ރިސޯޓުތަކުގެ ސަރވިސްޗާޖް، އެއް ހަމައަކުން ދިނުމަށް ލާޒިމް ކުރަނީ

1_XSEgyUhrrTApWZiUq4JlnQ.jpeg

ހުރިހާ ރިސޯޓަކުން ވެސް އެއްހަމައަކުން ސަރވިސް ޗާޖް ދިނުން ލާޒިމް ކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިގްތިސާދީ ކޮމިޓީއިން އެމައްސަލަ ދިރާސާކޮށް ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމަށް ރާއްޖޭގައި އަމަލުކުރަމުން ދާ އެއްވެސް ގާނޫނެއްގައި ލާޒިމުކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ. ކޮމިޓީގެ ރިޕޯޓްގައިވަނީ، ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓެއް އެއްހަމައަކުން ޢަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުން ރިސޯޓްތަކުން ސަރވިސް ޗާޖްނެގުން ލާޒިމްކުރުމަށް ކޮމިޓީއަށް ފެންނަކަމަށެވެ. އަދި ސަރވިސް ޗާޖްގެ ގޮތުގައި ނެގޭނެ އެންމެ މަދު މިންވަރަކީ 10 އިންސައްތަކަމަށް ކަނޑައަޅާ ގާނޫނަށް އެ އިސްލާހު ގެނައުމަށް ލަފާދިނުމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވުރެ ގިނަ ނޫން އަދަަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ.

ކޮމިޓީން ގަބޫލު ކުރާ ގޮތުގައި ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ ބައެއް ރިސޯޓްތަކުން ސަރވިސްޗާޖް ނުދޭ މައްސަލައަށް ހައްލެއް އަންނާނެއެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ސާރވިސް ޗާޖް ނުދޭ މައްސަލައާއި، ސަރވިސް ޗާޖް ދިނުމުގައި ތަފާތުކުރުން ގެންގުޅޭ މައްސަލައަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ހަމައެއާއެކު ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަންނަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މަދު މިންވަރަކީ ދިހަ ހާސްކަމަށް ކަނޑައެޅުމަށް ބާރު އަޅަމުންނެވެ.

އިގްތިސާދީ ކޮމިޓީގެ ރިޕޯޓު މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވަނީ އެޖެންޑާ ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top