ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަގެއް

5-Proofs-that-the-Quran-is-word-of-God.jpg

ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް

އަތުން ލިޔެވިފައިވާ ކީރިތި ޤުރްއާނުގެ ވަރަށް އިހުގެ ކޮޕީއެއް. ޢުޘްމާނުގެފާނުގެ މުޞްޙަފުގެ ނަމުން ނަންދެވިފައިވާ މިކޮޕީ ރައްކާކުރެވިފައިވަނީ މިސުރުގެ ހުސައިނުގެފާނުގެ މިސްކިތުގައެވެ. މިކޮޕީ ލިޔެވުނީ ހިޖުރައިން އެއްވަނަގަރުނުގެ ފަހުކޮޅު ނުވަތަ ދެވަނަ ގަރުނުގެ ކުރީކޮޅު ކަމުގައި ބެލެވެއެވެ.  

ސިލްސިލާގެ ކުރު ތައާރުފެއް

‘ކީރިތި ޤުރުޢާނު ފަހުމްކޮށްގަތުމަށް މަގެއް’ މިސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މިސިލްސިލާއަށް ދެވިފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތްކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށްޓަކައި އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ.

ކީރިތި ޤުރްއާނު އެކުލެވިގެންވަނީ ބައިތަކަކަށް، ސޫރަތްތަކަކަށް، ބަހައިލެވިގެންނެވެ. މިއިން ސޫރަތެއްގެ މާނަ ވިސްނާ ފަހުމްކޮށްގަތުމަށްޓަކައި ދެނެގަންނަންޖެހޭ މުހިއްމު ކަންތައްތަކެއްވެއެވެ. ސޫރަތުގެ މައިގަނޑު މައުޟޫއާއި، އަދި އިތުރު އެހެން ޘާނަވީ މައުޟޫތައް ވާނަމަ، އެއީ ކޮބައިކަން ވެސް، ދެނެގަތުމެވެ. އަދި ސޫރަތް ބިނާކުރެވިފައިވަނީ ކިހިނެއްކަމާއި، އޭގައި އެކުލެވޭ ބައިތަކަކީ ކޮބައިކަމާއި އެބައިތަކުގައި އައިސްފައިވާ ވާހަކަތައް މައިގަނޑު މައުޟޫއުއާ ގުޅެނީ ކިހިނެއްކަން ވެސް ދެނެގަތުމެވެ. އަދި ސޫރަތުގައި އެކުލެވޭ މުހިއްމު މަފްހޫމު ތަކަކީ ކޮބައިކަން ފާހަގަކޮށް، އެމަފްހޫމު ތަކުގެ މާނަ ދެނެގަތުމެވެ. އަދި ސޫރަތުގެ ނުވަތަ އާޔަތުގެ ސިޔާގަކީ، އޭގެ ތާރީޚީ، އިޖްތިމާއީ، ސިޔާސީ އޮނިގަނޑަކީ، ކޮބައިކަން ދެނެގަތުމެވެ. އަދި ބަލާލެވޭ ސޫރަތުން، މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ، ފައިދާއަކީ، ކޮބައިކަމާއިމެދު ވެސް ވިސްނުމުގެ ނަޒަރު ހިންގާލަންޖެހެއެވެ. ކީރިތި ޤުރްއާން ފަހުމްކޮށްގަތުމަށްޓަކައި، އެހީތެރިވެދިނުމުގެ ގޮތުން ކޮށާލަން ގަސްދުކުރާ މަގުގައި، މަތީގައި ދެންނެވުނު ނުކުތާތަކުގެ އަލީގައި، ބަލާލަން ގަސްދުކުރަނީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ޖުމްލަ މާނައާއި މެސެޖަކީ ކޮބައިކަމާމެދުގައެވެ.

