އޭދަފުށިން ގޯތި ދޫކުރުން: ރައްޔިތުންނާ ކުޅެން ސަރުކާރުން ގެންގުޅޭ ކާޑެއްތަ!؟  

eydhafushi.jpg

ބ. އޭދަފުށި /

އާބާދީ އިތުރުވަމުން ދާ ރަށަކުން ގޯތި ދޫނުކުރާތާ 30 އަހަރުވެގެން ދާއިރު ދެން އެރަށެއްގެ އިޖްތިމާއީ ހަޔާތަށް އައިސްފައި އޮންނާނެ ނުބައި ބަދަލުގެ ވާހަކަ ދައްކާނަމަ، ދެއްކޭނީ ރީތި ވާހަކަ ތަކެއް ނޫނެވެ. މިދައްކަނީ ޖީލެއް އުފަންވެ ޒުވާން ވުމަށް ނަގާނެ އުމުރުގެ ވާހަކައެވެ. އޭދަފުއްޓަށް މިއޮތީ މިކަން ދިމާވެފައެވެ.

އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވާތާ 30 އަހަރުވީއެވެ. އޭރުވެސް ގޯތި ދީފައިވަނީ ގޯތި ބޭނުންވާ އެތައް ބައެއްގެ ޕްރެޝަރ ބޮޑުވެގެންނެވެ. އެފަހަރު ގޯތި ދިން އިރުވެސް ހައްގު ނޫން ބަޔަކަށް ގޯތި ދިން ވާހަކައަކީ ގޯތިލިބުން ހައްގުވެ މިއަދާ ހަމައަށްވެސް ގޯތި ނުލިބި ”މަގުމަތިވެފައި ތިބި މީހުން” ކަރުނަ އަޅަމުން ދައްކާ ވާހަކައެކެވެ.

އެމީހުންގެ ދިރިއުޅުން ކޮންމެ ގޮތަކަށް ހުއްޓަސް މިއަދު އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އޭގެ ފަހުން އޭދަފުށި ފުރުނީއެވެ. ގޯތި ދެވޭނެ ގޮތް ހުސްވީއެވެ. އެއްގޭގައި އެތައް އާއިލާއެއް އުފަންވެ މިއަދު އެކުދިންވެސް ބޮޑެތިވެ މިހާރު ވަނީ ދިރިއުޅުން ފަށާފައެވެ. ނުވަތަ ފަށަން ވެފައެވެ. މިގޮތަށް ކުޑަތަންކޮޅެއްގައި އެތައް އާއިލާއެއް އުޅެން ޖެހުމުން އުފެދުނު އިޖްތިމާއީ އަދި އަޚްލާގީ ބޮޑެތި މައްސަލަތަކާ އާއިލާތަކުގައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާކަމުގެ ގުޅުން އޮތީ ކެނޑިފައެވެ. އެއީ ދެން އަނބުރާ އިއާދަ ކުރެވޭނެ ކަމެއް ނޫނެވެ.

2014ވަނަ އަހަރު އޭދަފުށިގެ ބިން ހިއްކުމުގެ ގޮތުން އޭރުގެ ސަރުކާރުން އަޅާލެވުނު ފުރަތަމަ ވެލި ކޮޅާއެކު އެދުވަސް ހަނދާނަށް ގެންނައިރު އެއީ ފަހުގެ ތާރީޚެއްގައި އޭދަފުށި ދުށް އެންމެ އުފާވެރިދުވަހެވެ. ރައްޔިތުންނަށް އެދުވަސް ވެގެން ދިޔައީ އީދު ދުވަހަކަށެވެ. އެންމެ ސަބަބަކާ ހުރެއެވެ. ބިން ފުރިފައިވާ ރަށަކަށް އިތުރު ބޮޑު ބިމެއް އިތުރުވެގެން ދިއުމެވެ. ގޯތި ބޭނުންވެފައި ތިބި މީހުންގެ މައްސަލައަށް ހައްލު ލިބިގެން ދިއުމެވެ. އިޖްތިމާއީ ހަޔާތަށް އަންނާނެ ރަނގަޅު ބަދަލެވެ. އިގްތިސާދީ ގޮތުން ރަށަށް ލިބޭނެ ކުރިއެރުމެވެ.

