މާހެފުން ނުބާއްވާ! – މިނިސްޓަރު އަމީން

ameen3.jpg

ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން

ރަމަޟާން މަހާ ދިމާކޮށް ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ މާހެފުން މިއަހަރު ނުބޭއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.

މިނިސްޓަރު އަމިީން ވިދާޅުވީ އެގޮތަށް ބޭއްވޭ އެންމެ އެއްވުމަކުން ވެސް އެތައް ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެދާނެ ކަމުގައެވެ.

މިނިސްޓަރު އަމީން މިއަދު “ޕީއެސްއެމް” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ބައްޔާއި ގުޅިގެން މިވަގުތަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ގޭގައި މަޑުކުރުން ކަމަށާއި ދެވަނަ ކަމަކީ ކޮންމެ މުއާމަލާތެއް ކުރި ނަމަވެސް އެކަކު އަނެކާއި ދޭތެރޭ ހުންނަ ދުރުމިން ބެހެއްޓުން ކަމަށެވެ.

އަދި ތިންވަނަ ކަމަކީ އާންމު އެއްވުންތަކާއި، ހަފްލާތަކާއި، ޕާޓީތައް ފަދަ ކަންކަން ނުބޭއްވުން ކަމަށާއި، ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވެފައި ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ މާހެފުން ފަދަ ކަންކަން މާލެ އާއި އަތޮޅުތެރޭގައި ވެސް މި ދުވަސްވަރު ނުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

“އެންމެ މީހަކު ބާއްވާ މާހެފުމެއްގެ ސަބަބުން 100 މީހުންނަށް ނުވަތަ އެތައް ބަޔަކަށް ބަލި ފެތުރިގެން ދިޔުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ މި ކަންތައްތަކާއި ވިސްނުމަކީ ތިމާގެ އަމިއްލަ ސަލާމަތަށް ކުރެވޭނެ ކަމެއް” އަމީން ވިދާޅުވިއެވެ.

މީގެެއިތުރުން އާއިލީ ގުޅުންތަކުގެ ތެރެއިން ބާއްވާ ކުދިކުދި އެއްވުންތައް ވެސް މިވަގުތަށް ހުއްޓާލަންޖެހޭ ކަމަށާއި މިވަގުތު ކޮންމެ އާއިލާއަކުން ވެސް އަދި ކޮންމެ ފަރުދަކު ވެސް ބަލި ފެތުރުމަށް ހުރި ކަންކަން ހުއްޓުވަންޖެހޭ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އެގޮތުން އެންމެންނަށް ވެސް ސަލާމަތް އޮތީ އޭރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެއިން އިއްޔެ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 24 ގަޑިއިރުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top