ސަތޭކައަކުން އެކެއް

މޫސަ އަމިއްލަ ވަޑާންގޭގައި މަސައްކަތް ކުރަނީ. ވަޑާންކުރުމުގެ އިތުރުން މޫސައަކީ އިޖްތިމާއީ ހިދްމަތްތެރިކަމުގެވެސް ނަމޫނާއެއް / އީވީ ފޮޓޯ

މޫސަ އަމިއްލަ ވަޑާންގޭގައި މަސައްކަތް ކުރަނީ. ވަޑާންކުރުމުގެ އިތުރުން މޫސައަކީ އިޖްތިމާއީ ހިދްމަތްތެރިކަމުގެވެސް ނަމޫނާއެއް / އީވީ ފޮޓޯ

“ގައުމު ތިމާއަށްކޮށްދެނީ ކޮންކަމެއްތޯނުބަލައި ގައުމަށްކަމެއްކޮށްދެވޭތޯބަލާށެވެ.” މިއީ އެމެރިކާގެ ރައްޔިތުންނަށް އެގައުމުގެ ރައީސް ވިދާޅުވެފައިވާ ވާހަކައެއްކަމުގައިވިޔަސް މިއަދު ދިވެހިންނަށްވެސްވަނީ މިބަހާމެދު ވިސްނަންޖެހިފައެވެ. ރައްޔިތުންގެޝަކުވާތައް އަބަދުވެސްއޮންނަނީ ގައުމު ތިމާއަށް ކޮށްދޭންެޖެހޭ ކަންތަކާމެދުގައެވެ. ތިމާގެފަރާތުން ގައުމަށް ކޮށްދޭންޖެހޭ ކަންތައްތަކެއްވާކަން ދަންނަނީ މަދުބައެކެވެ. މި ދާއިރާ ހަނިކޮށްލާނަމަ އެމީހަކު އުފަންވެފައިވާރަށަށް ބަލާއިލާއިރުވެސް ފެންނަނީ މިހަގީގަތެވެ. ކަމެއް ގޯސްވާއިރަށް ގައުމުގެބޮލުގައި އެކަންއެޅުވުމެވެ. ރަށުގެ ކޮންމެކަމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްކަމުގައި ގަބޫލުކުރެވުމެވެެ. އާއެކެވެ. ކޮށްދޭންޖެހޭނެކަމަށް ބަލަމާހިނގާށެވެ. އެހެންނަމަވެސް ރަށަށްއުފަންވީތީވެ ރަށުގެ ދަރިއަކަށްވީތީވެ ރަށަށްއަދާކޮށްދޭންޖެހޭ ފަރުދީ ޒިންމާއެއްއޮވެއެވެ. ހުރިހާކަމެއް ސަރުކާރަށް ބަރޯސާވެގެން ތިބުމަކީ ތަރައްގީގެދުވެލި ރައްޔިތުން އެދޭފަދަ ބާރުސްޕީޑެއްގައި ކުރިއަށްދާނެގޮތެއްނޫނެވެ. އެކަން މިރަށަށް އެކަނި ވިސްނާލުމުން ފުދޭނެއެވެ. މިރަށް މިއަދާހަމައަށް އައިއިރު ސަރުކާރުން ކޮށްދޭންޖެހޭ ގިނަކަންތައް ފަރުދީ ޒިންމާނަގައިގެން ކޮށްފައިހުރީ ރައްޔިތުންގެތެރޭގައި ގައުމު ތިމާއަށްކޮށްދެނީ ކޮންކަމެއްތޯނުބަލައި ތިބާގެފަރާތުން ގައުމަށްކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނާ ފިކުރުކުރާމީހުން އުޅޭތީއެވެ. އުޅުނަތީއެވެ. އޭދަފުށި ތަރައްގީވެފައިވަނީ އެމިސާލުންނެވެ. ރަށުގެ އުމުރާނީތަރައްގީއަކީީ އޭގެނަމޫނާއެކެވެ. ރަށުގެ ތައުލީމަކީ އޭގެމިސާލެކެވެ. ރިޔާޒީގޮތުންނާއި ތިޖާރީގޮތުން ރަށަށްއައި ކުރިއެރުމަކީީ އޭގެހެއްކެކެވެ. އޭދަފުއްޓަށް ތަރައްގީއެއް އައިކަމަށް ގަބޫލުކުރެވޭނަމަ އެތަރައްގީ އައިސްފާވަނީ އަމިއްލައެދުމެއްނެތި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ރޫޙްހުރި ރަށުގެދަރިންތަކެއްގެ ހިތްވަރުންނެވެ. އޭދަފުށި އޭދަފުއްޓަކަށްވީ އެދަރިންގެ އަގުބޮޑު މަސައްކަތުންނެވެ. އެހެންނަމަވެސް ޒަމާނާ މީހުންގެވިސްނުމާ ފިކުރަށްއައި ނުރަނގަޅުބަދަލާއެކު އަދުގެހާލަތަށް ބަލާއިރު މިދެންނެވިފަދަމީހުންނަކީ އިނގިލިކުރިން ގުނާލެވޭހާމަދުބައެކެވެ. މި މަދު މީހުންގެތެރޭގައި ހިމެނޭއެކަކީ އޭދަފުށީ ކާށިދޫގޭ މޫސާ މުހައްމަދެވެ.

މޫސައަކީ އޭދަފުށީގެ އާދައިގެ އާއިލާއަކުންއުފެދުނު ކުދިންގެތެރޭގައިހުރި ހަމައެކަނި ފިރިހެންދަރިފުޅެވެެ. މަސްވެރިކަމުން ލިބޭ މަދު އާމްދަނީއިން ގޭތެރޭގެ ޚަރަދުތައް ކިރިޔާ ފުއްދާލެވޭވަރުވިޔަސް ނުވަތަނުވިޔަސް ދަރިންނަށް ކިޔަވައިދިނުމަކީ މޫސަގެބައްޕަގެ އިސްވާޖިބުކަމުގައިިހެދިއެވެ. މޫސާއަކީ ތައުލީމީރޮނގުން މޮޅުމީހަކަށްހެދުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ބައްޕަގެ އެއެދުން އެންމެ ރަނގަޅަށް މޫސައަށް ފުރިހަމަކޮށްދެވިފައިނެތަސް ނުވަތަ ތައުލީމީހަޔާތުގައި ބޮޑެތި ކާމިޔާބުތަކެއް ނުހޯދުނަސް އޭނާއަކީ އޭދަފުށީ ބަހިއްޔާއިން ތައުލީމު ހާސިލްކޮށްގެންހުރި މީހެއްކަމުގެ ޝަރަފު ދޭންޖެހެއެވެ.

އެންމެ ޅައިރުންފެށިގެންް އޭނާ އެންމެ ގަޔާވެގެން ކުރާހިތުންް ކުރިމަސައްކަތަކީ ވަޑާމުގެ މަސައްކަތެވެ. އެއީ މޫސަގެ ކާމިޔާބީގެ ފެށުންކަމުގައި ބެލެވިދާނެއެވެ. އޭނާގެ އުމުރުން އެންމެ ހައެއްކަ އަހަރުގައި މިކަމުގެ ބިންގާއެޅީ ކަނދުދޯނި ހަދަންފެށުމާހަމައިންނެވެ. އޭދަފުއްޓަކީ އޭރުވެސްް ރ.އަތޮޅުން ވަޑިންގެނެސްގެންް އޮޑިހަރުގެތަކުގައި ދޯނިފަހަރު ބަންނަމުންދާރަށެކެވެ. އެތަން ބަލައިގެން މަސްދޯނިފަހަރާއި ވަދުދޯނިފަހަރު ހުންނަ ކިއްސަރަށް އެގޮތަށް ނުވައިންޗި ނުވަތަ ދިހައިންޗި ހުންނަވަރުގެ ދޯނިހެދުމަށް ދެވުނު ޝައުގުވެރިކަމުގެ ނަތީޖާއަކަށްވީ އޭނާހަދާ ދޯންޏަކީ އެއުމުރުގެ އެހެންކުދިން ހަދާ ދޯންޏަށްވުރެ ރީތި ދޯނިތަކެއްކަމުގައިވެ މީހުންގެ ތައުރީފްލިބެންފެށުމެވެ. މޫސަ ބޮޑުވަމުން އެދޯނިފަހަރުވެސް ބޮޑެތިވެ އުމުރުން ސޯޅައަހަރު ނުފުރެނީސް ހަތްފޫޓާ ސާދަފޫޓް ހުންނަވަރުގެ ހަތަރުދޯނި އޭނާ ބަނެވެ. މި ދޯނިތައް ބެލި ކޮންމެމީހަކު އޭނާއަށް މިމަސައްކަތުގައި ކުރިއަށްދިއުމަށް ހިތްވަރުދިނެވެ. އެހެންކަމުން މޫސައަށް މިމަސައްކަތުގައި ކުރިއެރުން ލިބިދާނެކަމުގެ ޔަގީންކަން ލިބުނީއެވެ. މި ޔަގީންކަމަށްލިބުނު އިތުރުބާރަކީ އޭނާގެ އަމިއްލަ މަސައްކަތުން ބަން އެގާރަފޫޓްގެ މަސްދޯނި ރާއްޖޭގެ އަތްތެރިމަސައްކަތުގެ މައުރަޒުގައި ބައިވެރިކޮށްގެން އެއްވަނަލިބުމެވެ.މޫސަގެ ޅައިރުގެ ހަނދާންތައް ގުޅިފައިވާ ދޯންޏެއް. މިއީވެސް މޫސަ ބަދެފައިވާ ދޯންޏެއް.

މޫސަގެ ޅައިރުގެ ހަނދާންތައް ގުޅިފައިވާ ދޯންޏެއް. މިއީވެސް މޫސަ ބަދެފައިވާ ދޯންޏެއް.

އުމުރުގެ ޅަކަމުންކަންނޭނގެއެވެ. މިހާ ޅައުމުރުގާ މިލިބުނީ ކިހާބޮޑުފަޚްރަކާ ކިހާވަރެއްގެ ކާމިޔާބެއްކަން މޫސައަކަަށް ވަޒަނެއްނުކުރެވުނެވެ. އޭނާއަށް އެއްވަނަ ލިބިފައިވަނީ މި ފަންނުގައި ރާއްޖޭގައި ތިބި އެންމެ މޮޅުމީހުންގެ ޕެނަލަކުން އިންސާފުކުރުމަށްފަހު މައުރަޒަށް ހުށަހެޅި މިކަހަލަ އެތައް އެއްޗެއްގެ ތެރެއިން ފުރޭނިގެންްކަންވެސް ނޭގުނެވެ. އެހެންކަމުން ވަޑާމުގެ މަސައްކަތަކީ ހޮބީ އެއްކަމަށް ބަލާފައި ކާބަފައިންނެކޭ އެއްގޮތަށް އޭނާވެސް ދީލާލީ ޅައުމުރުގާ ކުރުދޮށީގައިހިފާށެވެ. މަޝްހޫރު ކެޔޮޅަކަށްވެގެން ދޮރުކަނޑުން ގޮދާބާނަންދާށެވެ. ނޫކަށި ފުރައިގެ ޒުވާންކަމާ ބައްޕަގެ ތަޖްރިބާގެ ބޭނުންކޮށްގެން އިސާހިތަކު މޮޅު ކެޔޮޅަކަށްވެވިދާނެކަމަށް ހީކޮށްގެން ދުވަސްކޮޅަކު މަހަށްވެސްދިޔައެވެ. އެހެންނަމަވެސް ހިތްހަމަޖެހޭކަހަލަ ނަތީޖާއަކާ ހަމައަށް ނާދެވުމުން މިމަސައްކަތަކީ އޭނާގެ އައިޑިއަލްކަމަކަށް ނުބެލެވުނެވެ. އެހެންކަމުން އޭނާގެ މިސްރާބު ބަދަލުކޮށްލީ ޔަގީންކަމާ އިތުބާރާއެކު އޭނާގެ ފަންނާދިމާއަށެވެ. އެކަމަކު ކުރިއަށްދާން ފެށީ ކިއްސަރުވަޑާމުގެ ބަދަލުގައި ތެދުއުއިވަޑާމުގެ ރޮނގުންނެވެ.

