މާލެއިން ރަށަށް ނުވަތަ އެހެން ރަށަކަށް ގޮސް ގެއެއްގައި ކަރަންޓީން ވެގެން ތިބޭއިރު ބޭރަށް ނުކުމެގެން ނުވާނެ ކަމަށް ކުރިން އޮތް އުސޫލު ރޭ ބަދަލުކުރުމަށް ފަހު، އަނެއްކާ ވެސް ބޭރަށް ނުކުތުން މަނާކޮށްފި އެވެ.
އިއްޔެ އެޗްޕީއޭއިން އާންމު ކުރި އިސްލާހު ކޮށްފައިވާ އުސޫލުގައި ކަރަންޓީނު ކޮށްފައިވާ މީހަކު އުޅޭ ގެއެއްގައި ދިރިއުޅޭ އެހެން މީހުނަށް ބޭރަށް ނިކުމެވޭނެއެވެ. ނަމަވެސް އެއީ ކޮންމެހެން ބޭރަށް ނިކުންނަށް ޖެހިއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު އެވެ. އަދި ކަރަންޓީނު ކޮށްފައިވާ މީހަކު ދިރިއުޅޭ ގޭގެ މީހުން އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމަށާއި، އެހެން މީހުންނާ އެއްވެ ނޫޅުމަށް މި އުސޫލުގައިވެއެވެ.
ނަމަވެސް އެ އުސޫލު ބަދަލުކޮށް، އެޗްޕީއޭ އިން ރޭ އާންމުކުރި އުސޫލުގައި ބުނެފައިވަނީ، ފުރަތަމަ އިއުލާނުކުރި އުސޫލުގައި ގެއިން ބޭރަށް “ނުކުމެގެން ނުވާނެ” ކަމަށް އޮންނަ އޮތުމުގެ ބަދަލުގައި ކަރަންޓީނުގައި ތިބޭ މީހުން ބޭރަށް ނުކުތުމަކީ “އެދެވިގެންވާ ކަމެއް ނޫން” ކަމަށެވެ.
އެންމެ ފަހުން މިއަދު މެންދުރު އާއްމު ކޮށްފައިވާ އުސޫލުގައިވާ ގޮތުން، ކަރަންޓީން ކޮށްފައިވާ މީހާ، އެ މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެ އެވެ. މިއީ ކުރިން ވެސް އަމަލުކުރަމުން އައި ގޮތެވެ. ނަމަވެސް އެ ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ބޭރަށް ނުކުމެވޭނެ ކަމަށް އުސޫލުގައި ބުނެ އެވެ. އެގޮތަށް ނުކުންނައިރު ވެސް އެހެން ގެތަކަށް ދިއުމާއި އެހެން މީހުންނާއެކު އެއްވެ އުޅެގެން ނުވާނެ އެވެ.
ރަށަށް ގޮސް ގޭގައި ކަރަންޓީނުވުމަށް ޝަރުތު ހަމަވާނީ ބަލީގެ އަލާމާތެއް ނެތް ނަމަ އެވެ
މިއީ މި އުސޫލު އާއްމު ކުރި ފަހުން އިސްލާހު ގެނައި ދެވަނަ ފަހަރެވެ.
މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނާއި ރާއްޖެ އިން ބޭރުން އައިސް ގޭގައި ކަރަންޓީން ކުރާ މީހުންނަށް ކަރަންޓީން މުއްދަތު ހަމަވަންދެން ކަރަންޓީން ކުރާ މީހާއަށް ވެސް އަދި އެގޭގެ އެހެން މީހުންނަށް ގެއިން ނުނިކުމެވޭނެ ކަމަށް ބުނެފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލޮކްޑައުންގެ ހާލަތުގައި މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީީނު ވުމުގެ އުސޫލުގައި ބުނެފައިވަނީ ކަރަންޓީން ކުރާ މީހާ އުޅޭ ގޭގެ މީހުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ބޭރަށް ނިކުތް ނަމަވެސް އެކަން ކުރަންވާނީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއި އެކުގައި ކަމަށެވެ.
އަދި އެފަދަ ހާލަތެއްގައި [ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި] ގެއިން ބޭރަށް ނިކުތް ނަމަވެސް އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
މި އުސޫލަކީ މީގެކުރިންވެސް ނެރެފައިވާ އުސޫލަކަށްވާއިރު އުސޫލަށް ގެނެސްފައިވާ މައިގަނޑު ބަދަލަކީ ވެސް މިއީއެވެ. މީގެކުރިން ލޮކްޑައުންގެ ހާލަތުގައި މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީީނު ވުމުގެ އުސޫލުގައި ކަރަންޓީންގައި ހުންނަ މީހަކު ހުންނަ ގެއަކުން އެއްވެސް މީހަކަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ.