ބޮޑު އީދުގެ މުނާސަނަތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން އޭދަފުއްޓާއެކު 10 ރަށެއްގައި ބޭއްވި އީދު ސައި ވަރަށް ކާމިޔާބު ކަމަށް ބީއެމްއެލް އިން ބުނެފިއެވެ. އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި އަޟްހާ އީދު ދުވަހު ވެސް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން 10 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.
ބީއެމްއެލްއިން ވަނީ މިދިޔަ ފިތުރު އީދުގައި ވެސް ބައެއް ރަށްރަށުގައި އީދު ސައި ބާއްވައިފަ އެވެ.
މި އީދުގައި ބީއެމްއެލް އިން އީދު ސައި ބާއްވާފައި ވަނީ އޭދަފުށީގެ އިތުރުން ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، އަދި ސ. މަރަދޫގަ އެވެ.
އީދު ސައި އިންތިޒާމްކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން އެފަރާތްތަކުގެ އެހީތެރިކަމާއެކުގައި ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އީދު ސަޔާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލް އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އީދު ސައި ވަރަށް ކާމިޔާބު ކަމަށާއި، އީދު ސައިގެ ވަގުތަކީ އުފާވެރި ވަގުތެއް ކަމަށެވެ. އަދި އީދު ސައިގެ ސަބަބުން އެކުވެރިކަން އާލާވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
“މި އީދުގައި ވެސް ބީއެމްއެލް އިން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ އީދު ސަޔަކީ ވަރަށް އުފާވެރިކަމާއި އެކުވެރިކަމާ އެކު ކުރިއަށް ގެންދެވުނު ހަރަކާތެއް. މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މި ކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމަ އެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެ ފަރާތްތަކަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،” ބީއެމްއެލްގެ މެނޭޖަރު ޕްބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.
ބީއެމްއެލް ގެ އީދުސައި އޭދަފުށީގައި ބާއްވާފައިވަނީ އީދު ނަމާދަށް ފަހު ރަސްމީ ބޯޅަ ދަނޑުގައެވެ.