އާދައިގެ ރޮންދާއަކާ ކީހަކާ ދެތިންވަޑާންކަށި ބޭނުންކޮށްގެން ފެށިމަސައްކަތް ވައިގާހިފީ ބުރަ މަސައްކަތްތަކަކަށްފަހުގައެވެ. މީހުން ގަބޫލުކުރާފެންވަރުގެ އައުޓްޕުޓްތަކެއްވެސް ނެރެވިގެންނެވެ. މިމަސައްކަތުން ލިބޭ ކުރިއެރުމަށް ބަލަމުން ވަޑާންކުރަން ގެންގުޅޭސާމާނު މަޑުމަޑުން ކަރަންޓްއެއްޗިއްސަށް ބަދަލުކުރަމުންގޮސް އަށެއްކައަހަރުގެތެރޭގައި މިވިޔަފާރީގައި މޫސައަށް ގޮންޖަހާލެވޭވަރުގެމީހަކު އޭދަފުށީގައި ނެތްވަރަށް ކުރިއަށްދެމިގަތެވެ. އެހިސާބުން މޫސަ ފަސްއެނބުރި ބަލައެއްނުލައެވެ. އެކަން ތަރައްގީކުރަމުންގޮސް މިއަދު މޫސައަކީ އޭދަފުށީގައި މިރޮގުން އެންމެކުރީގައިހުރި މީހާއެވެ. އެންމެ ޕްރޮފެޝަނަލް ކާޕެންޓަރެވެ. މަސައްކަތްކުރަން ގެންގުޅޭ ޓޫލްސްތަކާ މެޝިންތަކަކީ އެންމެފަހުގެ އެއްޗިއްސެވެ. އޭނާގެ ސަމޫމް ކާޕެންޓްރީ ގެ ނަންބޯޑު ކިތަންމެ ކުޑަޔަސް އެ ކާޕެންޓްރީ ހިމެނިފައިވަނީ އިތުބާރު ބްރޭންޑެއްގެ ގޮތުގައެވެ.. އެތަން މަޝްހޫރުވުމުގެ ސަބަބުން އަތޮޅުގެ ރަށްރަށުންވެސް ރީތިކޮށް ގެއެއްގެ އިންޓީރިއާ މަސައްކަތްކުރަން ބޭނުންމީހުން އަންނަނީ އޭނާގެގާތަށެވެ. ސީލިންގކުރުމުން ފެށިގެން ބަދިގެ ކަބަޑްތަކާހަމައަށް ދާންދެން އޭނާލައްވާ ކުރުވާ މީހުންނަށްއޮތް ހިތްހަމަޖެހުމަކީ މަސައްކަތް ރީތިވެފައި ކޮލިޓީވުމެވެ. މީގެ ހެއްކަކީީ ރާއްޖެއިންބޭރުން އިމްޕޯޓްކޮށްފަ ހުންނަ މޮޅު ދޮރުފަތް އެއަށްވުރެ %25 އަގު ބޮޑުކޮށް އޭނާލައްވާ ޖައްސުވަން ބޭނުންވާމީހުންގެ ކިޔު ދިގުވެފައިއޮތުމެވެ. މާލޭބާޒާރުގައި ވިއްކަންހުންނަ އެންމެ ފެންވަރުރަނގަޅު ދޮރުފަތަކީ މޮޅުލަކުޑިން ޖަހާފައި ރީތިކޮށްހުންނަ ދޮރުފަތްކަމުގައިވިޔަސް އެއެއްޗެތީގެ އުމުރުކުރުވެފައި އެފެންވަރަށް ނުވަތަ އެއަށްވުރެވެސް މޮޅަށް މޫސަ އެމަސައްކަތް ކޮށްދޭތީއެވެ. އަގުބޮޑުވުމަކީ ޚިދުމަތްހޯދަން އަންނަމީހުން ހިތްހަމަ ނުޖެހޭ ކަމަކަށް ނުވާނެތޯ އެހުމުން މޫސާ އެއަށް ޖަވާބުދިނެވެ. “އަސްލު އަގު ބޮޑެއްނުވާނެ. ބޭނުންކުރާ ލަކުޑިއާ އެއަށްކުރަންޖެހޭ މަސައްކަތާ އަޅާކިޔާ ވިސްނާނަމަ އެކަން ގަބޫލު ކުރެވޭނެ” ކަމުގައެވެ.

