އުތުރު އަތޮޅުތަކުގެ ކުނިމެނޭޖްކުރުމަށް ލޭންޑިނގްކްރާފްޓެއް ހޯދަނީ

އެންވަޔަރން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން

އެންވަޔަރން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން

ވޯލްޑްބޭންކްގެ އެހީގައި ކުރިއަށްގެންދާ މާލެއިން އުތުރުއަތޮޅު ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގެދަށުން ލޭންޑިންގކްރާފްޓެއް ގަތުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެންވަޔަރންމަންޓް މިނިސްޓްރީގައި މިއަދުއޮތް ރަސްމިއްޔާތެއްގައި މިޕްރޮޖެކްޓްގެ އިތުރުން ބ.މާޅޮހުގެ ކުނި މެނޭޖްކުރާ ސެންޓަރު އިތުރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ.

ލޭންޑިންގކްރާފްޓެއް ހޯދުމާބެހޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހީމެވެ. އެމަސައްކަތް ހަވާލުކުރި އިންޑިއާގެ ވިޖޭ މެރިން ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވެރިޔާ ޖައިރަމް ޑައިލާނީއެވެ.

9.94 މިލިއަންރުފިޔާއަށް ފަސްމަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް މަސައްކަތް ހަވާލުކުރި ލޭންޑިންގކްރާފްޓަކީ 200 ޓަނުގެ ކުނިއުފުލޭ 30 މީޓަރު ދިގުމިނުގެ އުޅަނދެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތާރިގްވިދާޅުވީ މިހާރުވެސް ރ.ވަންދޫގައި ރީޖަނަލް ކުނިމެނޭޖް ސެންޓަރެއް ހެދުމުގެމަސައްކަތް ކުރިއަށްދާކަމަށާ އެ ސެންޓަރަށް އެކިރަށްރަށުން ކުނިގެނައުމުގެ މަސައްކަތް ލޭންޑިން ކްރާފްޓް ބޭނުންކޮށްގެން ކުރާނޭކަމުގައެވެ. ރ.ބ.ޅ އަތޮޅުގެ ރަށްރަށުންނާއި މި އަތޮޅުގެ އިންޑަސްޓްރިއަލް ރަށްރަށުން އަދި ރިސޯޓްތަކުންވެސް ހަލާކުނުވާޒާތުގެކުނި ވަންދޫއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބ.މާޅޮހުގައިހުންނަ ކުނި މެނޭޖްކުރާ ސެންޓަރު އިތުރަށް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ ތަޝީޝާ ކުންފުންޏާއެވެ. 59139 ރުފިޔާއަށް ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ޑިރެކްޓަރ ހުސެން ޝިފާން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top