ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށް ދެނެގަތުމަށް މަގެއް : އަލްފާތިޙާ (އަލްހަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް

quran-2478729_960_720.jpg

بسم الله الرحمن الرحيم                                                  އަލްފާތިޙާ ސޫރަތުގެ މާނައިގެ ތަރުޖަމާއެއް

ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު

އަލްފާތިޙާ ސޫރަތުން މިހާތަނަށް ބަލައިލެވުނީ އެސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ މައްޗަށެވެ. އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. އިސްވެ ދިޔަ ހަލަގާތަކުގައި ނަންގަނެވިދިޔަ ފަދައިން، މިފަސް އާޔަތުގައި ބަޔާން ކުރެވިފައިވަނީ މާތްﷲއަށް ޙަމްދުކޮށް، އެކަލާނގެއަށް ހައްގު އަދަބާއި އިހުތިރާމު އަދާކުރުމުގެ ވާހަކައެވެ. އެއަށްފަހު، އެކަލާނގެ އާއި މުއުމިނާއާއި އޮންނަ ގުޅުމުގެ ވާހަކައެވެ. ދެން، ތިރީގައި، އަލްފާތިޙާ ސޫރަތުގެ ދެވަނަ ބައިގައި ހިމެނޭ މދެއާޔަތުގެ މައްޗަށް، – ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގެ މައްޗަށް – ބަލައިލަން ގަސްދުކުރަމެވެ.

މި ދެއާޔަތުގައި ބަޔާންކުރެވިފައިވަނީ، އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ ވާހަކައެވެ. ‘ތެދުމަގު’ ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި،  މުއުމިނާ ދަންނަވާ، ދުއާގެ ވާހަކައެވެ. އާދެ، ހަވަނަ އާޔަތުގައިވާ اهدنا الصراط المستقيم، “އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ!” މިދުއާގެ ވާހަކައެވެ.، މިއާޔަތާ ވިދިގެންއޮތް ހަތްވަނަ އާޔަތުގައި އައިސްފައިވަނީ މިތެދުމަގު ސިފަކޮށްދޭ ސިފަކޮށްދިނުމެކެވެ. އެގޮތުން ފުރަތަމަ ބުނެވިފައިވަނީ މިތެދު މަގަކީ صراط الذين أنعمت عليهم ‘އިބަރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ނިޢުމަތް ލެއްވިމީހުންގެ މަގު’ކަމެވެ.  މިއަށްފަހު، ދެން، އެމަގު ސިފަކޮށްދީ ބުނެދެވިފައިވަނީ އެއީ غير المغضوب عليهم ولا الضالين ‘އެމީހުންގެ މައްޗަށް އިބަ ރަސްކަލާނގެ ކޯފާ ހައްގުވީ މީހުންނާއި އަދި މަގު އޮޅި ދިޔަ މީހުންގެ މަގުވެސް ނޫން’ކަމެވެ.

މިދެއާޔަތް ފަހުމްކޮށް ދެނެގަތުމަށްޓަކައި މިދެއާޔަތުގައި ވާރިދުވެފައިވާ މުހިއްމު ތިން އިބާރަތެއްގެ މައްޗަށް ބަލައިލަން ޖެހެއެވެ. އެންމެ ފުރަތަމަ ‘ތެދުމަގަކީ’ ކޮބައިކަމުގެ މައްޗަށެވެ. އެއަށްފަހު، ‘އެމީހުންގެ މައްޗަށް މާތްﷲގެ ކޯފާހައްގުވި މީހުން’ނަކީ ކޮބައިކަމާއި އަދި ‘މަގު އޮޅިދިޔަ މީހުން’ނަކީ ކޮބައިކަމުގެ މައްޗަށެވެ.

‘ތެދުމަގު’ ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި، މުއުމިނާ ދަންނަވާ ދެންނެވުމަކީ، އޭނާގެ ހަޔާތް، ހެޔޮގޮތުގައި، ވޭތުކޮށްލާނޭ ގޮތުގެ މަގު ބަޔާންކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ. އެމަގުގައި އޭނާގެ ހަޔާތް ވޭތުކޮށްލުމުން، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް، ބާއްޖަވެރިކަން، އޭނާއަށް ލިބޭނޭ މަގު، އޭނާއަށް ބަޔާންކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ.

