2025 އިން ފެށިގެން އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކު މަނާކުރުމަށް ގަރާރެއް ފާސްކޮށްފި

parliament-sitting.jpg

2025 ވަނަ އަހަރުން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން އިގުރާރުވެ، ފާސްކޮށްފިއެވެ.

އެގަރާރު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އިސްނަގައިގެން ރާއްޖޭގެ އިތުރު 16 ސްކޫލަކާ ގުޅިގެން، މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި، އެ ކުދިން ހުށަހެޅި އިލްތިމާސްއާމެދު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓު ފާސްކޮށްގެންނެވެ.

ރާއްޖޭގެ އިގުތިސާދީ މައި ދެތަނބު ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަން ބިނާވެފައިވަނީ ރާއްޖޭގައި އެއްގަމާއި މޫދުގެ ދިރުންތައް ދެމެހެއްޓުމުގެ މައްޗަށް ކަމަށް ވާތީވެ ޕްލާސްޓިކުގެ ބާވަތްތައް މަދުކުރަމުންގޮސް އެބާވަތް އެއްގޮތަކަށްވެސް ބޭނުން ނުކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް އެ ރިޕޯޓްގައިވަނީ ކަނޑައަޅައިފައެވެ.

އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓީކު ފުޅި އާއި ޕްލާސްޓިކު ހޮޅި ވިޔަފާރިތަކުގައި ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމާއި، ޕްލާސްޓިކުގެ އެފަދަ ބާވަތްތައް އާއްްމުން ބޭނުންކުރުމުން ދުރުކުރުމަށް އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ރިޕޯޓްގައި ވަނީ ހިމަނައިފައެވެ.

2020 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކުރަންވެސް ގަރާރުގައި ލިޔެފައިވެ އެވެ. އަދި ބަންދުކޮށްފައިވާ މުދާ ރާއްޖެއަށް އެތެރެކުރާއިރު ޕްލާސްޓިކުން ބަންދު ނުކޮށް އެތެރެކުރެވޭނެ ގޮތަކަށް ވިސްނުމަށްވެސް ގަރާރުގައި ހިމަނާފައިވެ އެވެ.

އެ ގަރާރު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓާ އެކު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top