ރާއްޖޭގެ ސާނަވީ ތައުލީމު ކުރިއެރުވުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު

DSCN0286.jpg

ބ.އަތޮޅު ތައުލީމީމަރުކަޒުގެ 2021ގެ ދިރާސީ އާއަހަރު ފެށުން --އީވީ ފޮޓޯ

ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅު ކޮށް ނެރޭ ނަތީޖާ ރަނގަޅުކުރަން ހިންގާ ބޮޑު މަޝްރޫއަކަށް އެހީ އާއި ލޯނު ހިމެނޭ ގޮތުން ޖުމްލަ ނުވަ މިލިޔަން ޑޮލަރު (138.7 މިލިޔަން ރުފިޔާ) ދޫކުރަން ވޯލްޑް ބޭންކްގެ އެގްޒެކެޓިވް ބޯޑުން ފާސްކޮށްފި އެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ “މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް” ގެ ނަމުގައި ކުުރިއަށް ގެންދާ އެ މަޝްރޫއަށް އެ ބޭންކުން އެހީގެ ގޮތުގައި 4.5 މިލިޔަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 4.5 މިލިޔަން ޑޮލަރު ދިނުމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި ފަށާ ސާނަވީ ތައުލީމު އެންމެންނަށް ފޯރުކޮށްދީފައިވީ ނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އުނގެނުމުގެ ނަތީޖާ މެދު މިންވަރެއްގައި ހުރި އިރު، އަތޮޅުތަކުގެ މެދުގައި އަދި އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ވެސް ތަފާތުތަކެއް އެބަހުރި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ގްރޭޑް ހަތަރަކާއި ގްރޭޑް ހަތެއްގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކަމަށްވެސް ވޯލްޑް ބޭންކުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާއާއި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ހާއްސަކޮށް އަސާސީ ތައުލީމު އަދި ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ނޭދެވޭ އަސަރެއް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ، ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.

“މި ރަނގަޅު ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، އަތޮޅުތަކުގައި މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން އާންމު ތައުލީމުގެ ފެންވަރު ހަރުދަނާކޮށް، ދަރިވަރުންގެ އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ފެންވަރު ބެލުން މިހާރަށް ވުރެ ހަރުދަނާ ކުރަން އެބަޖެހޭ،” ވޯލްޑް ބޭންކުގެ އެޑިޔުކޭޝަން ސްޕެޝަލިސްޓް އަދި ކޯ-ޓާސްކް ޓީމް ލީޑަރު ކަރްތިކާ ރާދަކްރިޝަނަން-ނައިރް ވިދާޅުވިއެވެ.

އަލަށް ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފަދަ އިގްތިސާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެއެވެ. މި މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެ ނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެ އެވެ.

މީގެއިތުރުން ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެ ކަމަށް ވޯލްޑް ބޭންކުން މައުލޫމާތުދެއެވެ. އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެ ކަމަށްވެސް މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top