ކީރިތި ޤުރްއާންގެ މާނަ ދެނެގަތުމެ މަސައްކަތުގެ ތާރީޚުގެ މައްޗަށް އަވަސް ކަޅިއެއް

މި މަސައްކަތް ފެށުމުގެ ކުރިން، ކީރީތި ޤުރްއާން ދެނެގަނެ ފަހުމްކޮށް ގަތުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ. އެ މަސައްކަތުން ހިތްވަރު ލިބިގަނެ، ކީރިތި ޤުރްއާން ފަހުމްކޮށްގަތުމަށް މަސައްކަތް ކުރުމުގެ އެދުން، އެފޮތަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އަށަގަނުވައި ދިރުވޭތޯއެވެ. ސިލްސިލާގެ ފުރަތަމަ ބޮޅުގެ މައުޟޫއަކީ މިއެވެ. ކީރިތި ޤުރްއާނުގެ ތަފްސީރުގެ ތާރީޚަށް ވަރަށް ކުރުކޮށް ބަލައިލުމެވެ.

ކީރިތި ޤުރުއާން ބާވާލައްވަން ފެށުނީ މައްކާގައެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމުގެ 10 ވަރަކަށް އަހަރު ކުރިންނެވެ. މީލާދީ ސަނަތުން 610ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ބާވާލެއްވުނީ އަލަޤް ސޫރަތުގެ ފުތަރަމަ ފަސް އާޔަތެވެ. “ކަލޭގެފާނު [މުހައްމަދުގެފާނު] ހެއްދެވި، ކަލާނގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ އިސްމުފުޅު [ނަންގަނެ، ފަށްޓަވައިގެން] ކިޔަވައިވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! އެކަލާނގެއީ ހުރިހާ އެއްޗެއްމެ އުފެއްދެވި ކަލާނގެއެވެ. ގަނޑުލޭކޮޅަކުން، އެކަލާނގެ، އިންސާނާ އުފެއްދެވިއެވެ. ކަލޭގެފާނު ކިޔަވާވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! ކަލޭގެފާނުންގެ ސާހިބުވަންތަ ކަލާނގެއީ އެންމެ ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެއީ ގަލަން މެދުވެރިކޮށް (އެބަހީ، ލިޔެކިޔުން މެދުވެރިކޮށް) އުނގަންނައިދެއްވި ކަލާނގެއެވެ. އިންސާނާއަށް ނޭނގޭ ކަންތައްތައް (ލިޔެކިޔުން މެދުވެރިކޮށް)، އެކަލާނގެ، އޭނާއަށް އުގަންނައިދެއްވިއެވެ.”

ކިޔެވުމާ އުނގެނުމަށް ބާރުއަޅައި ކީރިތި ޤުރްއާނުގެ އެންމެފުރަތަމަ އާޔާތް ބާވާލެއްވުމަށްފަހު، އޭގެ ތޭވީސްވަރަކަށް އަހަރުފަހުން، ހިޖުރައިން 11ވަނަ އަހަރުގައި ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައި ބެލެވޭ އާޔަތް ބާވާލެއްވުނެވެ. އަލްބަޤަރާ ސޫރަތުގެ 281ވަނަ އާޔަތެވެ. ކޮންމެ މީހަކުވެސް، ދުނިޔަވީ ހަޔާތުގައި، އޭނާގެ އަމަލުތައް ހެޔޮގޮތުގައި ބެހެއްޓުމަށް ހަނދާންކޮށްދީ އެކަމަށް ބާރުއަޅަމުންނެވެ.  “ކަލޭމެން، އެދުވަހަކަށް ބިރުވެތި ރައްކާތެރިވެ ތިބޭހުށިކަމެވެ. ކަލޭމެން އެންމެން، އެދުވަހުން، (މާތް)ﷲގެ ހަޒުރަތަށް، (އަނބުރާ) ގެންދެވޭނޭ ދުވަހަށެވެ. އަދި އެއަށްފަހު، ކަލޭމެންގެ ކޮންމެ މީހަކަށް ވެސް (އެމީހެއްގެ އަމަލުތަކުން) ލިބިގަތް ކަމެއްގެ ޖަޒާ، ފުރިހަމަ ގޮތުގައި، އެމީހަކަށް ދެވޭނެއެވެ. އެއްވެސް މީހަކަށް (ކުޑަކޮށްވެސް) އަނިޔާވެރިވުމެއް (ބޭއިންސާފުވެރިވުމެއް) ނެތިއެވެ.” މިއާޔަތް ބާވާލެއްވުނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ނުވަވަރަކަށް ދުވަސްކުރިންކަމަށް ބައެއް ހަދީސްތަކުގައި ރިވާވެގެންވެއެވެ. އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތާއި އަދި އެންމެފަހުން ބާވާލެއްވުނު އާޔާތާ ދެމެދުގައި، 23 އަހަރުގެ މުއްދަތެއްގެ ތެރޭގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް ބާވާލެއްވި އެފޮތް ފުރިހަމަ ކުރެވުނެވެ.

މިސުރުގެ ޖާމިއުލް އަޒްހަރުގެ އިލްމީ ހަލަގާތައް ދައްކުވައިދޭ އަތު ކުރެހުމެއް. އިހުޒަމާނުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމާއި އުނގެނުމުގެ މަސައްކަތްތައް ކުރިއަށްގެންދެވުނީ މިފަދަ ހަލަގާ ތަކުގައެވެ.

ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއަކާ އަދި ތަފްސީރެއް ލިޔުއްވި މުހައްމަދު އަސަދު ވިދާޅުވާގޮތުގައި، މިމުއްދަތުގެ ތެރޭގައި ބާވާލެއްވުނު ފޮތް، އާދެ، ކީރިތި ގުރްއާން، ހިމެނިފައިވަނީ ދުނިޔޭގެ ތާރީޚުގައި ހިނގާދިޔަ އެހެން އެއްވެސް ހާދިސާއެއް ނުކުރުވާފަދަ ބޮޑު ތައުސީރެއް އިންސާނާގެ ދީނީ، އިޖުތިމާއީ އަދި ސިޔާސީ ހަޔާތަށް ކުރުވާފައެވެ. ތައުރާތާއި އިންޖީލުފަދަ މުގައްދަސު އެހެން އެއްވެސް ފޮތެއް ވިޔަސް، ނޫނީ ތާރީޚީ އެހެން އެއްވެސް ހާދިސާއެއް ވިޔަސް، ކީރިތި ޤުރުއާން، އެންމެ ފުރަތަމަ، އެބައެއްގެ މައްޗަށް އެ ފޮތް ބާވާލެއްވުނު މީހުންގެ ހަޔާތަށް، ކުރުވިފަދަ ތައުސީރެއް ކުރުވާފައެއް ނުވެއެވެ. ކީރިތި ޤުރުއާން އެމީހުންގެ ހިތްތަކަށް ވިސްނުމާއި ފިކުރުކުރުމުގެ އިންގިލާބެއްގެނައެވެ. އަދި ކިޔެވުމާއި އިލްމު އުނގެނުމުގެ އެދުން އެމީހުންގެ ހިތްތަކުގައި އަށަގެންނެވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދެން އައި ތިން ހަތަރު ޖީލެއްގެ މުސްލިމުން، ދުނިޔެއަށް، އިލްމީ ބޮޑު އިންގިލާބެއްގެނުވިއެވެ. އަދި މި އިންގިލާބު، އަދުގެ ހުޅަނގުގެ އިލްމީ ކުރިއެރުމުގައި، މުހިއްމު ދައުރެއް އަދާކުރިއެވެ. ހުޅަނގުގެ ހަޟާރަތުގެ ބިންގާ ކަމުގައިވާ ޔޫނާނީ ޙަޟާރަތުގެ އިލްމީ ތަރިކަ ދިރުވައި ރައްކާކޮށް، އެތަރިކައަށް އިތުރު މުއްސަނދިކަން ގެނެސް، އެތަރިކަ ހުޅަގަށް ފޯރުކޮށްދިނެވެ. އާދެ، މުސްލިމުންގެ ތެރޭގައި، މިދެންނެވި އިލްމީ އަދި ފިކުރީ އިންގިލާބު ގެނައީ ކީރިތި ޤުރްއާނެވެ. އެފޮތުގައި ކިޔެވުމާއި އުނގެނުމަށް ބާރުއަޅައިފައިއޮތް އޮތުމެވެ.

