ކޮއްކޮ ބެލުމަށް ދައްތައާ ހަވާލުކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟

siblings.jpg

(ލިއުނީ: އައިޝަތު ފާތިނާ އިބްރާހީމް)    ކޮއްކޮ ބެލުމަށް ދައްތައާ ހަވާލުކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބާ ހެއްޔެވެ. މިއީ އެނގެން ޖެހޭ ކަމެކެވެ. އެއް ގޭގައި ތަފާތު އުމުރުގެ ކުދިން އުޅޭއިރު ބައެއް ފަހަރު މަންމަ ބޭރަށް ދިއުން ނޫނީ ކޮންމެވެސް އެހެން ކަމެއްގައި އަވަދިނެތި އުޅެން ދިމާވާ ފަހަރު ވަރަށް ގިނައިން ކޮއްކޮ ބެލުމަށް އޭނާގެ ދައްތައާއި ހަވާލު ކުރެވެއެވެ. އެހެންނަމަވެސް މިގޮތަށް ކަންތައް ކުރުމުން ބައެއް ފަހަރު ކޮއްކޮއާއި ދައްތަ އާ ދެމެދު އޮންނަންޖޭހޭ ގާތްކަމުގެ ބަދަލުގައި މުޅި އުމުރަށް ދެބެއިންގެ މެދުގައި ދުރުކަމެއް އޮންނަން ޖެހެ ގޮތް ދިމާވެއެވެ.

ނެޝަނަލް ކޮންފަރެންސް އޮފް ދަ އެމެރިކަން އެކެޑެމީ އޮފް ޕެޑިއަޓްރިކްސްއިން ކުރި ދިރާސާއަކުން ދެއްކިގޮތުގައި ދޮށީ ދަރިފުޅު 4 ގަޑިއިރަށްވުރެ ގިނައިން އެކަނި ގޭގައި ހުންނަން ދޫކޮށްލަން އެންމެ ރަނގަޅު އުމުރަކީ 12 އަހަރެވެ.

ދަރިފުޅު އެކަނި ގޭގައި ހުރުމަށާއި އަދި ހަގަށް ތިބޭ ކުދިން ބަލަން ދަސްކޮށްދިނުމުގެ ގޮތުން އެކުދިން އެޒިންމާތައް އަދާކުރުމަށް ބޭނުންވަނީ ކިހާވަރަކަށްތޯ ބެލެނިވެރިންނަށް ބެލެވިދާނެއެވެ. މިސާލަކަށް މިކަންތައް ކޮށްދީފިއްޔާ ހަދިޔާއެއް ދޭނެކަމަށް ބުނެ އެކުދިން މިކަން ކުރުމުގެ ޝައުގުވެރިކަން ހުރީ ކިހާ ވަރަކަށްތޯ ބެލިދާނެއެވެ.

ފަހުގެ ސާވޭއަކުން ދެއްކި ގޮތުގައި ދޮށީ ދަރިފުޅު ބެލެނިވެރިއެއްގެ އެހީއަކާ ނުލައި އުމުރުން ހަގު ކުއްޖެއް ބެލުމުގެ ގާބިލްކަން ލިބިފައިވޭތޯ ބަލަންވާނީ އެކުއްޖާ ބެލުމުގައި އިހުމާލުވެވޭ ކަންތައްތަކުގެ މައްޗަށެވެ.

ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމުގައިވާ ޑރ. ސާރާ ވިދާޅުވި ގޮތުގައި ދޮށީ ދަރިފުޅު ކޮއްކޮ ބެލުމަށް ހަވާލު ކުރުމުގެ ކުރިން އޭނާއާ އާއިލާގެ އެހެން މެމްބަރުންނާއި އޮތް ގުޅުން ބަލާލަންޖެހޭނެ އެވެ. މިސާލަކަށް 12 އަހަރުގެ ކުއްޖަކާ 9 އަހަރުގެ ކުއްޖެއްގެ ދެމެދުގައި ރަގަނޅު ގުޅުމެއް ނޯންނަނަމަ ދޮށީދަރިފުޅަށް ކޮއްކޮ ބެލިދާނެކަމަށް ޑރ. ސާރާ ގަބޫލެއް ނުކުރައްވައެވެ. އެހެންނަމަވެސް ހަމަ އެ ބާރަ އަހަރުގެ ކުއްޖާއާ އަވަށްޓެރިޔާގެ ދަރިފުޅާ ދެމެދު ރަނގަޅު ގުޅުމެއް އޮންނަނަމަ އެކުއްޖާ ބެލުމަށް 12 އަހަރުގެ ކުއްޖާއާ ހަވާލުކުރެވިދާނެކަމަށް ޑރ.ސާރާ ވިދާޅުވިއެވެ.

ކުދިން އެކަނި ތަނެއްގައި ހުންނަން ބިރުގަންނަ ނަމަ ނުވަތަ މާހައުލަށް ހޭލުންތެރި ނުވާނަމަ އެކުދިން އެކަނި ދޫކޮށްލުން ބުއްދިވެރިއެއް ނޫނެވެ.

ކުދިން އެކަނި ދޫކޮށްލަން އެންމެ ހަގު އުމުރަކީ ކޮން އުމުރެއް ހެއްޔެވެ؟ ކެލިފޯނިއާގެ ސައިކޯތެރަޕިސްޓް ޑރ.ފްރޭން ވޯލްފިޝް ގަބޫލުކުރަނީ ގިނަވެގެން 4 ގަޑިއިރަށް ކުއްޖާ އެކަނި ދޫކޮށްލަން އެންމެ އެކަށީގެންވާ އުމުރަކީ 15 އަހަރުކަމުގައެވެ. “މިހާރުވެސް އަހަންނަކަށް ނުކެރޭ 15 އަހަރާއި 16 އަހަރުގެ ކުދިން އެންމެ 4 ގަޑިއިރަށްވެސް  އެކަނި ގޭގައި ތިއްބާފައި ބޭރަށް ދާން. ނަމަވެސް އަހަރެންނަށް ކެރިދާނެ 13 އަހަރާއި 14 އަހަރުގެ ކުދިން 14 ގަޑިއިރަށްވެސް ގޭގައި ބައިތިއްބާފައި ބޭރަށް ދާން.” ޑރ.ވޯލްފިޝް ވިދާޅުވިއެވެ. “ބެލެނިވެރިން އެބަޖެހޭ ކުދިން އަމިއްލައަށް އުޅުމުގެ އާދަ ދަސްކޮށްދިނުމަށް ޒިންމާދާރު ކަންތައްތަކެއް ދަސްކޮށްދޭން. ސްކޫލުން ރަގަޅު ނަތީޖާ ހޯދުމާއި، މައިންބަފައިން ދޭ އިރުޝާދުތައް ކަނުލައި އަޑުއެހުމާއި ، މުޖުތަމައާއެކު ރަނގަޅު ގުޅުމެއް އޮތުމާއި ، ދުވަސްވީ މީހުންނަށް އިޙްތިރާމްކުރުމާއި، އާއިލާގެ އެހެނިހެން މެމްބަރުންނާއެކު ( ކޮއްކޮއިންނާއި ، ބޭބެމެންނާއި، ދައްތަމެން) ރަނގަޅު ގުޅުމެއް ބޭއްވުމަށާއި ، ގޭތެރޭގެ މަސައްކަތްތައްކުރުން ފަދަ ކަންކަމަކީ ޑރ.ވޯލްފިޝްގެ ނަޒަރުން ކުދިން ޒިންމާދާރު ކުރުވުމުގެ ގޮތުން ދަސްކޮށްދޭން ޖެހޭ ކަންތައް ތަކެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު