އާއްޓޭގެ ދީލަތި އެހީއެއް ބ.އަތޮޅު ހޮސްޕިޓަލަށް

DSCN9905.jpg

އާއްޓޭގެ ފަރާތުން ބ.އަތޮޅު ހޮސްޕިޓަލަށް ހަދިޔާ ކުރެއްވި ސީޕެޕްސިސްޓަމް ހަވާލު ކުރުމުގެ ރަސްމިއްޔާތު --އީވީ ފޮޓޯ

މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައިގެން ނާކާމިޔާބުވި މއ.އެވަރގްލޯރީ އަހުމަދު އާރިފް (އާއްޓޭ) ، ބ.އަތޮޅު ހޮސްޕިޓަލަށް ދީލަތި އެހީއެއް ވެދެއްވައިފިއެވެ.

މަޝްހޫރު ލޮޓަސް ފިހާރައިގެ ވެރިޔާ، އާއްޓޭ މިއަދު ހަދިޔާ ކުރައްވާފައިވަނީ އަތޮޅު ހޮސްޕިޓަލަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ސީޕެޕް ސިސްޓަމެއްގެ އިތުރުން އިމަރޖެންސީ ޓްރޮލީ އެކެވެ.

މިއަދު ހެނދުނު ހޮސްޕިޓަލްގެ އޮފީހުގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އާއްޓޭގެ ފަރާތުން އެހީ ހަވާލުކުރެއްވީ އޭދަފުށީ ވަފާ ޖަމިއްޔާގެ ޗެއާމަން، އަހުމަދު އަންވަރެވެ. އެހީއާ ހަވާލުވެވަދައިގަތީ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު (މޯޑު ) އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އިސް މުވައްޒަފުންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި އަންވަރު ވިދާޅުވީ މިއީ 2019ވަނ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ދާއިރާއަށް ތައާރަފްވި އަހުމަދު އާރިފްގެ ފަރާތުން ބ.އަތޮޅު ހޮސްޕިޓަލަށް ހަދިޔާ ކުރައްވާ ފުރަތަމަ މެޝިން ނޫންކަމަށެވެ. ހޮސްޕިޓަލަށް ބޭނުންވެފައިވާ އެމްޖެންސީ ޓްރޮލީ އެއްވެސް މީގެ ހަމަ ކުޑަދުވަސްކޮޅެއްކުރިން ވާނީ ހަދިޔާ ކޮށްފައި ކަމަށް ވިދާޅުވެ އަންވަރު ވަނީ އާއްޓޭ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

މި ދާއިރާއަށް އާއްޓޭ އަޅުގަނޑުމެންނަށް ތައާރަފްވި ފަހުން އޭނާގެ ފަރާތުން ފެނިގެންދަނީ މި ބާވަތުގެ އަގު ބޮޑެތި މެޝިންތަކުގެ އިތުރުން ވެސް ތަފާތު އެހީތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ކަމަށާ މިފަދަ އެހީތައް ވެދެއްވުމުގައި އާއްޓޭ ދެމިހުންނަވާނެ ވާހަކަ ވިދާޅުވެފައިވާ ކަމަށް އަންވަރު ހާމަ ކުރެއްވިއެވެ.

“އަޅުގަނޑުމެންނަށް މިހާތަނަށް ގައިމުވެސް ފާހަގައެއް ނުކުރެވޭ އިންތިހާބެއް ކާމިޔާބު ނުވެ ދިޔަ ހާލަތުގަ މިބާވަތުގެ އެހީތެރިކަމެއް ކުރިއަށް ދާ މަންޒަރެއް. ހަމަގައިމުވެސް އާއްޓޭގެ ފަރާތުން މި ފެންނަނީ ތަފާތު މަންޒަރެއް. އެބޭފުޅާގެ ހިތްޕުޅުގަ ބ.އަތޮޅު ހޮސްޕިޓަލަށާ އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރި ހެޔޮ ހިތްޕުޅެއް އެބައޮތްކަމަށް ގަބޫލު ކުރަން އެބަޖެހޭ.” އާއްޓެއަށް ތައުރީފް ކުރައްވަމުން އަންވަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވެސް ވަނީ މިފަދަ ދީލަތި އެހީތެރިކަމެއް ވެދެއްވީތީ އާއްޓޭއަށް ޝުކުރު އަދާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ އާއްޓޭގެ ފަރާތުން ލިބުނު ސީޕެޕް ސިސްޓަމް އާއިއެމަޖެންސީ ޓްރޮލީގެ ސަބަބުން ހޮސްޕިޓަލަށްވެސް އިތުރު ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ.

އާއްޓޭ ހަދިޔާ ކުރެއްވި އެމަޖެންސީ ޓްރޮލީ ހަވާލު ކުރުމުގެ ރަސްމިއްޔާތު –އީވީ ފޮޓޯ

“މިހާތަނަށް އަޅުގަނޑުމެން އަތަކު ނެތް ސީޕެޕް ސިސްޓަމެއް.  ހަމައެއާއެކު އެމަޖެންސީ ޓްރޮލީއަކީވެސް ނިހާޔަތަށް ބޭނުންވެފައި އޮތް އެއްޗެއް. ވީމާ މި ފުރުސަތުގައި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންގެ ފަރާތުން އާއްޓޭއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އުއްމީދު ކުރަނީ މިފަދަ އެހީތައް މުސްތަގުބަލުގައިވެސް ހަމަ ލިބިގެން ދާނެކަމަށް.” މޯޑު ވިދާޅުވި އެވެ.

އާއްޓޭވަނީ އިންތިޚާބުގެ ފަހުންވެސް އޭދަފުށީ ދާއިރާއަށް ތަފާތު އެހީތައް ވެދެއްވުމުގައި މިއަދާ ހަމައަށްވެސް ދެމިހުންނަވާފައިކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިއީ އިންތިހާބުގައި ބަލިވާ އެހެން މީހުންނާ ޚިލާފަށް އާއްޓޭގެ ފަރާތުން ފެންނަ އެންމެ ރަނގަޅު އެއްސިފަ ކަމުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top