މުޅި ވޯޓު ކަރުދާސް ބާތިލުނުވާގޮތަށް ގާނޫނު އިސްލާހުކޮށްފި

b_HhmmV33ZKgTvYmvAQRGZ6USEs.jpeg

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --ފޮޓޯ :މަޖިލިސް އިދާރާ

ކައުންސިލް އިންތިހާބުގައި ވޯޓު ލާއިރު، ވޯޓު ކަރުދާހުގައި ބާތިލުވާ ގޮތަކަށް ފާހަގަ ޖަހައިފިނަމަ، މުޅި ވޯޓު ކަރުދާސް ބާތިލު ވާ ގޮތަށް ގާނޫނުގައި އޮތް ގޮތް ބަދަލުކޮށް، އެ ވޯޓު ކަރުދާހުގައި ހިމެނޭ ބާތިލު ވޯޓު އެކަނި ބާތިލު ވާ ގޮތަށް ގާނޫނު އިސްލާހުކޮށްފިއެވެ.

މިގޮތަށް މަޖިލީހުން ފާސްކުރައްވާފައިވަނީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަ ލައިފިނަމަ ވޯޓު ކަރުދާސް އެއްކޮށް ބާތިލް ވެއެވެ. އެހެން ނަމަވެސް މި ގާނޫނަށް ގެނައި އިސްލާހާއެކު އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައި އޮތްނަމަ ބާތިލު ވާނީ ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ފާހަގަ ލާފައިވާ ވޯޓު ނުވަތަ ގޯސްކޮށް ލެވިފައިވާ ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ގާނޫނަށް މި އިސްލާހު ގެންނަން ފާސްކުރީ، މި ބިލު މިއަދުން މިއަދަށް މަޖިލީހަށް ހުށަޅައިގެން، ބިލުގެ ހުރިހާ މަރުހަލާއެއް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްގެންނެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން ބިލުގެ ކޮމިޓީ މަރުހަލާ ނިންމުމަށްފަހު ކޮމިޓީ ރިޕޯޓް މެންބަރުންނަށް ފޮނުވުމަށްފަހު ބިލު މަޖިލީހުގެ ތަޅުމަށް އަންނަން ތިންދުވަސް ދޭން ޖެހެއެވެ.

ނަމަވެސް މަޖިލީހުން މިއަދު މި ބިލު ފާސްކޮށްފައި ވަނީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ހިޔާލު ހޯއްދެވުމަށްފަހު އެ ތިން ދުވަހު މުއްދަތު ކުރުކޮށްލުމަށްފަހުގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ކަރުދާހެއްގައި 4 ވޯޓް އޮންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާފައިވަނީ އަންނަ މަހުގެ 4ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top