ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: [ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ!] 2

d344ac66-9d7e-47bc-82a2-2555e8388c43.sized-1000x1000.jpg

ޕރ. ލެނޮކްސްގެ ތަގުރީރުގެ ތެރެއިން

ޕުރޮފެސްރ ޖޯން ލެނޮކްސް

ތަގުރީރުގެ މައްޗަށް ނަޒަރު ހިންގައިލުން: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

(8ނޮވެމްބަރާއި ގުޅޭ )

ސައިންސު ނެރެދޭ ނަތީޖާތަކާ ސިކުނޑި / ބުއްދި

[ދެން އޮތް ނުކުތާ ގުޅެނީ މި ތަގުރީރުގައި މާތްކަލާނގެ ވޮޑިގެންވާކަމާއި އަދި ސައިންސާއި ދީނާ ފުށުނާރާކަމުގެ މައްޗަށް ތަގުރީރުގެ ފެށުމުގައި ގެނެވޭނެ ކަމަށް ނަންގަނެވުނު ހެކިތަކުގެ ތެރެއިން ތިންވަނަ ބާވަތުގެ ހެއްކާއެވެ. ސައިންސު ނެރެދޭ ނަތީޖާތައް މާތްކަލާނގެ ވޮޑިގެންވާ ކަމަށް ހެކިދޭ ދިނުމާއެވެ.]

[މިނުކުތާ ބިނާވެފައިވަނީ ސައިންސުގެ މަސައްކަތްކުރުމަށް އިންސާނާގެ ސިކުނޑީގެ ނުވަތަ ބުއްދީގެ ބާރު ބޭނުންވާވުމާއެވެ. ސިނުޑި ނުވަތަ ބުއްދިއަކީ ކޮންއެއްޗެއްކަމާއި އަދި އޭގެ އަސްލާއެވެ. އިތުރަށް ކުރިޔަށް ދިޔުމުގެ ކުރިން ބުއްދިއާ ސިކުނޑި، މި ދެލަފުޒާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ.]

[ވިސްނުމުގެ ބާރަށް އިޝާރަތްކުރުމުގައި، ބައެއް އިލްމުވެރިން ‘ބުއްދި’ (މައިންޑް) ބޭނުންކުރުމާ ދުރަށްދާކަން ޕރ. ލެނޮކްސް ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އެފަދަ އިލްމުވެރިން ބޭނުންކުރައްވަނީ ‘ސިކުނޑި’ (ބްރެއިން)، މި ލަފްޒެވެ. މީގެ ސަބަބީ ‘ބުއްދި’ އޭ ބުނުމުން އިޝާރަތްކުރެވެނީ މާނަވީ، ލާހިއްސީ، އެއްޗަކަށެވެ. ‘ބުއްދި’ އޭގައި އަތްލައި ހިފޭ އެއްޗެއް ނޫނެވެ. ނުވަތަ އޭގެ ރަހަ ބެލި އޭގެ އަޑު އިވޭ އެއްޗެއް ނޫނެވެ. އާދެ، ހިއްސުތަކުގެ ޒަރިއްޔާއިން ދެނެގަނެވޭ އެއްޗެއް ނޫނެވެ. އެހެންވެ، ވިސްނުމުގެ ބާރަށް ބުއްދިއޭ ބުނެ އިޝާރަތްކުރުމުން، ތަތައްވުރުގެ ނަޒަރިއްޔާގެ އަލީގައި މިކަން އޮޅުންފިލުވައިދިނުން ދަތިވެއެވެ. މިއާ ޚިލާފަށް ވިސްނުމުގެ ބާރުގެ މަރުކަޒު ކަމުގައިވާ ‘ސިކުނޑި’ އަކީ އެ ބާރުކަން ބުނުމުން އެކަން ތަތައްވުރުގެ ނަޒަރިއްޔާގެ އަލީގައި އޮޅުންފިލުވައިދޭން ފަސޭހަވެއެވެ. ދަށު ފަންތީގެ ކާއިނާތުތަކުން ތަތައްވުރުވެ، އުފެދިފައިވާ އިންސާނާއާ ގުޅުވާލެވުމުންނެވެ. ނަމަވެސް، މިނަޒަރިއްޔާގެ އަލީގައި ސިކުނޑިއަކީ ކޮންއެއްޗެއްކަން ބުނެ، ތައާރަފުކުރުމުން ނިކުންނަ ނަތީޖާއަކީ ސިކުނޑި ބޭނުންކޮށްގެން ކުރެވޭ މަސައްކަތަކީ އަދި އެ މަސައްކަތުން ނެރެވޭ ނަތީޖާއަކީ އެއަށް އިތުބާރު ނުކުރެވޭ އެއްޗަކަށްވުމެވެ. އާދެ، ދެން، މިކަން ޕރ. ލެނޮކްސް އޮޅުންފިލުވައިދެއްވާ ގޮތުގެ މައްޗަށް ބަލާލަމާތޯއެވެ.]