މިހާހިސާބަށް އައިއިރު މި ޓީމްގައި ހިމެނެނީ އޭނާއާއެކު ތިންދަރިންނެވެ. ތައުލީމާއެކު ރަނގަޅަށް ތަރުބިއްޔަތުވެފައިތިބި ދަރިން އޮފީސްތަކުގެ އެގްޒެކެޓިވް ޗެއަރތައް ދޫކޮށްލާފައި އައީ ބައްޕަގެފަހަތުން ވަޑާންގެއަށެވެ. ތައުލީމު ލިބިފައިވުމުގެ މާނައަކީ އޮފީހެއްގެ މޭޒުކައިރީގައި ރީތި ޓައީއެއް އަޅައިގެން އިނުންނޫންކަމުގައި ގަބޫލުކުރެވޭތީއެވެ.

މަސައްކަތުގައި ދަރިން ހަރަކާތްތެރިވާންފެށުމުން ދެންދިމާކުރީ ރާއްޖެއިންބޭރުން ލަކުޑި އިމްޕޯޓްކޮށްގެން ގެނެސް ރަށުގައިވިއްކާށެވެ. އޭދަފުށިކަހަލަ ރަށަކުން ލިބެން ހުންނަންޖެހޭނެ ޚިދުމަތެއްކަމުގައި ދެކޭތީ ފެށި މިމަސައްކަތުގެ ސަބަބުން ހަމަގައިމުވެސް ރަށާ އަތޮޅުގެ ރައްޔިތުންނަށް ބޮޑުފަސޭހައެއް ވެގެންހިގައްޖެއެވެ. މާލެގޮސްގެން ނުވަތަ މާލެއިންގެނެސްގެން ނޫންގޮތަކަށް ލަކުޑިނުލިބުން ނިމުމަކަށްއައީއެވެ. ރައްޔިތުންނަށް ވަރަށް ބުރަވެފައި އޮތްކަމެއް މޫސަ ލުއިކޮށްދިނީއެވެެ. މާލެއިން ގަންނަން ލިބޭއަގަށް ނުވަތަ އެއަށްވުރެ އަގުހެޔޮކޮށެވެ.

ފާހަގަ ކޮށްލެވޭ މިފަދަ އަނެއް ޚިދުމަތަކީ އެލްމެނިއަމް މަސައްކަތެވެ. އެލްމެނިއަމްދޮރާ ދޮރުފަތްފަދަ ތަކެތި ޖަހައިދިނުމަށްފަހު ޑެލިވަރީއާއެކު ހަރުކޮށްދިނުމާހަމައަށްދެވޭ މިޚިދުމަތަކީ މާލޭގައި އެލްމެނިއަން މަސައްކަތްކުރާ މަޝްހޫރު ކުންފުނިތަކަށްވެސް ގޮންޖަހާލެވޭ ފެންވަރަށް ކުރެވެމުންދާ މަސައްކަތެކެވެ. އޭނާގެ ހުނަރުވެރި ދަރިންގެ މިމަސައްކަތަށް ސާބަސްދޭންޖެހެއެވެ. މަސައްކަތުގެ ކޮލިޓީއާއި ބޭނުންކުރާ މެޓީރިއަލް އާއި މަސައްކަތުގެ އަޚްލާގު ރަނގަޅުކަމުންނެވެ.

މިއަދު މޫސައަކީ އާދައިގެ މޫސައެއްނޫނެވެ. އޭނާގެ މަސައްކަތުގެ ދާއިރާ ފުޅާވެފައިވަނީ ވަޑާމާ އެލްމެނިއަމްއާ ލަކުޑިއާގުޅޭ ވިޔަފާރިއާހަމައަކަށްނޫނެވެ. އޭނާއަކީ އޮޑިދޯނިފަހަރު ގެންގުޅޭ އޮޑިވެރިއެއްވެސްމެއެެވެ.