މިމަގަކީ ކޮބައިކަން ވިސްނައި ގަތުމަށްޓަކައި އިންސާނާގެ ދުނިޔަވީ ވުޖޫދުގެ، އެބަހީ، އޭނާ، ދުނިޔޭގައި، ދިރިހުންނަ ހުރުމުގެ، ތަބީއަތާ މެދު ވިސްނާލާން ޖެހެއެވެ. ދުނިޔޭގައި، އިންސާނާ ދިރިހުންނަ ހުރުން، މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ބަޔަކީ، ވަކި ފަރުދެއްގެ ހައިސިއްޔަތުން، އޭނާ ދުނިޔޭގައި ދިރިހުންނަ ހުރުމެވެ. އާދެ، އޭނާގެ އަމިއްލަ ޝަޚްސީ، ނުވަތަ ޒާތީ، ހަޔާތާ ގުޅޭ ބަޔެވެ. ދެވަނަ ބަޔަކީ، މުޖުތަމައެއްގައި ހިމެނޭ މީހެއްގެ ގޮތުގައި އޭނާ ދިރިއުޅެން ޖެހޭ ދިރިއުޅުމެވެ. އާންމު މީސްތަކުންގެ ތެރޭގައި، މުޖުތަމައުގެ ފަރުދުންނާއި ގުޅި، އެމީހުންނާއި މުއާމަލާތްކޮށް، އުޅެންޖެހޭ އުޅުމެވެ. ‘ތެދުމަގު’ ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި ދެންނެވޭ ދެންނެވުމަކީ މުއުމިނާ، އޭނާގެ ހަޔާތުގެ ފަރުދީ ބަޔާއި އަދި އޭނާގެ ހަޔާތުގެ މުޖުތަމައީބައި ވެސް، ހެޔޮގޮތުގައި، ވޭތުކޮށްލާނީ ކިހިނެއްކަން ބަޔާންކޮށް ދެއްވުމަށް، އެކަލާނގެ ޙަޟުރަތުގައި އެދި ދެންނެވޭ ދެންނެވުމެކެވެ. ކީރިތި ޤުރްއާނުގެ ދެން ބާކީއޮތް 113 ސޫރަތުގައި ބަޔާންކޮށް ހުށަހަޅާލެވިފައިވަނީ މުއުމިނާގެ ހަޔާތުގެ މިދެބައި ހެޔޮގޮތުގައި ވޭތު ކޮށްލާނޭ ގޮތުގެ ތަފްސީލީ ވާހަކަތަކެވެ. މިބަޔާންކޮށްދިނުން، އަލްބަޤަރާ ސޫރަތާއި އަދި އެހެން ސޫރަތްތަކުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން، ކުރިއަށް ދިޔަހެން، އިރާދަކުރެއްވިއްޔާ، އެނގި ސާފުވަމުން ދާނެއެވެ.

މިމަގާމުގައި، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ ތެދުމަގު، ޚުލާސާ ގޮތެއްގައި ބަޔާން ކުރެވިފައިވާ އާޔަތެއްގެ މައްޗަށް އަވަސް ކަޅިއެއް އެއްލުން ބޭނުންތެރިކަމަށް ދެކެމެވެ. ކުރު ނަމަވެސް، އެމަގުގެ ހިއްސީ ތަސައްވުރެއް، އެ މަގުގެ ސޫރަ ހިތަށް ނަގައިގަތުމެއް، ލިބިގަތުމަށްޓަކައެވެ. އެ އާޔަތަކީ އައްނަޙްލު ސޫރަތުގެ 90ވަނަ އާޔަތެވެ. އާދެ، إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون، “ހަމަކަށަވަރުން (އީމާންވީ މީސްތަކުންނަށް މާތް) ﷲ އަންގަވަނީ އަދުލުވެރިވުމަށާއި (އެހެން މީސްމީހުނަށް) އިހުސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށް އުޅުމަށެވެ. އަދި އެކަލާނގެ (ކަލޭމެންނަށް) މަނާކުރައްވަނީ ފާޙިޝްކަންތައްތަކާއި (އެބަހީ ޒިނޭކުރުންފަދަ ހުތުރުކަންބޮޑު ފާފަތަކާއި)، މުންކަރާތުތަކާއި (މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކާއި) އަދި(އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް) އަނިޔާވެރިވުމެވެ. (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރުއަޅުއްވަނީ، ތިޔަބައިމީހުންގެ ހިތްތަކުގައި (މިކަންކަން) ހަރުކޮށްލުމަށްޓަކައެވެ”، މިއާޔަތެވެ.

