި ވެސް ހަދަން ފެށީ ހަމަ ފްރެެޝް ކޮށް. އުޑުމަތި ސާފު ވީމާ އަނެއްކާވެސް ފެށީ.” ޝެފެއްގެ ގޮތުގައި މަސައްކަތް ކުރާތާ ދެއަހަރުވެފައިވާ ރާއިފް ބުންޏެވެ.

ޕިއްޒާއޮތީ ބޭސް ތެރެއިން ރީތި ކޮށް ހަތަރު ފަޅިއަށް ފަޅާލާފައެވެ. އެއްފަޅީގައި ޓޫނާއެވެ. އަނެއް ފަޅީގައި ޕިއްޒާ މާގަރީނާ ޓޮމާޓޯ އަތުރާފަވާއިރު އަނެއް ދެ ފަޅިއަށް ބޭނުންކުރީ ޗިކަން މަޝްރޫމް އާއި ބީފްއެެވެ.

މިހާ ބޮޑު ބިޔަ ޕިއްޒާއެއް އަޅާއިރު އޭގެ ރަހަތައް އާދައިގެ ޕިއްޒާއަށް ވުރެ ނުބައިވާނެ ކަމަށް ބަޔަކު ދެކެފާނެއެވެ. އެސުވާލަށް ޖަވާބު ދެމުން ރާއިފް ބުންޏެވެ.

“ކޮންމެ ޕިއްޒާއެއްގައިވެސް އަޅާ އިންގްރީޑއަންސް އެއީ ހަމަ ގާތްގަނޑަކަށް އެކައްޗެއް. ތަފާތުމިވަނީ ޕިއްޒާގެ ފުށްގަނޑާ ޕިއްޒާގެ ސޯސް އާ. ޕިއްޒާ ބޮޑުވުމަކުން އެރަހަތައް ތަފާރުވެގެން ނުވަތަ ނުބައިވެގެން ނުވާނެ.” ރާއިފްގެ ޖަވާބަކީ މިއީއެވެ.

އެކަމަކު އެޕިއްޒާގެ ރަހަ ބެލި މީހުންގެ ކޮމެންޓްތައް ހުރީ ވަރަށް ޕޮޒިޓިވް ކޮށެވެ.

“ވަރަށް ތަފާތު ބޭސް އަކާ ސޯސް ގަނޑެއް. ވަރަށް މީރު.” ހުރިހާ އެންމެންގެ ކޮމެންޓްތައްވެސް ހުރީ މިކަހަލަ ގޮތަކަށެވެ.

މި ކާމިޔާބާއެކު ކުރިން ރާއިފަކީ ކާކުކަން ސީދާ ނޭނގޭ އޭދަފުށީ ރައްޔިތުންނަށް ރާއިފް ދަސްވެފައިމިވަނީ ކުޅަދާނަ ޒުވާން ޝެފެއްގެ ގޮތުގައެވެ. އެހެންކަމަށްވާނަމަ އަމިއްލަ ބިމުގައިވެސް ރާއިފްގެ ޑިމާންޑް ދަށެއް ނުވާނެއެވެ.

އެކަމަކު އަދި އޭނާއަށް ރަށުގައި މަޑުކުރެވޭކަށް ނެތެވެ. ރަށުގައި މިވަގުތު މަޑު ކޮށްލައިގެން ހުރި ނަމަވެސް އޭނާ ހުރީ އޮންކޯލް ގައެވެ. އިތާފުށި ރިސޯޓު ހުޅުވައިފިއެވެ. އެކޮޅުން ގުޅާލާއިރަށް ފުރަން ރެޑީވެގެންނެވެ.

އެކަމަކު އޭނާ ދެން ނުގެއްލޭނެއެވެ. ފުރުސަތެއް ލިބިއްޖެ ނަމަ އަދިވެސް މި ފަދަ ބޮޑު މުނާސަބަތެއްގައި ތަފާތު ކާ އެއްޗެއްގެ މީރު ރަހައިން އަނެއްކާވެސް ހެއްވާލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުންޏެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top