ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ސްކޫލްތައް ބަންދު ކުރަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ލަފާދީފިއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އިން ކުރި ޓުވީޓެއްގައި ވަނީ ކޮރޯނާ ވައިރަސްގެ އައުޓްބްރޭކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އާއްމު އެއްވުންތަކާއި ސްކޫލްތައް ވަގުތީގޮތުން ބަންދުކުރަން ގޮވާލާފައެވެ. ނަމަވެސް ސަރުކާރުގެ ބަސްމަގު ހުރީ ސްކޫލްތައް ބަންދުކުރާ ހިސާބަށް ރާއްޖޭގައި ބަލިފެތުރެމުން ނުދާކަމަށެވެ.
ވައިރަހާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ގެނެސްދޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ އިރުޝާދާއެކު ވައިރަހާ ގުޅިގެން ކަނޑައަޅަންޖެހޭ އެލާޓް ލެވެލްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރަންޖެހޭ ހާލަތަކަށް އަދި ރާއްޖެ ނުދާ އޭނާ ވިދާޅުވި އެވެ.
މިޑް ޓާމް ޗުއްޓީ ނިމި އަންނަ ހަފްތާގައި ސްކޫލް ހުޅުވަން ސަރުކާރުން ނިންމާފައިވާ އިރު ސްކޫލްތައް ނުހުޅުވުމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުންވެސް ވަނީ އިރުޝާދު ދެއްވާފަ އެވެ.
ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނުމާއިއެކު އޮފީސްތަކުންނާ، ކިޔަވައިދޭ ގިނަ ތަންތަނުން ރާވާފައި ހުރި އިވެންޓުތައް ދަނީ ވަގުތީގޮތުން ކެންސަލްކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑްގެ ހަ ކޭސްވަނީ ފެނިފައެވެ. އެ ހަ ކޭސްވެސް ފެނިފައިވަނީ ރިސޯޓްތަކުންނެވެ.