މުޅި ކީރިތި ގުރްއާނުގެ ފަތްފުށްތަކުގައި ހުށަހަޅާ ލެވިފައިވާ ‘ތެދުމަގު’ ޚުލާސާކޮށް، އައްނަޙުލު ސޫރަތުގެ މިއާޔަތުގައި ބަޔާންކޮށްދެވިފައި ވެއެވެ. މުއުމިނާގެ ފަރުދީ ހަޔާތާއި އޭނާގެ މުޖުތަމައީ ހަޔާތް އޮންނަން ޖެހޭނޭ ގޮތުގެ ތައުލީމާތު، އުނގަންނައިދިނުން، މިއާޔަތުގައި ޚުލާސާކޮށްދެވިފައިވެއެވެ. މިއާޔަތުން އެނގެނީ ފަރުދެއްގެ ހައިސިއްޔަތުން، މުއުމިނާ މަސައްކަތްކުރަންޖެހޭނީ ހެޔޮލަފާ ރަނގަޅު މީހަކަށް ވުމަށެވެ. އޭނާގެ އަމިއްލަ، ޝަޚްޞީ، ހަޔާތް ވޭތުކޮށްލަން ޖެހޭނީ، ފާޙިޝް ކަންތައްތަކާއި އަދި މުންކަރާތްތައް ފަދަ ނުބައި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވެ ހުރެއެވެ. އަދި، ގާތް ތިމާގެ މީހުންނަށާއި، އަދި އެނޫން މީހުންނަށް ވެސް، ކުޅަދާނަވީވަރަކުން، އެހީތެރިވެ، މިފަދައިން، ހެޔޮ އަމަލު ކުރުންމަތީ ވެސް ދެމިހުރެއެވެ. އޭނާގެ މުޖުތަމައީ ހަޔާތް، ރޭވި ބިނާވެފައި، އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި އަދުލު އިންސާފުވެރިކަމުގެ މައްޗަށް ކަމަށްވެސް އައްނަޙުލު ސޫރަތުގެ މިއާތުން އެނގެއެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގާ ގުޅޭ ތައުލީމާތުތަކުގެ ލަނޑުދަނޑި ގުޅެނީ މިދެކަމާއެވެ. މުއުމިނާއަކީ ހެޔޮލަފާ އިންސާނަކަށް ހެދުމާއި އަދި އޭނާގެ މުޖުތަމައުއަކީ، އެމުޖަތަމައުގެ ޖަމާއީ ހަޔާތް، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައުއަކަށް ހެދުމެވެ.

ކުރިން ނަންގަނެވި ދިޔަ އަލްޢަންކަބޫތު ސޫރަތުގެ 45 ވަނައާޔަތް ފަދައިން، މިއާޔަތަކީވެސް މުސްލިމުން ދިރިއުޅޭ ކޮންމެ ތަނެއްގައި، އެންމެ އިހުއްސުރެން، ކޮންމެ ހުކުރު ދުވަހަކު ހުކުރުގެ ފަހު ޚުތުބާގައި ކިޔައި އިއްވޭ އާޔަތެކެވެ. އެއާޔަތުގެ މުހިއްމު ކަމަށްޓަކައެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގު އެއާޔަތުގައި ޚުލާސާކުރެވިފައިވާތީއެވެ. މިދެއާޔަތަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން، ހުކުރަށްގޮސް ހުކުރު ޚުތުބާ އަޑުއަހާ ކޮންމެ މީހަކަށްވެސް އަޑުއިވި ދަސްވެފައި އޮންނާނޭ ދެ އާޔަތެވެ.