ޕރ. ލެނޮކްސް ވިދާޅުވަނީ މީސްމީހުން ކުރެން، ސައިންސުގެ މަސައްކަތް ކުރުމަށް ކަލޭމެން ބޭނުންކުރަނީ ކޮންއެއްޗެއްތޯ އޭނާ އައްސަވާކަމުގެ ވާހަކައެވެ. މި ސުއާލުގެ ބޭނުމަކީ އެކަން ކުރަނީ ބުއްދި ނުވަތަ ސިކުނޑި ބޭނުންކޮށްގެން ކަން ފާހަގަކުރުމެވެ.

ދެން، ސިކުނޑިއަކީ ކޮބައިކަން އޮޅުންފިލުވައި ދިނުމަށް އެމީހުންގެ ކިބައިން  އެދިލައްވާ ވާހަކަ ވިދާޅުވެއެވެ. މީގެ ޖަވާބުގައި، ތަތައްވުރުގެ ނަޒަރިއްޔާގެ އަލީގައި ސިކުނޑިއަކީ ކޮން އެއްޗެއްކަން އޮޅުންފިލުވައިދީ އެމީހުން ބުނެއެވެ. ‘ސިކުނޑިއަކީ އެއްވެސް މަގުސަދެއް، އެކަން ވުމަށް އެހެން އެއްވެސް މީހެއްގެ މަގުދެއްކުމެއްނެތި، ހިނގަމުންއައި ކަންތައްތަކެއްގެ ނަތީޖާއެކެވެ.’ އާދެ، އެމީހުންގެ ނަޒަރުގައި އިންސާނާ އުފެދިފައިވަނީ މިގޮތުގެ މަތިންނެވެ. މިހެން ކަމަށް ވާނަމަ، ސިކުނޑިއަކީ އެ އަމިއްލައަށް، ބޭނުން ގޮތަކަށް، އެހެން ފަރާތެއްގެ މަގުދެއްކުމެއް ނެތި، މަސައްކަތްކޮށްފާނޭ އެއްޗެކެވެ. ދެން ޕރ. ލެނޮކްސް އެމީހުންނާ ކުރިމަތިކުރުވާ ސުއާލަކީ އެފަދަ ގޮތަކަށް މަސައްކަތްކުރާ އެއްޗަކަށް އިތުބާރުކުރެވިދާނޭތޯއެވެ؟ ހަމަ ގައިމުވެސް، ކަލޭމެންގެ ކޮމްޕިޔުޓަރުތަކަކީ  މިފަދަ ގޮތަކަށް މަސައްކަތްކުރާ އެއްޗަކަށް ވެއްޖެ ނަމަ ކަލޭމެން އެކޮމްޕިޔުޓަރުތަކެއް ކުޑަ ހިނދުކޮޅަކަށް ވެސް ބޭނުމެއް ނުކުރީހެވެ.