ބިންހިއްކައި ނިމުމަށްފަހު ލަސްތަކެއްނުވެ ގޯތި ދޭނެ ކަމަށް ސަރުކާރުން ހާމަ ކުރިއެވެ. ރައްޔިތުން ތިބީ އެދުވަހަކަށް ބަލަބަލައެވެ. 2016 ވަނަ އަހަރު، އޭދަފުށީގެ އާބާދީ ބޮޑު ކުރުމުގެ ވިސްނުމަކާއެކު ސަރުކާރުން އޭދަފުށީގައި 100ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި ބިޑަށް ހުޅުވާލުމުން ”ބޮޑެތި ކަންތައް ވާނީ ލަހުންތާއޭ” ހިތައި ގޯތި ދިނުން ލަސްވެގެން ފުސްމޫނު ދައްކައިގެން ތިބި މީހުންވެސް ހިނިތުންވެ ސަރުކާރާ މެދު އޮތް އިތުބާރު ބޮޑުވެގެން ދިޔައެވެ.

އެކަމަކު ހަގީގީ ކުލައެއް ނުޖެހުނެވެ. ފްލެޓް އަޅާ ވާހަކައާއި ގޯތި ދިނުމުގެ ވާހަކަ ވެގެން ދިޔައީ ސިޔާސީ ބޭނުންތަކަކަށްތަކައި ދެކެވުނު ‘ހޮޅި’ ވާހަކަތަކަކަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ގޮތުން ރައްޔިތުންނާ ކުޅެން ގެންގުޅުނު ކާޑެއްގެ ގޮތުގައި ރައްޔިތުން ދެކެން ފެށިއެވެ.

އިންތިހާބު ކައިރިވި ވަރަކަށް ފްލެޓްގެ އަޑު ގަދަވެ ހިއްކި ބިމުން ހަމަ މިހާރުވެސް ގޯތި ދީފާނެހެން ހީވާފަހަރުތައް އައީ މަދެއް ކޮށެއް ނޫނެވެ. 2018 ގެ ރިޔާސީ އިންތިހާބު ކައިރިވި ވަރަކަށް އެ ކާޑު އެކި ގޮތަށް އޭރުގެ ސަރުކާރާއި އިދިކޮޅުންވެސް ކުޅެމުން ގެންދިޔައެވެ.

ރައީސް ސޯލިހު، އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އޭދަފުއްޓަށް ވަޑައިގެން 6 މަސްދުވަހުގެ ތެރޭގައި އޭދަފުށި ރައްޔިތުންނަށް ގޯތި ދޭނެކަމަށް އެމްޑީޕީ ޖަގަހަ ކައިރީގައި ހުންނަވައިގެން އެއްވެފައިވާ މީހުންނާ މުހާތަބު ކުރައްވައި ވިދާޅެއް ނުވޭތޯއެވެ.

އެދުވަސް ވެސް ދިޔައީއެވެ. މަޖިލިސް އިންތިހާބު ބޯމަތިވެގެން އައިއިރު އަނެއްކާވެސް ބޮޑުވާހަކައަކަށް އޮތީ ގޯތީގެ ވާހަކައެވެ. އެމްޑީޕީއިން ވާދަކުރެއްވި ކެނޑިޑޭޓަށް ވޯޓު ހޯދުމަށް އަނެއްކާވެސް އެކާޑު ތަފާތު ގޮތަކަށް ކުޅެން ފެށިއެވެ. ރަށު ކައުންސިލަށް އެނގުމެއް ނެތި ގޯއްޗަށް އެދޭ މީހުންނަށް ފޯމު ތަކެއް ދޫކުރަމުން އައީ އެގޭމުގެ ތެރެއިންނެވެ. ނޫސްތައް މެދުވެރިކޮށް އަދި ސީދާ ރައްޔިތުންނާ ބައްދަލު ކުރައްވައި އޭދަފުށީގެ ތަސައްވަރު ކުރައްސަވަމުން ގެންދެވިއިރު އެންމެ ބޮޑު ވާހަކައަށް އޮތީ ވީހާ އަވަހަކަށް މި ރަށުން ގޯތި ދޫކުރުމެވެ.

އެދުވަސްވެސް ދިޔައީއެވެ. ރިޔާސީ އިންތިހާބު ނިމި ގޯތިދޭން ވައުދުވި ހަމަސް ދުވަސްވެސް ހަމަވެ އެއް އަހަރު ފުރެނީ އެވެ.