ތެދުމަގު ބަޔާންކޮށް ދެއްވުމަށް އެދި، މާތްﷲގެ ޙަޟްރަތުގައި ދެންނެވޭ ދުއާ އަށްފަހު، ދެންއޮތީ މި ތެދުމަގު ސިފަ ކޮށްދެވިފައިވާ ސިފަ ކޮށްދިނުމެކެވެ. މިގޮތުން އެންމެ ފުރަތަމަ ބުނެދެވިފައިވަނީ އެމަގަކީ صراط الذين أنعمت عليهم، ‘އެމީހުންގެ މައްޗަށް އިބަރަސްކަލާނގެ ނިއުމަތް ލެއްވި މީހުންގެ މަގު’ކަމެވެ. އާދެ، އެމަގަކީ އާ މަގެއް ނޫނެވެ. އިހުގައިވެސް މާތްﷲއަށް އީމާންވެ، ހެޔޮގޮތުގައި އެމީހުންގެ ހަޔާތް ވޭތުކޮށްލި މީހުން ވެސް ހިނގި މަގެވެ. އިހުގެ ނަބީބޭކަލުން ވެސް ދެއްކެވި މާތް ރީތި މަކާރިމުލް އަޚުލާގު، އެންމެ މާތް ރީތި އަޚުލާގުގެ، މަގެވެ. އަދި ޞިއްދީގުންގެވެސް މަގެވެ. އާދެ، އެރަސޫލުބޭބޭކަލުންނާއި ނަބީބޭބޭކަލުންގެ ބަސްފުޅުގެ ތެދުކަން ގަބޫލުކޮށް، އެބޭބޭކަލުންނަށް ތަބާވެ، އެބޭބޭކަލުން ދެއްކެވި މަގުގައި ހިންގެވުންމަތީ ދެމިތިއްބެވި މުއުމިނުތަކުންގެވެސް މަގެވެ. އަދި މީގެ ތެރެއިން ބައެއް ބޭކަލުންނަކީ، ނަބީބޭބޭކަލުން ދެއްކެވި މަގުގައި ހިންގަވައި އަދި އެކަމުގެ ސަބަބުން، ދަތި އުނދަގޫ ތަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެން، އެބޭކަލުންގެ ފުރާނަ ގުރުބާންކުރައްވައި ޝަހީދުވެވަޑައިގެން، މިދުނިޔެ ދޫކުރެއްވި، ބޭކަލުންނެވެ. މިއެންމެ ބޭކަލުން، އާދެ، ނަބީބޭކަލުންނާއި، ޞިއްދީޤުންނާއި އަދި ޝަހީދުންނަކީ، އެބޭކަލުންނާ ދޭތެރޭ މާތްﷲ ރުހިވޮޑިގެން، އެބޭކަލުންގެ މައްޗަށް، ނިޢުމަތް ލެއްވި ބޭކަލުންނެވެ. އަދި އެބޭކަލުންގެ މައްޗަށް، ދުނިޔޭގައްޔާއި އަދި އާޚިރަތުގައިވެސް، ހެޔޮގޮތްތައް، މާތްﷲ މިންވަރު ކުރެއްވި ބޭކަލުންނެވެ. ދުނިޔޭގައި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ނިއުމަތެވެ. އާޚިރަތުގައި ފާފަ ފުއްސެވުމާއި ސުވަރުގެ  ލިބިދިނުމުގެ ނިއުމަތެވެ. އަލްފާތިޙާ ސޫރަތުގައި މުއުމިނުންނަށް، މާތްﷲގެ ހަޟްރަތުގައި ތެދުމަގު އެދިގެން ދުއާ ދަންނަވަނީ މިދެންނެވިފަދަ، އިސްވެދިޔަ އުއްމަތްތަކުގެ ހެޔޮ ލަފާ ސާލިހު ބޭކަލުންވެސް އުޅުއްވި މާތް ރީތި އަޚުލާގީ މަގު ހޯދުމަށެވެ. އެމަގުގެ ސަބަބުން ދެދުނިޔޭގެ ބާއްޖަވެރިކަން އެބޭކަލުންނަށް ހައްގުވީ މަގު ހޯދުމަށެވެ.

