އަހަރަކު އަލަށް 500 މީހުން މަސްތުވާ ތަކެތި ބޭނުން ކުރަން ފަށާ: ސީޕީ

big_i2JL2Fwj2PaTTLNepZ8rMpXg4.jpeg

ދޫނިދޫގައި މިއަދު ނައްތައިލި މަސްތުވާ ތަކެތި

ރާއްޖޭގައި އަހަރަކު އަލަށް 500 ގާތް ކުރާ އަދަދެއްގެ މީހުން މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސީޕީ ވިދާޅުވީ މާލެ ތެރޭގައި އެކަނިވެސް 43 ސަރަހައްދެއްގައި މަސްތުވާތަކެތި ވިއްކާ އެތަކެތީގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 400 އާއި 500 އާ ދެމެދުގެ އަދަދެއްގެ މީހުން އަލަށް މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ކަމަށާއި ރާއްޖޭގައި ކުރާ ކުށްތަކުގެ 85 ޕަސެންޓަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްތުވާތަކެއްޗާ ގުޅިގައިވާ މައްސަލަތައް ކަމަށެވެ.

“އަންދާޒާ ކުރެވޭ ގޮތުގައި، މީގެ ހަތަރު އަހަރަށް ބަލާއިރު އެވަރޭޖް ގޮތުގައި 500-400 އަދަދުގެ ތެރޭ ހިމެނޭ، އަލަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަ މީހުން” ފުލުހުންގެ މުވައްސަސާއިން ހަދާފައިވާ “އަލަށް” މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންގެ އަންދާޒާ އެއް ހިއްސާ ކުރައްވަމުން ސީޕީ ވިދާޅުވިއެވެ

ހަމީދު ވިދާޅުވި ގޮތުގައި އެ އަދަދުން ހާމަކޮށްދެނީ މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި ފެތުރިފައި އޮތް މިންވަރެވެ. އަދި ކަންބޮޑުވުންވެސް އޮތް މިންވަރެވެ.

ސީޕީ ވިދާޅުވީ މިއަދު ނައްތާލި 314 ކިލޯގެ މަސްތުވާތަކެތި ހިމެނޭހެން، 2018 ވަނަ އަހަރުން ފެށިގެން ފާއިތުވި ތިން އަހަރުގެ ތެރޭގައި 1801 ކިލޯގެ މަސްތުވާތަކެތި ނައްތާލެވިފައިވާ ކަމަށެވެ. އެކި މައްސަލަތަކުގައި އަތުލެވޭ މަސްތުވާތަކެތި ވިހާވެސް އަވަހަކަށް ގާނޫނީ ހަމަތަކުގެ ތެރެއިން ނައްތާލުމަށް ފުލުހުން މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ.

ފުލުހުން މިއަދު ނައްތާލައިފައި ވަނީ ރ. ޅާނބުގަލިން މިދިޔަ އޮކްޓޫބަރު މަހު އަތުލައިގެން 215 ކިލޯގެ މަސްތުވާ ތަކެއްޗާއި ބައެއް އޮޕަރޭޝަންތަކުން ފުލުހުން އަތުލައިގެންފައުހުރި 107 ކިލޯގެ މަސްތުވާ ތަކެއްޗެވެ. މިތަކެތީގެ އަގަކީ ގާތްގަނޑަކަށް 316 މިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top