ދެން ޕރ. ލެނޮކްސް ވިދާޅުވަނީ މި ހުއްޖަތުގެ ވާހަކަ ގޮސް ގުޅެނީ ޚުދް ޗާރލްސް ޑާރވިން (އަވަހާރަވީ 1882ގައި) އާކަމެވެ. ތަތައްވުރު ނަޒަރިއްޔާގެ ބާނީއާކަމެވެ. ޗާރލްސް ޑާވިން ވިދާޅުވެފައި އޮވެއެވެ. “(ކާއިނާތުތައް އުފެދި ތަތައްވުރުވުމުގެ ފަންތިތަކުގެ ތެރެއިން) ތިރީ ފަންތީގައި ހިމެނޭ ހައިވާނުންގެ ސިކުނޑިން އުފެދި ތަރައްގީވެ ކުރިއަރާފައިވާ އިންސާނާގެ ސިކުނޑި ހޯދާ ހޯދުންތަކާ މެދު ކަށަވަރުކޮށް ޔަގީންކަމާއިއެކު އިންސާނާ ގަބޫލުކުރާ ކުރުންތަކުގައި އެއްވެސް އަގެއް ނުވަތަ އެކަންކަމަށް އެއްވެސް އިތުބާރެއް ކުރެވިދާނޭ ކަމާމެދު އަހަރެންގެ ހިތުގައި ބިރުވެރި ޝައްކުކަމެއް އުފެދެއެވެ.” [އާދެ، އިންސާނާއަކީ އެއްވެސް އެހެން ފަރާތެއްގެ އިރާދީ ބާރެއް ނެތި، އެއްވެސް މަގުސަދެއް ނެތި އުފެދިފައިވާ ކާއިނެއް ކަމަށްވާ ނަމަ، އޭނާގެ ސިކުނޑި ހޯދާ ހޯދުންތަކާއި އެ ސިކުނޑި ނެރެދޭ ނަތީޖާތަކަކީ ހައްގު ތެދުކަމުގައި ބެލެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެނީ، މަންތިގީ ހަމައަކުން ބަލާއިރު، އެފަދަ މީހެއްގެ، ސިކުނޑީގެ އުފެއްދުންތައް ވެސް، ހޯދުންތައް ވެސް، ވާންޖެހޭނީ މާނައެއް ނެތް އެއްޗިއްސަށެވެ. އެކަންކަމަކީ މާނައެއް ހުރި ކަމެއް ކަމަށް ވަންޏާ، އިންސާނާއާ އޭނާގެ ސިކުނޑި ނުވަތަ ބުއްދި ވެސް، ވާންޖެހޭނީ އެހެން އިރާދީ ބާރެއްގެ މަގުދެއްކިގެން، މަގުސަދެއް އޮވެގެން އުފެއްދިފައިވާ ކާއިނަކަށެވެ.] މިހެންވެ، މި ހުއްޖަތަކީ ވަރަށްވެސް މުހިއްމު ހުއްޖަތެއްކަން ޕރ. ލެނޮކްސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ އިތުރު ތަފްސީލުތައް އޭނާގެ ބައެއް ލިޔުއްވުންތަކުން ފެންނަން އޮންނާނެ ވާހަކަވެސް ވިދާޅުވިއެވެ. [މިލިޔުމުގެ ފުރަތަމަބައިގައި ހިމެނޭ ޕރ. ލެނޮކްސް ތައާރުފުގެ ވާހަކަތަކުގައި އޭނާގެ ލިޔުންތަކުގެ ވާހަކަ ވެސް ނަންގަނެވިފައި އޮންނާނެއެވެ.]