މިހިސާބުން އުފެދޭ ސުއާލަކީ އިލްމީ ތަފާތު ރޮނގު ރޮނގުގައި އިލްމު އުގެނި ކުރިއަށްދާން، ކީރިތި ޤުރުއާން، އެފޮތް އެންމެ ފުރަތަމަ ބަލައިގަނެ، އެ ފޮތް ކިޔެވި ޖީލުތަކަށް ހިތްވަރު ލިބުނުއިރު، ފަހުގެ ޖީލުތަކުގެ މުސްލިމުން، އަދި ވަކީން ޚާއްސަކޮށް، އަދުގެ މުސްލިމުން، އިލްމީ ރޭހުގައި ފަހަތަށްޖެހުނީ ކީއްވެބާއެވެ؟ އިހުގައި ކީރިތި ޤުރުއާންވެފައި އޮތީ އިލްމީ ގޮތުން ކުރިއެރުމަށް ބާރު އަޅައި ހިތްވަރުދޭ ފޮތަކަށެވެ. މިހާރު ކަންތައް އޮތީ މިހެން ބާވައެވެ؟ މި ސުއާލުތަކުގެ ޖަވާބު ހޯދައި ކަނޑައަޅާލުމަކީ މިލިޔުމުގެ މަގްސަދެއްނޫނެވެ. ނަމަވެސް، މިސުއާލާ ދޭތެރޭ ވިސްނާލުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށްލުމުގެ ގޮތުން މި ސުއާލުކޮށްލެވުނީއެވެ.

އެއްވެސް ޝައްކެއްނެތެވެ. ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް، އެފޮތް އުނގެނި ދަސްކޮށް، އެފޮތުގެ އާޔަތްތަކާއި މެދު ވިސްނައި ފިކުރުކުރުމަށް، ބާރުއެޅިފައި އެބައޮތެވެ. މަތީގައި ނަންގަނެވިދިޔަ ޢަލަޤު ސޫރަތުގެ އާޔަތްކޮޅަށް ބަލާލިޔަސް މިކަން ފެނިގެންދެއެވެ. މީގެ އިތުރުން، ވިސްނާ ފިކުރުކުރުމަށާއި އިލްމު އުނގެނުމަށް ބާރުއަޅާ އެހެން އެތައް އެތައް އާޔަތެއް ވެސް ކީރިތި ގުރްއާނުގައި ވާރިދުވެފައިވެއެވެ. މިސާލެއްގެ ގޮތުން ދެތިން އާޔަތަކަށް އިޝާރަތްކޮށްލާނަމެވެ. އަލްއަންޢާމު ސޫރަތުގެ 98ވަނަ އާޔަތުގައި ކީރިތި ބާވާލެއްވިފައިވަނީ ‘ރަގަޅަށް ފަހުމްކޮށް ވިސްނާ’ ބައެއްގެ މައްޗަށްކަމުގައި އައިސްފައިވެއެވެ. އަދި ޔޫނުސު ސޫރަތުގެ 24ވަނަ އާޔަތުގައި އެފޮތް ބާވާލެއްވިފައިވަނީ ‘ވިސްނާ ފިކުރުކުރާ’ ބައެއްގެ މައްޗަށްކަމުގައި އައިސްފައިވެއެވެ. އަދި އައްނަޙްލު ސޫރަތުގެ 12ވަނަ އާޔަތުގައި އެފޮތް ބާވާލެއްވިފައިވަނީ ‘ބުއްދީގެ ހަމަތައް ބޭނުންކުރާ’ ބައެއްގެ މައްޗަށް ކަމުގައި އައިސްފައިވެއެވެ. އަދި އައްނިސާ ސޫރަތުގެ 82ވަނަ އާޔަތުގައްޔާއި ޞޯދު ސޫރަތުގެ 29ވަނަ އާޔަތުގައި، ކީރިތި ޤުރްއާނުގެ އާޔަތްތަށް އިޝާރާތްކުރާ މާނައަކީ ކޮބައިކަމާމެދު ‘ތަދައްބުރު ކުރުމަށް’، ‘ފުންކޮށް ވިސްނައި ފިކުރުކުރުމަށް’ ގޮވާލެވިފައިވެއެވެ. މިއިން އެނގެނީ ކީރިތި ގުރްއާނަކީ އުނގެނި ދަސްކުރަން އޮތް ފޮތެއްކަމެވެ. އެފޮތުގެ އާޔަތްތަކަކީ އެޔާމެދު ވިސްނައި ފިކުރުކުރުމަށް އޮތް އާޔަތްތަކެއްކަމެވެ. މިކަން އަދައިގެން މަސައްކަތްކޮށްފި ކޮންމެ މީހަކަށްމެ އެއީ ކުރެވިދާނޭ ކަމެއްކަންވެސް މިއާޔަތްތަކުން ދޭހަވެއެވެ.

