ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި އެ މިނިސްޓްރީން ބުނީ، މާދަމާރޭ ރާއްޖޭގެ ގަޑިން 8:28 ހާއިރު ހަނދުކޭތަ ހިފަން ފަށާނެ ކަމަށާއި، އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ އެ ރޭ 11:11 ހާއިރު ކަމަށެވެ.
ހަނދުކޭތަ ވީއްލާނީ މެންދަމުން އަލިވެ 1:55 ހާއިރު ކަމަށް، މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ސާކިއުލާގައިވަނީ، މާދަމާރޭ 11:12 ގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކައުންސިލްތަކަށް އަންގައިފައެވެ. އަދި ކޭތަ ނަމާދުގެ ޚުތުބާ މާދަމާ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އެ ސާކިއުލާ ކައުންސިލްތަކަށް ފޮނުވީ މިއަދެވެ.
މާދަމާ ރޭގެ ހިފާ ހަނދުކޭތާ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ އެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ ޑިސެމްބަރު މަހުގެ 31، 2028 ގަ އެވެ.