ޕރ ލެނޮކްސްގެ ބައެއް ލިޔުއްވުންތައް

އަދި (އިލާހިއްޔަތާއި ލާއިލާހިއްޔަތުގެ)މި މުނާޒަރާގައި މިހުއްޖަތް މިހާރު މައިގަނޑު ހުއްޖަތަކަށް ވަމުން އަންނަކަމާ އެކަމުގެ ސަބަބުވެސް ޕރ. ލެނޮކްސް ބަޔާންކޮށްދެއްވިއެވެ. މިގޮތުން ލާއިލާހީއެއް ކަމަށްވާ ޖޯން ގްރޭ ގެ ބަސްކޮޅެއް ގެނެސްދެއްވިއެވެ. “މިޒަމާނުގެ އިންސާނިއްޔަތުގެ ފަލްސަފާގެ އަގީދާއަކީ ސައިންސު މެދުވެރިކޮށް އިންސާނުންނަށް ހައްގާއި ހަމައަށް ވާސިލުވެވިދާނޭކަމެވެ. އަދި އެގޮތުން އޭނާއަށް [ދީނީ އަޚުލާގީ ގައިދުތަކުން] މިނިވަން ވެވިދާނޭކަމެވެ. ނަމަވެސް ޑާވިންގެ ތަބީއަތުގެ ހޮވުމުގެ [ނެޗުރަލް ސިލެކްޝަންގެ] ނަޒަރިއްޔާއަކީ ތެދެއްކަމަށްވާ ނަމަ، މިއީ މުސްތަހީލު ކަމެކެވެ. އެހެނީ އިންސާނީ ސިކުނޑި ހޯދަން މަސައްކަތް ކުރަނީ ( ކާއިނާތުތައް) އުފެދި ތަރައްގީވެ، އެހެން އެއްޗިއްސަށް ފުރޮޅިގެންދާ ގޮތެވެ. [އެންމެ ފަހުގެ] ހައްގު، [ކަންކަމުގެ އަސްލު]، ހޯދުމަކަށް ނޫނެވެ.” އަދިވެސް، ލާއިލާހިއްޔަތުގެ ވާހަކަތަކުގެ ހޮއިކަން ފާހަގަކުރެއްވުމުގެ ގޮތުން، އެހެން މުފައްކިރެއްގެ ވާހަކަ ކޮޅުވެސް ގެންނެވިއެވެ. ދުނިޔޭގެ އެންމެ ކުރީސަފުގެ ފަލްސަފާވެރިންގެ ތެރޭގައި ހިމެނޭ އަލްވިން ޕްލެޓިންގާ ވިދާޅުވަނީ ޑޯކިންސްގެ ވާހަކައަކީ ހައްގު ތެދު ކަމަށްވާނަމަ، އަދި އަހަރުމެންނަކީ މާނައެއްނެތް އެއްވެސް [އެހެން އިރާދީ ބާރެއްގެ] މަގުދެއްކުމެއް ނެތި ކުރިޔަށްދިޔަ ކަންތައްތަކެއްގެ ނަތީޖާ ކަމަށްވާނަމަ، އިންސާނާގެ [ކަންތައްތައް] ދެނެގަތުމުގެ ބާރުތަކުގެ [އެބަހީ އިންސާނާގެ ސިކުނޑީގެ] މައްޗަށް އިއުތިމާދުކުރުމާ މެދު ޝައްކުކުރުމަށް، އޭނާގެ އަމިއްލަ ލާއިލާހިއްޔަތުވެސް މިކަމުގެ ތެރޭ ހިމެނޭ ގޮތެއްގައި، ޑޯކިންސް އަހަރުމެންނަށް ވަރަށްވެސް ވަރުގަދަ ސަބަބެއް ދައްކައިދީފިއެވެ. އަދި އެހެންވެ، މިކަމާއި ވިދިގެން، އެބާރުތައް އުފައްދާ އެއްވެސް ގަބޫލުކުރުމެއްގެ ތެދުކަމާއިމެދު ޝައްކުކުރުމުގެ ސަބަބުވެސް ދައްކުވައިދީފިއެވެ.”

މިވާހަކަތަކުގެ އިތުރުން، މިޒަމާނުގެ ލާއިލާހިއްޔަތުގެ ފިކުރުގެ ދުނިޔަވީނަޒަރަކީ، އާދެ، ޑާވީނަށް ނިސްބަތްވާ އަދުގެ (ނިޔޯ-ޑާވީނިއަން) ދުނިޔަވީނަޒަރަކީ، ގާތްގަނޑަކަށް ޔަގީނާގާތަށް ބާތިލު އެއްޗެއްކަން ފަލްސަފާވެރިއެއްކަމަށްވާ ތޯމަސް ނޭގަލް، އޭނާގެ ‘މައިންޑް އެންޑް ކޮސްމޯސް’، މިފޮތުގައި ބަޔާންކޮށްދެއްވާކަން ޕރ. ލެނޮކްސް ބާރުއަޅުއްވައި ފާހަގަކުރެއްވިއެވެ.