މި ވަރުގަދަ ޓީމްގެ ކާމިޔާބާމެދު މިއަދު މޫސަހުރީ އުފަލުންނެވެެ. ޓީމްގެ ކެޕްޓަންބޭންޑް އޭނާގެދަރިފުޅު އަފްލަޙްއާއި ހަވާލުކުރުމަށްފަހު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ކާމިޔާބީގެ ފަޚްރުވެރިކަމާއެކު ވަރުބަލިކަން އިހްސާސްކުރުމުގައެވެ. އުމުރުން53 އަހަރުު ގުނެމުންދާއިރުު ދުނިޔެއަށްއައި މަގްސަދުވެސް ފުރިހަމަކުރެވިއްޖެކަމުގެ ހިތްހަމަޖެހުމާގައެވެ. އޭނާގެ އަލަތުކައިވެންޏާއެކު ލިބުނު ތިންކުދިންނަކީ މުޅި ރަށުންވެސް ހުނިޖަހާލާފައިނެގޭވަރުގެ ރަނގަޅު ދަރިންނަށްހެދިއެވެ. އޭނާގެ އާއިލާ އަކީ ތަނަވަސްކަމެއްނެތި ދުނިޔެއަށްއައި ބަޔަކަށްވިޔަސް ބުރަމަސައްކަތުން އެހާލަތު ބަދަލުކޮށް، ދުނިޔެއިން ވަކިވެދާއިރު އެދަނީ ދަރިންނަށް މުއްސަނދިކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދީފައެވެ.

އިޖްތިމާޢީ ޚިދުމަތް

ރޯދަމަސް ކައިރިވުމާއެކު ކޮންމެމީހަކުވެސް ކޮންމެރަށެއްގެ ރައްޔިތުންވެސް އެމަހަށް ދުރާލާ ތައްޔާރުވާންފަށައެވެ. ހެޔޮކަމުން ފުރިގެންވާ މިމައްސަރު ކައިރިވަމުން އަންނަ އިރު ރާއްޖޭގެ އެހެން ރަށްތަކުގެ އަހުލުވެރިންނާ އޭދަފުށީމީހުންގެ އިހްސާސް ތަފާތުވެދާނެއެވެ. އެމީހުންގެ އެންމެ އުފާވެރި އިހްސާސަކަށްވާނީ މިއަހަރު ރޯދަމަހު ތަރާވީޙް ނަމާދު ކުރަން އަންނަަަނީ ކޮން ޤައުމެއްގެ ޙާފިޒުންނެއް ބާއެވެ. ނުވަތަ މި އަހަރުވެސް ކުރީ އަހަރުތަކާ އެއްގޮތަށް ޙާފިޒުން އަންނާނެ ބާއެވެ.
މިއީ މޫސަގެ އާއިލާއިން އޭދަފުށީ ރައްޔިތުންނަށްޓަކާ ކޮށްދޭ އިޖްތިމާޢީ ޚިދުމަތެކެވެ. އަގު ނުކުރެވޭފަދަ ޚިދުމަތެކެވެ. މިވީހާތަނަށް އެއްވެސް މީހަކު ނުކޮށްދޭފަދަ އާ ޚިދުމަތެކެވެ. އޭނައާ އާއިލާ އަދި އޭނާހިމެނޭ ރަށުގެ ރައްޔިތުންގެ އާޚިރަތް ބާއްޖަވެރިކޮށްދިނުމުގެ މާތް މަޤްޞަދުގައި ކޮށްދެމުން އަންނަ ކަމެކެވެ. ކޮންމެއަހަރަކު ރާއްޖެއިންބޭރުން ދެޙާފިޡުން އޭދަފުއްޓަށް ތަރާވީޙްނަމާދު ކުރުމަށް ގެނެސްދެއްވުމެވެ. އަޑު މަޚްރަޖްރީތި ޤާރީވެރިން ގެނައުމުގެ ސަބަބުން ރަށުގެ ވަރަށްގިނަ އަންހެނުންނާ ފިރިހެނުން އެއަޑުއަހާލުމުގެ ބޭނުމާވެސް އެކު ތަރާވީހްނަމާދުގެ މާތް އަޅުކަމަށް ޝައުޤުވެރިކަމާއެކުދެއެވެ. ފަހުދިހައަށް އެޅުމުން މިޤާރީވެރިން ދަމުނަމާދުވެސް އިމާމުވެކުރައްވައެވެ. ހަމަމިއާއެކު ފަހުދިހައިގެ ކޮންމެވެސް އެއްރެއަކު ތަރާވީޙަށްދާ އެންމެންނަށް މޫސަގެ އާއިލާފަރާތުންދޭ “ތަރާވީހަކީ”ވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭކަމެކެވެ. މޫސަގެ މިޚިދުމަތުން ހިތްވަރުލިބިގެން އަވައްޓެރި މާޅޮސްފަދަ ރަށްރަށުންވެސް މިހާރު ހަމަމިގޮތަށް ރޯދަމަހަށް ޚާއްޞަކޮށްގެން ރާއްޖެއިން ބޭރުން ޤާރީން ގެންނަކަމީ ކިހާބޮޑު އުފަލެއްތޯއެވެ.

