ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔަން އަންގަވައިފި

miskiy-1.jpeg

މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގައި ބަޔަކު ނަމާދު ކުރަނީ. ފޮޓޯ: އޭދަފުށި ވޮއިސް

ކޮރޯނާ ވައިރަސް އާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައި ވާތީ، ބަލިތަކުން ސަލާމަތް ކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކޮރޯނާ ވައިރަސްއާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައި ވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހައި މިސްކިތެއްގައި މިއަދުގެ މަގްރިބު ނަމާދުން ފެށިގެން، ގުނޫތު ނާޒިލާ ކިޔާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތު (ދުއާ) އެކެވެ. މާތް ރަސޫލާގެ ދުވަސްވަރުވެސް ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ.

އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާއި ގުޅިގެންވެސް ވަނީ ގުނޫތު ނާޒިލާ ކިޔުއްވާފައެވެ.

ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފަށާ މިހާތަނަށް އަށް މީހަކަށް ވަނީ އެ ބަލި ޖެހިފައެވެ. އަދި މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރި އެތައް ބަޔަކަށް އެ ބަލި ޖެހި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. އެ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ނުފެނުނުކަމުގައި ވިޔަސް، ދުނިޔޭގެ ބައެއް ގައުުމުތަކުގައި މި ބަލި ދަނީ ނުރައްކާ މިންވަރަކަށް ފެތުރެމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން ގުނޫތު ނާޒިލާ ކިޔާފައިވަނީ ދުނިޔޭގައި އޭރު ފެތުރެން ފެށި އެޗް1އެން1 ރޯގާއާއި ގުޅިގެން މާޗް 15، 2017 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top