ތޯމަސް ނޭގަލްގެ ‘މައިންޑް އެންޑް ކޮސްމޯސް’

ނޭގަލްގެ ވާހަކައިގެ ޚުލާސާއަކީ ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރާ މީހުން ގަބޫލުކުރަންޖެހެނީ އިންސާނާގެ ސިނކުޑިއާ ގުޅޭ ކަންކަމަކީ ހަމައެކަނި ތަބީއަތުގެ ދުނިޔެއާއި ގުޅިފައިވާ ކަމަކަށް ނުވާނަމަ، ސިކުނޑިއާ ގުޅޭކަންކަން ތަބީއީ ސައިންސުގެ އަލީގައި އޮޅުންފިލުވައި ނުދެވޭނޭކަމެވެ. އަދި، ނުސީދާ ގޮތެއްގައި، ތަބީއީ ތަތައްވުރުގެ ނަޒަރިއްޔާ ބުނެދެނީ އަހަރުމެން ގަބޫލުކުރާ އެއްވެސް ގަބޫލުކުރުމެއް، އެއަށް ފުރިހަމަ ގޮތެއްގައި އިތުބާރުކޮށް، ގަބޫލު ނުކުރުމަށެވެ. މިކަމުގެ ތެރޭގައި ތަބީއީ ތަތައްވުރު، ސީދާ އޭގެ މައްޗަށް އިއުތިމާދުވާ، ސައިންސު ދައްކުވައިދޭ ދުނިޔޭގެ ސޫރަވެސް [އާދެ، ކައުނު ވުޖޫދުގައިވަނީ އަމިއްލައަށްކަން] ހިމެނެއެވެ.’

 

މިހިސާބުން ޕރ. ލެނޮކްސްގެ ވާހަކަކޮޅު ނިމުމަކަށް ގެންނަވައެވެ. ލާއިލާއިލާހިއްޔަތުގެ ފިކުރުގެ ވާހަކަތައް، ސައިންސުގެ މަސައްކަތް ކުރުމާ އަދި ބުއްދީގެ އެހެން އެއްވެސް މަސައްކަތެއް ކުރުމާ ފުށުއަރާކަމަށް، މަތީގައި ބަޔާންކުރެވިދިޔަ ވާހަކަތައް އަންގައިދޭކަމަށް ވިދާޅުވެ، އޭނާގެ ވާހަކަކޮޅުގެ ނަތީޖާ ބަޔާންކުރައްވައެވެ. ސައިންސުގެ ހެކިތައް އަންގައިދެނީ ސައިންސުގެ މަސައްކަތާ ލާއިލާހިއްޔަތު ނުގުޅޭކަމެވެ. މިއާ ޚިލާފަށް، ދީނާ ސައިންސުގެ މަސައްކަތާ ގުޅޭކަމާ އެދެކަމުގެ ދެމެދުގައި އެއްވެސް ފުށުއެރުމެއް ނެތްކަމެވެ. އަދި ސައިންސުގެ މަސައްކަތް ކުރެވުން ބިނާވެފައިއޮތީ ވެސް، އަދި ސައިންސުގެ ހޯދުންތައް ހެކިދެނީ ވެސް، މާތްކަލާނގެ ވޮޑިގެންވާ ކަމަށެވެ. ދީނުގެ ޖައުހަރީ މިއިއުތިގާދަކީ ސައްހަ އިއުތިގާދެއް ކަމެވެ.