ދެންވެސްހުރީ ޚިދުމަތެވެ. މިރަށުގެ ޔޫސުފްކަލޭފާނުމިސްކިތް މިހާރު ފެންނަންހުރިގޮތަށް ބަދަލުކޮށްލުމުގައި މޫސަގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައި ދެންނެވިދާނެއެވެ. އެ މިސްކިތް ބާވެ މަރާމާތަށް ބޭނުންވެފައިހުއްޓާ އަމިއްލައަށް އެދިގެން މިސްކިތުގެ ދޮރާ ދޮރުފަތްތަކާ ސީލިންގއާ ޓައިލްސް ޖެހުންފަދަ ހުރިހާކަމެއްކޮށްފައި އެހެރީ ފާޑުކިޔާ މީހަކަށްވެސް އެމަސައްކަތަށް ތައުރީފު ނޫނީ ނުކުރެވޭ ފެންވަރުގައި އޭނާއެވެ. އިޖްތިމާޢީ ޚިދްމަތެއްގެ ގޮތުގައެވެ. މިސްކިތުގެ ނަންބޯޑާ ފަންނުވެރިކަމުގެ ނަމޫނާއެއްކަމުގައި ބެލެވޭނެ މިންބަރަކީ މޫސަގެ ކުޅަދާނަކަމާ މިރޮނގުން ކުރިއަށްގޮސްފައި ހުރިވަރު އަންގައިދޭނެ ހެއްކެކެވެ.

މަސްޖިދު ޔޫސުފްގައި ހުނަ މި މިންބަރަކީ މޫސަ ގެ ލާމަސިލު އުފެއްދުމެއް.

މަސްޖިދު ޔޫސުފްގައި ހުނަ މި މިންބަރަކީ މޫސަ ގެ ލާމަސިލު އުފެއްދުމެއް.

ބޮޑު މަރާމާތަކަށް ފަހު މަސްޖިދު ޔޫސުފް އަނެއްކާވެސް މިދިޔަ ހުކުރުދުވަހު ވަނީ ހުޅުވާފައެވެ. މިފަހަރުވެސް މިމަސައްކަތް ކޮށްފައިވަނީ މޫސަގެ މޭސްތިރިކަމުގެ ދަށުންނެވެ. އެހެންނަމަވެސް ކުރިންކުރި ގޮތަށް ހިލޭ ސާބަހަކަށްނޫނެވެ. މިސްކިތް މަރާމާތުކުރަން އިއުލާންކުރުމުން މޫސަ އެކަމަށް ކުރިމަތިލީ އެމަސައްކަތް އެހެންމީހަކަށް ލިބިއްޖެނަމަ އޭނާ ބޭނުންވާ ފެންވަރަށް މިސްކިތުގެ މަސައްކަތް ކުރެވިފައިހުންނާނެކަމަށް ގަބޫލު ނުކުރެވޭތީއެވެ. ފައިސާ އަށްވުރެ ބޮޑަށް ބެލީ މަސައްކަތް ރީތިކޮށް ކުރުމަށެވެ.

