އެއްދުވަސްތެރޭ ދަރަވަންދޫއަށް ޖެއްސި ފްލައިޓް އިތުރުވެ ރެކޯޑެއް؟!

20191229_094421.jpg

މޯލްޑިވިއަންގެ ފްލައިޓެއް ދަރަވަންދޫގައި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

އެއްދުވަސްތެރޭގައި ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ޖެއްސި ފްލައިޓްގެ އަދަދު ކުރީ އަހަރަށްވުރެ އިތުރުވެ، ރެކޯޑް އާކޮށްފިއެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބިޒީ ޑޮމެސްޓިކް އެއާޕޯޓްކަމުގައިވާ ދަރަވަންދޫ އެއާޕޯޓަށް 2018 ވަނައަހަރު އެއްދުވަސްތެރޭގައި އެންމެ ގިނަ ފްލައިޓް ޖެއްސި ރެކޯޑެއްގެ ގޮތުގައި ކުރިން އޮތީ 22 ފްލައިޓެވެ. އެރެކޯޑް އެއްދުވަސްތެރޭ 23 ފްލައިޓް ޖައްސައި އާކުރީ މިނިމުނު އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައިކަމަށް ދަރަވަންދޫ އެއާޕޯޓުން ބުނެއެވެ.

ދަރަވަންދޫ އެއާޕޯޓް މެނޭޖަރ ނާޒިމް އަބްދުއްސައްތާރު އީވީއަށް ވިދާޅުވީ އެވްރެޖްކޮށް މިދިޔަ އަހަރު ދުވާލަކު ޖެއްސި ފްލައިޓްގެ އަދަދު އުޅެނީ 17ގައި ކަމަށާ، މުޅިއަހަރަށް ބަލާއިރު 2018 އަށްވުރެ ފަނަރަ ފަސެންޓް ގިނަ ފްލައިޓް ދަރަވަންދޫއަށް އޮޕަރޭޓްކުރި ކަމަށެވެ. އަދި ފޯކާސްޓް ދައްކާގޮތުން މިފެށުނުއަހަރު އިތުރު ރެކޯޑްތައް ހަދާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

“އަހަރަކަށްވުރެ އަހަރެއް މިއަންނަނީ އިތުރުވަމުން، ބިޒީވަމުން. އެންމެފުރަތަމަ ދެހާސް ބާރަވަނަ އަހަރު ދުވާލަކު ހަތަރު ފްލައިޓުން ފެށީ، އެހެންގޮސް ކޮންމެ އަހަރަކު އިތުރުވަމުން މިއަންނަނީ ބޮޑުތަނުން. މިހާރު އެއްދުވަސްތެރޭގައި 23 ފްލައިޓް އޮޕަރޭޓް ކުރެވުނީމާ ދެންވިސްނާލާ އެއާޕޯޓް ބިޒީވަމުން އަންނަވަރު” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އަހަރުން އަހަރަށް ދަރަވަންދޫ އެއާޕޯޓަށް ޖައްސާ ފްލައިޓްގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެއެއާޕޯޓްގައި ގާއިމް ކޮށްފައިވާ ވަސީލަތްތަކަށް މާބޮޑު އުނދަގުލެއް އަދި ނެތްކަމަށެވެ. ނަމަވެސް ފަހުގެ ޒަމާނީ ހިދްމަތްތައް ތައާރަފް ކުރުމަށް އައިލެންޑް އޭވިއޭޝަންއާ މަޝްވަރާ ކުރަމުން އަންނަކަން ނާޒިމް ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި ހިންގާ 13 އެއާޕޯޓުގެ ތެރެއިން ގެއްލުމެއް ނެތި ހިންގަމުން ގެންދަނީ ވެލާނާ އިންޓަނޭޝަނަލްގެ އެއާޕޯޓުގެ އިތުރުން ދަރަވަންދޫ އެއާޕޯޓު އެކަނި ކަމަށް ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ބުނެފައެވެ. ދަރަވަންދޫ އެއާޕޯޓަށް ރާއްޖޭގެ ހުރިހާ އެއާލައިނަކުން ކޮންމެ ދުވަހަކު އެތަށް ފްލައިޓެއް ދަތުރުކުރެއެވެ. އޭގެތެރޭގައި މޯލްޑިވިއަން، ފްލައިމީ އަދި މަންތާ އެއާ ހިމެނެއެވެ.

ޓްރާންސްޕޯޓުން ބުނީ ދަރަވަންދޫގެ ވަށައިގެން ގިނަ ރިސޯޓުތަކެއް ހުރުމުގެ ސަބަބުން އެ އެއަރޕޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަކަމަށެވެ.

ދަރަވަންދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ 17 އޮކްޓޯބަރު 2012 ގައެވެ. އެއާޕޯޓް ހުޅުވައިދެއްވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top