މިހާރު ތައްޔާރު ވަމުން މިއަންނަނީ ކައުންސިލް އިންތިހާބަށެވެ. އަނެއްކާވެސް އެކާޑު ކުޅެން ފެށީއެވެ. އެގޮތުން މި މަހުގެ 16ވަނަ ދުވަހު ވަނީ ގޯތި ދޫކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން އެކަމަށް އެދޭ ފޯމު ހުށަހެޅުމަށް އިއުލާނު ކޮށްފައެވެ.

ޔަގީން ކުރެވޭ ގޮތުގައި ރަށު ކައުންސިލުން މި އިއުލާނު ކުރާނީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ގޯއްޗަށް އެދި ރައްޔިތުން އެތައް ދުވަހަކުން ފެށިގެން ކުރަމުން އައި ޝަކުވާތައް ނިމުނީ ކަމުގެ ހިތްހަމަ ޖެހުމާ އެކުގައެވެ. އެކަމަކު އޭގެ އަނެއް ދުވަހު އެއިއުލާނު ބާތިލު ކުރީ މައުލޫމާތުގެ ފުށު އެރުން ތަކެއް ހުރުމުގެ ސަބަބު ދެއްކުމުގެ އިތުރުން މި ކަމުގައި ރަށު ކައުންސިލުގެ ބާރެއްނެތް ކަމުގެ ސުވާލު ރައްޔިތުންނަށް އުފައްދާފައެވެ.

އޭދަފުށީ ކައުންސިލުން ބުނީ ފޯމް ދޫކުރުން މަޑު ޖައްސާލީ ހައުސިންގ މިނިސްޓްރީން އެކަން މިވަގުތު މަޑުޖައްސާލަން އެންގެވުމުން ކަމުގައެވެ.

ކުޑަކުޑަ ފުށު އެރުމެއްގެ ސަބަބުން އެތައް ބައެއްގެ ހިތުގައި ދިއްލުނު އުއްމީދުގެ ހުޅުކޮޅު ނިވުނީއެވެ.  އޭގެ ބަދަލުގައި އެވިދާޅުވާ ފުށުއެރުން އޮތް ލިއުން ބަދަލުކޮށް ގޯތި ދިނުން މެދުކަނޑާނުލައި ކުރިއަކަށް ނުގެންދެވޭނެތޯއެވެ.

އޭދަފުށީގެ ބަޔަކު މަޝްވަރާ ބައްދަލު ވުމެއްގައި –އިވީ ފައިލް ފޮޓޯ

ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު އޭދަފުށިން ގޯތި ދޫކުރުމުގައި ސަރުކާރުގެ އިހުލާސް ތެރިކަމެއް އޮތްނަމަ މިހާރު އޮންނާނީ މިކަން ނިމިފައެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ރައްޔިތުން ތަކެއް މިގޮތަށް ތަޅުވަން ކަމުގައި ވާނަމަ އަނެއްކާވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބު ނިމެންދެންވެސް ކެތްކޮށްލައިގެން ތިބުން ނޫން ގޮތެއް ނެތެވެ.

އޭދަފުށީގެ ބިން ހިއްކި ފަހުން އެތައް ފަހަރަކު ކަމާބެހޭ މުވައްސަސާ ތަކުން މިތަން ސާވޭ ކޮށް ނިންމައި ލޭންޑް ޔޫސް ޕްލޭން ފައިނަލް ވިތާ ވެސް މިހާރު އަހަރަކަށް ވުރެވެސް ގިނަ ދުވަސްވީއެވެ.

ގަބޫލު ކުރަންޖެހެއެވެ. ސަރުކާރުން އޭދަފުށީގެ ބިން ހިއްކާފައިވަނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެންނެވެ. އެކަމަށް ވިސްނަން ޖެހޭނެއެވެ. އެކަމަކު ސަރުކާރަކީ ރައްޔިތުންނެވެ. ބިން ހިއްކީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ އަސާސީ ބޭނުމެއް ފުރިހަމަ ކޮށްދޭށެވެ. ފްލެޓް އަޅައިގެން ނުވަތަ ވިއްކައިގެން ނުވަތަ ބަންޑާރަ ގޯތިތަކެއްގެ ގޮތަށް ކަމަށްވިޔަސް އަސްލު ކޮންސެޕްޓަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމެވެ. އެކަން ޕްލޭން ކުރުމަށް ފަސް އަހަރުގެ މުއްދަތަކީ ވަރަށް ދިގު މުއްދަތެކެވެ.

