ކޮވިޑް-19 : އެމްޕީ. ސަލީމް ވިދާޅުވަނީ ރާއްޖެ އެއްކޮށް ބަންދުކުރުމަކީ ހައްލެއް ނޫންކަމަށް.

large_156036150919nYS8.jpeg

އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް: ފޮޓޯ :މަޖިލިސް

ކޮވިޑް-19ގެ ނުރައްކާ ވައިރަސް މިހާރު ރާއްޖެއިން ވެސް ފެނިފައިވާ އިރު މިކަމުގެ ސަބަބުން މުޅި ރާއްޖެ އެއްކޮށް ބަންދު ކުރުމަކީ އަދި މިކަމުގެ ހައްލު ނޫންކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ރެޑްވޭވް ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

”އެހެންނަމަވެސް ރައްޔިތުންގެ ދިފާއުގައި، ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތަށް އަތުވެއްޖެ ނަމަ، އެ ހާލަތަކަށް އެ ފިޔަވަޅު ޖެހޭނީ އަޅަން،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުން މިއަދު ހަނގުރާމަ ކުރަމުން ދަނީ ވަރަށް ކުޑަކުޑަ އެއްޗަކާ ކަމަށެވެ. ކުޑަކުޑަ މަހްލޫގަކާ ދޭތެރޭގައި ދުނިޔެ ކަންބޮޑުވާ ހިސާބަށް ދިޔައީމަ، މިއިން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

“ހަގީގަތުގައި މިއިން ދޭހަވެގެން ދިޔައީ އިންސާނުންނަކީ އެހާ ނިކަމެތި، ބަލިކަށި ބައެއް ކަން. ބާރެއް ނެތް ބައެއް ކަން. މި ކުޑަކުޑަ ފަނިފަކްސާ މަރާލުމުގެ ބާރު އަޅުގަނޑުމެންގެ އަތުގައި ނެތް ކަން،” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ފިޔަވަޅުތައް އަޅާއިރު، ގައުމުގެ އިގްތިސާދާއި ވިޔަފާރިތަކަށް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންގެ ކެއުމާއި ބުއިން ފަދަ ހުރިހާ ހާލަތަކަށް ސަރުކާރުން ވިސްނަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ކަންތައްތަކާ ކުރިމަތިވާނެ. ކުރިއަށް އޮތް ތަނުގައި ވެސް ކުރިމަތިވާނެ. އެހެންވީމަ އެކަންކަމުން އަރައިގަތުމުގެ ހިތްވަރު އަޅުގަނޑުމެންގެ ގައިގައި ހުންނަން ވާނެ،” ސަލީމް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އެކަމަކު، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top