ތެދުމަގު ސިފަ ކޮށްދިނުމުގެ ގޮތުން، މިއާޔަތުގެ ދެން އޮތް ބައިގައި، އިތުރު ދެކަމެއް ފާހަގަ ކޮށްދެވިފައި ވެއެވެ. އެންމެ ފުރަތަމައަށް، ފާހަގަކޮށް، ބުނެދެވިފައިވާ ކަމަކީ، އެމަގަކީ غير المغضوب عليهم، ‘(މާތްﷲގެ) ކޯފާ އެމީހުންގެ މައްޗަށް ހައްގުވީ މީހުންނެއްނޫން’ކަމެވެ.  އާދެ، އެއީ އެމީހުންނަކީ، އެމީހުންގެ ކުރިމައްޗަށް އެކަލާނގެ ތެދުމަގު ހުށަހަޅާލެވުނު ހިނދު، އެއީ ހައްގުގޮތްކަން އެމީހުންނަށް ވިސްނި ދިޔުމަށްފަހުވެސް، އެކި ސަބަބުތަކާ ހުރެ، ހައްގުގޮތާ އިދިކީލަވެ، ދެކޮޅުހަދައިގަތް މީހުންނެވެ. އަމިއްލަ ހަވާ ނަފްސުގެ އެނދުންތަކަށާއި، ނުވަތަ އަމިއްލަ ދުނިޔަވީ މަސްލަހަތުތަކަށް ބެލެވި، މިކަންކަމަށް އިސްކަންދެވުން ފަދަ ސަބަބުތަކާ ހުރެ، އެމަގުން ހިނގުމަށް އިންކާރުކޮށް، އެމަގަށް ފުރަގަސްދިން މީހުންނެވެ. އިލާހީ ހިދާޔަތުގެ ތެދުމަގު ބަލައި ނުގަތުމުގެ ސަބަބުން، އެމީހުން އަމިއްލަޔަށް، މާތްﷲގެ ރަހުމަތުން ބޭރުވެގަތް މީހުންނެވެ. މާތްﷲގެ ކޯފާ، އެމީހުންގެ މައްޗަށް، ހައްގުވީ މީހުންނަކީ، މިފަދަ މީސްމީހުންނެވެ. މިކަމުން، މުއުމިނުންނަށް، ލިބިދޭ އިރުޝާދަކީ، އިލާހީ ހިދާޔަތުގެ މަގު، އެމީހުންގެ ކުރިމައްޗަށް ހުށަހަޅާ ލެވުމުން، އެކަމާ ދޭތެރޭ ވިސްނައި ފިކުރު ކުރުމަށްފަހު، އެއީ ހެޔޮގޮތްކަން އެނގުމުން، އެއްވެސް ސަބަބަކާ ހުރެ، އެކަމާ ދެކޮޅުހަދައި، އެކަމަށް، އިންކާރުކުރާ ބަޔަކުކަމުގައި، އެމީހުން ނުވުމެވެ. އާދެ، މާތްﷲގެ ކޯފާ ހައްގުވުމުގެ މިގޮތް އިޚްތިޔާރުކުރާ ބަޔެއްގެ ގޮތުގައި އެމީހުން ނުވުމެވެ.

