ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބ.އަތޮޅުން ފެށިގެން ދ.އަތޮޅުގެ ރަށްތަކާ ހަމައަށް މޫސުން ގޯސްވެ ރީދޫ އިންޒާރު ނެރެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
މެޓުން ރީދޫ އިންޒާރު ނެރެފައިވާއިރު މިއަދު ކޮއްދިއްޕަރު ކާރިއަށް ޕިކްނިކް ދިޔަ ބަޔަކު ކަނޑުމަތީ ހާލުގައި ޖެހުމާއި، ތާޖް އެގްޒޯޓިކާ ރިޒޯޓް ކައިރިއަށް ޑިންގީއެއް ބަންޑުންވުމުގެ އިތުރުން ޕާކްކޮށްފައިވާ އެއާ ޓެކްސީއެއް ކޮޅިގަނޑުގައި ޖެހި ގެއްލުން ތަކެއް އެއާ ޓެކްސީއަށް ވަނީ ލިބިފައިވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ފުލުހުންގެ ފަރާތުންވެސް ބުނެފައިވަނީ ކަނޑުދަތުރު ކުރުން ރައްކާތެރި ނޫންކަމަށް ބުނެފައެވެ. ފުލުހުން މި ގޮތަށް އެދިފައިވަނީ މިއަދު އިރުއޮއްސުނު ފަހުން ކުރި ޓްވީޓެއްގައެވެ.
ފުލުހުން ވިދާޅުވީ، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.
އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީން ކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓުމަށްވެސް ފުލުހުން ނަސޭހަތްތެރިވެފައި ވެއެވެ.