ކިންގްސް ކަޕްގެ ސެމީގައި ސީސީ މިރޭ، ޖޯލި މޯލްޑިވްސްއާ ދެކޮޅަށް

IMG-20250906-WA0003-1536x960-1.jpg

ފޮޓޯ: ހުސައިން ޝައްމާހް އަހުމަދު

ކްލަބް މޯލްޑިވްސް އިން އާ ފޯމެޓުގައި ބާއްވާ ކިންގްސް ކަޕްގެ ސެމީ ފައިނަލުގައި އޭދަފުށި ސީސީ ސްޕޯޓްސް ކްލަބް މިރޭ ޖޯލި މޯލްޑިވްސް އާއި ދެކޮޅަށް ނުކުންނާނެ އެވެ.

ކިންގްސް ކަޕަކީ ޗެމްޕިއަނުންނަށް ހާއްސަކޮށްގެން ކްލަބް މޯލްޑިވްސް އިން އަލަށް ފެށި މުބާރާތެކެވެ. މި މުބާރާތުގައި މިއަހަރު ވާދަކުރަނީ ރާއްޖޭގެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

ރިސޯޓު ލީގުގައި ފާހަގަކޮށްލެވޭ ޖޯލި މޯލްޑިވްސް އާ ދެކޮޅަށް ސެމީގައި މިރޭ ސީސީ ނުކުންނައިރު އަނެއް ސެމީގައި ޓީމް ނައިވާދޫއާ ދެކޮޅަށް ނުކުންނާނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އެވެ.

އޭދަފުށި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް އޭގެ ދެވަނަ ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ނައިވާދޫ އަތުން 1-4 އިން ބަލިވިއިރު ދެވަނަ މެޗާއި ތިންވަނަ މެޗުން މޮޅުވިއެވެ. ދެވަނަ މެޗުގައި ކާށިދޫއާ ވާދަކޮށް 5-0 އިން މޮޅުވިއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އައްޑޫ ސިޓީ މައިލޯ ސިޓީއާ ދެކޮޅަށް ނުކުމެ 2-0 އިން މޮޅުވިއެވެ.

ޖޯލި މޯލްޑިވްސް ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފައެވެ. އެޓީމު ގްރޫޕް ބީގެ އެއްވަނަ ހޯދީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އާރުއާރުސީ އާއި ކްލަބް ވެމްކޯ ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ޖޯލި މޯލްޑިވްސް ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 3-6 އިން އާރުއާރުސީ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ވެމްކޯއާ 3-3 އިން އެއްވަރުކުރިއިރު ފަހު މެޗުގައި ކުޅިވަރު ވުޒާރާއާ ވާދަކޮށް މޮޅުވީ 2-3 އިންނެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އޭދަފުއްޓާ ޖޯލި މޯލްޑިވްސް ވާދަކުރާ މެޗު ފަށާނީ މިރޭ 10:00 ގަ އެވެ. ފުރަތަމަ ސެމީގައި ނައިވާދޫއާއި އާރުއާރުސީ ކުޅޭ މެޗު ފަށާނީ 8:30 ގަ އެވެ. ދެ މެޗު ވެސް ކުޅޭނީ މުބާރާތް ކުރިއަށްދާ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ.

އޭދަފުށި ކުޅޭ މި މެޗަށް މާލެ ސަރަހައްދުގައި ދިރިއުޅޭ އޭދަފުށީގެ ހުރިހާ ސަޕޯޓަރުން ސަޕޯޓްކުރަން ދިއުމަކީ ސީސީ ސްޕޯޓްސް ކްލަބުގެ އެދުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top