ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން މިދިޔަ ޖުލައި މަހު އެންމެ ގިނައިން ސާވިސްޗާޖް ލިބުނު ރިސޯޓަކީ ދުސިތު ތާނީކަމަށް ، ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް، މޯލްޑިވްސް ސަާވިސްޗާޖް އިން ބުނެފިއެވެ.
ޖުލައި މަހު ދުސިތުތާނީ އިން ސަރވިސްޗާޖްގެ ގޮތުގައި ޖުލައި މަހު ލިބިފައިވަނީ 690 ޑޮލަރު ނުވަތަ 10640ރުފިޔާ އެވެ. މިއީ ޖޫންމަހާ އަޅާބަލާއިރު 2313ރުފިޔާގެ އިތުރު ވުމެކެވެ.
ދެވަނައަށް އެންމެ ގިނައިން ސާވިސްޗާޖް ލިބިފައިވަނީ އަނަންތަރާ ކިހަވައްވިލާސް އިންނެވެ. އެރިސޯޓުން ޖުލައިމަހު މުވައްޒަފަކަށް ލިބިފައިވަނީ 9756ރުފިޔާއެވެ. މިއީ ޖޫންމަހާ އަޅާބަލާއިރު 900 ރުފިޔާގެ އިތުރު ވުމެކެވެ. ފޯސީޒަން ތިން ވަނަ އަށް ގޮސްފައިވާ އިރު އެރިސޯޓުން ޖުލައި މަހު ބޮލަކަށް ޖެހިފައިވަނީ 8708 ރުފިޔާއެވެ.
މީގެ އިތުރުން ސޮނެވާފުށިން ސާވިސްޗާޖްގެ ގޮތުގައި ބޮލަކަށްޖެހިފައިވަނީ 7773ރުފިޔާއެވެ.
ވެސްޓިން މޯލްޑިވެސް މިރިޔަންދޫ އާއި ބ. ތިލަދޫގައި ހިންގާ ދަ ނައުޓިލަސް މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް 7710ރު. ލިބިފައިވާ އިރު ފިނޮޅު ރިސޯޓުން ލިބިފައިވަނީ 6679ރުފިޔާއެވެ.
ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އަމިއްލަފުށިން މިދިޔަ ޖުލައި މަހު ލިބިފައިވަނީ 4294ރުފިޔާއެވެ. އަދި ވައްކަރު މޯލްޑިވްސް އިން ޖޫން މަހަށްވުރެ 413 ރުފިޔާގެ އިތުރުވުމަކާއެކު 2623ރުފިޔާއެވެ.
ރާއްޖޭގައި އޮޕަރޭޓް ކުރާ 150އާ ގާތްކުރާ އަދަދަކަށް ރިސޯޓު އޮތް އިރު ސާވިސް ޗާޖް ދިން ކަމަށް މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް މައުލޫމާތު ފޮނުވާފައިވަނީ އެންމެ 54 ރިސޯޓަކުންނެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.
ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.