[މިވާހަކަތަކުން އެނގި ސާފުވަނީ ސައިންސު އެހީވަނީ ކައުނާއި ކާއިނާތުތައް ވުޖޫދަށް އައުމުގެ އަމަލިއްޔާތުތައް ހޯދުމަށެވެ. އެކަންކަން ވުމަށް މެދުވެރިވީ ކަންތައްތައް ހޯދުމަށެވެ. އެކަމުގެ ހަމަތަކާއި ގާނޫނުތައް ދެނެގަތުމަށެވެ. މިކަންކަން އެނގުމުން، އެކަންކަން މެދުވެރިކުރައްވައި ކައުނާއި ކާއިނާތުތައް ވުޖޫދަށް ގެންނެވިފަރާތް، އާދެ، ޚާލިގުވަންތަ މާތްކަލާނގެ ވޮޑިގެންވުން، ނަފީކޮށް ބާތިލެއްނުކުރެއެވެ. މިއާ ޚިލާފަށް، ސައިންސުގެ ހޯދުންތައް އިޝާރަތްކުރަނީ މާތްކަލާނގެ ވޮޑިގެންވާ ކަމަށެވެ. ކީރިތި ގުރުއާނުގައި، ކުރިން ނަންގަނެވި ދިޔަ ފުއްސިލަތު ސޫރަތުގައި އިޝާރަތްކުރެވިފައިވާފަދައިންނެވެ. سنريهم آياتنا في الآفاق وفي أنفسهم حتى يتبين أنه الحق من ربكم (ކައުނުގެ އެކި ދިމަދިމާއިންނާއި އެމީހުންގެ (އަމިއްލަ) ނަފްސުތަކުން، މި (ޤުރުއާނަކީ) ހައްގު ބަސްފުޅުކަން ފާޅުވެ، އެނގިދިޔުމަށްޓަކައި، އެމީހުންނަށް ތިމަން ރަސްކަލާނގެ އާޔަތްތައް، ހެކިތައް، ދައްކުވާހުށީމެވެ. (ފުއްސިލަތު ސޫރަތުގެ 53ވަނަ އާޔަތް)]. އާދެ، ސައިންސުގެ ހޯދުންތައް، އިންސާނާގެ ވިސްނުމާއި ފިކުރުގެ ހޯދުންތައް ގޮވާލަނީ މާތްކަލާނގެ ވޮޑިގެންވާކަމުގެ މައްޗަށް އީމާންވުމަށެވެ.

މިކަމުގެ މައްޗަށް ބާރުއަޅުއްވައި، ޕރ. ލެނޮކްސް ތަގުރީރު ނިންމާލައްވަމުން ވިދާޅުވިއެވެ. އަހަރުމެންގެ ހަށިތަކުގައިވާ ދިހަ ޓްރިލިއަން ޚަލިއްޔާތަކުގެތެރެއިން ކޮންމެ ޚަލިއްޔާއެއްގައި ކަލިމައެއް ވެއެވެ. އެކަލިމަ، އެލަފްޒު، އިޝާރާތްކުރަނީ ކައުނާއި ކާއިނާތުތައް ވުޖޫދަށް އައީ އިލާހީ ޚަލްގު ކުރެއްވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ހުރިހާ އެއްޗެއް އުފެދުމުގެ އަސްލެއްކަމުގައި އެންމެ ފުރަތަމަ އޮތީ އިލާހީ ކަލިމަފުޅެވެ. އާދެ، [އާދެ، ކީރިތި ޤުރުއާނުގެ އިބާރާތުން ބުނާ ނަމަ، كن فيكون (ވާށެވެ! ދެން ވެދެއެވެ)]، ކައުނާއި ކާއިނާތުތައް އުފެދެން، އެންމެ ފުރަތަމަ މެދުވެރިވީ މިކަލިމަފުޅުގެ އިލާހީ އަމުރުފުޅެވެ

[ޕރ. ލެނޮކްސްގެ ވީޑިޔޯ ދިވެހި ‘ދަށުޖަމާ’އާއެކު ތިރީގައި އެވަނީއެވެ.

https://www.youtube.com/watch?v=6R0C8_TADk8

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top