އުފެދޭ ބޮޑު އަނެއް ސުވާލަކީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ވާހަކަދައްކާއިރު މުޅިން ވެސް އިވެނީ ކުރީ ސަރުކާރުން ހިފަހައްޓާފައިވާ ބާރުތަކެއްގެ ވާހަކަ އެވެ. އެވ\ާހަކަ ދައްކާއިރު މި ސަރުކާރުން ވެސް ކަންތައް ކުރަމުން ގެންދަނީ ކުރީ ސަރުކާރެކޭ އެއްފަދައިން ބާރުތައް ހިފެހެއްޓުމަކަށް ނޫންބާއެވެ؟ ރަށު ކައުންސިލަކީ ގާނޫނީ ވަކި ޝަހުސަކަށް ވާއިރުވެސް ރަށު ކައުންސިލާ ސަރުކާރާ ދެމެދު ބިޔަ ފާރެއް ހުރަސް ވެފައިވާ ކަމުގެ އިހުސާސްކުރެވެނީ އެހެންވެގެން ނޫން ހެއްޔެވެ.

ރަށު ކައުންސިލްގެ ނަން ދީފައި ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބަޔަކަށް ރަށަށް އޮތީ ކޮން ބާރެއްތޯއެވެ. ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފްކޮށް އޭގެ ދަށުން ރަށު ކައުންސިލްތަކާ އަތޮޅު ކައުންސިލްތައް އުފެއްދީ ކޮންމެ ކަމެއް ކުރަން ވިޔަސް ސަރުކާރުން ނަގަންޖެހޭ ހުއްދަތަކާއި ޔެސް ސަރ ކިއުމުގެ ސަގާފަތަށް ނިމުން ގެންނާށެވެ. އެސަގާފަތަށް ނިމުން އަތުވެއްޖެ ހެއްޔެވެ؟ ނިކަން ބާރުލާފައި ކުރީ ސަރުކާރުގައި ކައުންސިލަށް ދީފައިވާ ބާރުތައް ވަނީ ހިފަހައްޓާފައޭ ބުނާއިރު އެކަން ބަދަލު ކުރުން އޮތީ މި ސަރުކާރުގެ އަތްމަތީގަ އެވެ. އެހެންވިއްޔާ އެބާރުތައް ކައުންސިލަށް ދޫކޮށް އަޅުވެތިކަމުން ސަލާމަތް ކުރާނީ ކޮން ދުވަހަކުންތޯ އެވެ. ވަކިތާރީހެއް ކަނޑައަޅަން ޖެހޭތޯ އެވެ. އެނގޭ ކަމަކީ އެކަމަށް އިތުރު ގާނޫނެއް ފާސް ކުރަން ބޭނުން ނުވާ ކަމެވެ.

އަޅުގަނޑު ގަބޫލު ކުރަނީ ރަށްރަށުން ގޯތި ދިނުމުގެ އަސްލު ބާރުވެރިއަކީ ރަށު ކައުންސިލު ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި އޮންނަ ފަދައިންނެވެ. މި ބާރުގެ ބޭނުން ހިފުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ އެހުމަކީ މުޅިން އެހެން ވާހަކަ އެކެވެ.

އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މައި ސަރުކާރުގައި ރިމޯޓު އޮވެ އެރިމޯޓުން ކައުންސިލުތައް ކޮންޓުރޯލް ކުރަމުން ދާތަނެވެ. މިއީ ކާމިޔާބު ނިޒާމަކަށް ނުވި ނޫންތޯއެވެ؟ ރިމޯޓު ކޮންޓްރޯލް ރައްޔިތުން އިންތިޚާބު ކޮށްފައި ތިއްބެވި ކައުންސިލްތަކަށް ހަވާލު ކުރައްވަންވީ ނޫންތޯއެވެ؟ އެއަށްފަހު އަތޮޅު ތެރެއަށް އަންނަ ކުރިއެރުން ބައްލަވަން ތިއްބެވިއްޔާ ވާނީ ކިހިނެއްތޯއެވެ؟

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top