ތެދުމަގު ސިފަ ކޮށްދިނުމުގެ ގޮތުން، ދެވަނައަށް، އަލްފާތިޙާ ސޫރަތުގެ ހަތްވަނަ އާޔަތުގައި، ފާހަގަކޮށް، ބުނެދެވިފައިވަނީ، އެމަގަކީ ولا الضالين، ‘މަގު އޮޅިދާ މީހުން’ގެ މަގެއްވެސް ނޫންކަމެވެ. މަގުއޮޅި ދިއުމަށް ތަފާތު ސަބަބުތައް ވެއެވެ. އިލާހީ ހިދާޔަތުގެ އަލި ނުލިބި، އެކަމުން މަހުރޫމު ވެފައިވުމުން، މަގުއޮޅިދިޔުމެވެ. ނުވަތަ ހިދާޔަތުގެ އަލި ފަނޑުވެ އެމަގު ރަނގަޅަށް ސާފުވާގޮތް ނުވުމުން މަގުއޮޅިދިޔުވެ. ނުވަތަ ހިދާޔަތުގެ އަލި ލިބި، އޭގެ އުޖާލާކަން ގަދަވި ކަމުގައި ވިޔަސް، އެއަލިން ފައިދާ ލިބިގަތުމަށް އަމިއްލައަށް މަސައްކަތް ނުކުރެވުމުން މަގުއޮޅި ދިޔުމެވެ. އިލާހީ ހުކުމްތަކާއި ދީނީ ތައުލީމާތުތަކުގެ ހަގީގީ މަގުސަދާއި ލަނޑުދަނޑިތަކަކީ ކޮބައިކަމާ ދޭތެރޭ ރަނގަޅަށް ވިސްނާ ފިކުރު ނުކުރެވި، އަދި އެހެންވެ، ތެދުމަގު ހޯދައި ނުގަނެވި، މަގުއޮޅިދިޔުމެވެ. މިގޮތުން މަގުއޮޅިދާ މީހުންނަކީ، އަމިއްލަ ވިސްނުން ބޭނުންނުކޮށް، ކަނު އަނދިރި ގޮތެއްގައި، މީސްމީހުން ބުނާ ބަސްބަހަށް ތަބާވެ، އެއާ އެއްގޮތަށް އަމަލު ކުރުމުގެ ސަބަބުން. ތެދު މަގުން އެއްކިބާވެ، މަގުއޮޅި ދިޔަމީހުންނެވެ. އާދެ، މުއުމިނާގެ ދުއާ އަކީ، އެއްވެސް ސަބަބަކާ ހުރެ، ތެދުމަގުން އޭނާގެ ފައިތިލަ ކައްސާލައިގެންދާ މީހަކަށް، އޭނާ ނުވުމެވެ. ތެދުމަގު ހޯދުމުގައި އަބަދުމެ މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އޭނާ ލެހެއްޓުމެވެ.

އާދެ، ތެދުމަގަކީ ކޮބައިކަން އިތުރަށް ސާފުވެ ދިޔަމަށްޓަކައި އަލްފާތިޙާ ސޫރަތުގެ ހަތް ވަނަ އާޔަތުގައި ބޭނުން ކުރެވުނު ތިން އިބާރާތުގެ މައްޗަށް އަދި އެއްފަހަރު ބަލައިލަމާތޯއެވެ. صراط الذين أنعمت عليهم غير المغضوب عليهم ولا الضالين މިއާޔަތުން ދޭހަވަނީ، މުއުމިނުން، މާތްﷲގެ ޙަޟްރަތުގައި، އެމީހުންނަށް، ދެއްކެވުމަށް އެދި ދަންނަވާ ތެދުމަގަކީ ކުރީގެ އުއްމަތްތަކުގެ ސާލިހު އަޅުތަކުންވެސް ހިންގެވި މަގެވެ. ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންގެވެސް މަގެވެ. އިލާހީ ހިދާޔަތު ލިބި، ތެދު މަގަކީ ކޮބައިކަން އެނގުމަށްފަހު، އެމަގުން ހިނގުމަށް އިންކާރު ކުރި މީހުންގެ މަގެއް ނޫންކަމެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ތެދު މަގުން، އެމީހުންގެ ފައިތިލަ، ކައްސާލައިގެން ދިޔަ މީހުންގެ މަގެއްވެސް ނޫންކަމެވެ.

މިހިސާބުން އަލްފާތިޙާގެ ހަތް އާޔަތުގެ ތަރުޖަމާއާއި ތަފްސީރު ނިމުނީއެވެ. މިކަމުގެ ތައުފީޤު ދެއްވިކަމަށްޓަކައި މާތްﷲއަށް ހަމްދުކުރަމެވެ. ދެން އަންނަ ހަލަގާއެއްގައި ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލްފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބެދޭ ފިލާވަޅުގެ މައްޗަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top