ކޮވިޑް ރޯގާ ހަލުވި ކަމާއެކު ފެތުރެމުންދާތީ ކުރިއަށް އޮތް ދެ ހަފްތާގައި މާލޭގެ ސްކޫލްތައް ނުހުޅުވާ ގޮތަށް ސަރުކާރުން ނިންމަވައިފި އެވެ.
އީދު ބަންދާއި، މިޑް ޓާމު ބަންދަށްފަހު މިމަހު ނުވަވަނަ ދުވަހުން ފެށިފެން މާލޭގެ ސްކޫލުތައް ހުޅުވައި ކިޔެވުން ފެށުމަށް ކުރިން އޮތީ ހަމަޖެހިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެމަތިން ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލް ދަރިވަރުން މިމަހު ނުވަޔަކުން ފެށިގެން 19 އަށް މާލޭ ސީޓިގެ ސްކޫލްތަކަށް ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑައިލުމަށް ފަހު 2020 ޖުލައި 1 ގައި ވަނީ މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދޭން ފަށައިފައެވެ. މާލޭ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9 އިން 12) އަށެވެ. މީގެ އިތުރުން ގްރޭޑް 7 އަދި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި މިމަހުގެ 16 ގައި ފެށުމަށް އޮތީ ނިންމައިފައެވެ. އީދު ބަންދާއި މިޑްޓާމް ބަންދަށް ސްކޫލްތައް ބަނދު ވުމަށްފަހު އަލުން ހުޅުވުމަށް ހަމަޖައްސައިފައިވާ ތާރީހަކީ، މިހިނގާ އޮގަސްޓްމަހުގެ ނުވަ ވަނަ ދުވަހުއެވެ” އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.