އިތުރަށް ދެންކަމެއްގެވާހަކަ ދަންނަވާނަމަ ރަށުގެ ދެމިސްކިތުގައި ހަރުކޮށްފައި އެހެރަ ޕޯސްޓަރުތަކާއި ލިއުންތަކަކީ އެއިން ގިނަބަޔަކަށް މަންފާ ކުރަނިވި ކަންތަކެއްކަމުގައި ވާނޭކަމާމެދު ޝައްކެއްނެތެވެ. ނަމާދުކޮށް ނިމިގެންކުރާ ޒިކުރުތަކާ އެހެންވެސް މިފަދަ ދުޢާތައް ހިތުން ކިޔަންނޭގޭ މީހުންނަށް މިއީ މޫސަ ކޮށްދީފައިވާ ކަމެކެވެ.

20150627_112701
މިހިސާބުން ނިމުނީއެއްނޫނެވެ. ދެންހުރީ އާއްމު ކުރަންބޭނުންނުވާ ޚިދުމަތެވެ. އާޚިރަތް އެދިގެން ކުރާ ކަންކަމެވެ. އެކަންކަން ސިއްރެއްގެ ގޮތުގައި ބާއްވަމާ ހިނގާށެވެ.

އަސްލުގައި މިއިން އެއްވެސް ކަމެއްގެ ވާހަކަ މިގޮތަށް ޢާއްމުކުރުމަކީ މޫސަ ހިތްހަމަ ޖެހޭކަމެއްނޫނެވެ. އަޅުގަނޑު މިގޮތަށް މޫސައާބެހޭ ރިޕޯޓެއްލިއުމުގެ ބޭނުމަކީ މޫސަގެ މޮޅުވާހަކަ ދައްކައިގެން އޭނާ އިޝްތިހާރުކުރުމެއްވެސް ނޫނެވެ. ބޭނުމަކީ މޫސަގެ ދިރިއުޅުމުން އިބްރަތްހޯދައިގެން މޫސާކަހަލަ ބަޔަކު އަޅުގަނޑުމެންގެތެރޭގައި އުފެދުމެވެ.

ނިންމާލުމުގެކުރިން އަދި އިތުރު ވާހަކައެއް ފާހަގަކޮށްލާހިތްވެއެވެެ. މޫސާގެ ކާމިޔާބު ހަޔާތް ބިނާވެފައި އޮތީ ތެދުވެރިކަމާއެކު މަސައްކަތްކުރުމުގެމައްޗަށެވެ. ވަކިމީހަކަށް ބެލުމެއްނެތި ހުރިހާ އެންމެންނަށް ހަމަހަމަކަމާ ހިތްހެޔޮކަމާއެކު ޚިދުމަތް ދިނުމުގެމައްޗަށެވެ. ހިނިތުންވެހުރެ ޚިދުމަތްހޯދަންއަންނަމީހުންނާ ބައްދަލުކުރުމާ ސީދަލަށް ވާހަކަދެއްކުމުގެމައްޗަށެވެ. ހުރިހާއެއްޗަކީ ފައިސާކަމަށްނުބަލައި ޖަމާއަތަށް ޚިދުމަތްކުރުމަކީ އެކަމުން ރޫޙާނީ އުފަލަކާ ހިތްހަމަޖެހުމެއް ލިބޭކަމެއްކަން ސާބިތުކޮށްދެމުންނެވެ. އޭނާގެ ދަރިންނަށްވެސް ދަސްކޮށްދީފައިވަނީ އެފިލާވަޅެވެ. މި ފިލާވަޅުގެބޭނުން އެންމެ އެދެވޭގޮތުގައި ހިފައިފިނަމަ އޭނާގެ ދަރިންވެސް ހިމެނޭނީ ބައްޕަ ފަދައިން ސަތޭކައަކުންް އެކެއްކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top