އެއްވެސް ޝައްކެއްނެތެވެ. އެންމެ އިހުގައި މުސްލިމުން ކީރިތި ގުރްއާން ކިޔަވައި އުޅުނީ އެފޮތް ވިސްނައި ފަހުމްކޮށްގަތުމަށްޓަކައެވެ. އިސްލާމީ ތާރީޚުގެ ސަފުހާތަކުން މިކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ހިޖުރައިން 8ވަނަ އަހަރު މައްކާ ފަތަހަކުރެވި، އެއާވިދިގެން އަރަބިކަރައިގެ ހުރިހާ ގަބީލާތައްހެން، އިސްލާމް ދީން ގަބޫލުކުރުމުން، ކީރިތި ރަސޫލާ އެގަބީލާތަކުގެ މީހުންގެ ގާތަށް ބައެއް އަސްހާބުބޭކަލުން ފޮނުއްވިއެވެ. އެމީހުންނަށް ޤުރުއާން ކިޔަވައިދެއްވުމަށްޓަކައެވެ (ليقرئ عليهم القرآن).” އަދި އެހެން ރިވާޔަތެއްގައި “އެމީހުންނަށް ޤުރްއާން އުނގަންނައި ދެއްވުމަށްޓަކައެވެ (ليعلمهم)”. މިދެރިވިޔާތް އަޅާކިޔާލުމުން، ކިޔަވައިދިނުމުގެ (ليقرئ)، ‘ކިޔަވައިދެއްވުމަށްޓަކައި’ މި އިބާރަތުގެ މާނައަކީ (ليعلم) ‘އުނގަންނައިދިނުމަށްޓަކައި’ކަން ވަރަށް ސާފުކޮށް އެނގެއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު ކީރިތި ޤުރްއާން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އެދުވަސް ވަރުގެ އިސްލާމީ އުއްމަތުގެ މައި ރަށްތަކުގައެވެ. ހިޖާޒުކަރައިގެ މައްކާއާއި މަދީނާގައެވެ. ޝާމްކަރާއިގެ ދިމިޝްގުގައެވެ. އިރާގުގެ ކޫފާއާއި ބަސްރާ އަދި ބަޣްދާދުގައެވެ. މިސުރުގެ ފުސްތާތުގައެވެ.  (އިހުގެ ފުސްތާތުކަމުގައި ހިމެނުނު ރަށުގެ ސަރަހައްދު މިއަދު ހިމެނެނީ މިސުރުގެ ވެރިރަށް ގާހިރާގެ ތެރޭގައެވެ) އަދި، ފަހުން އުތުރު އެފްރިކާގެ ރަށްތަކުގައްޔާއި އަންދަލުސް (މުސްލިމް ސްޕެއިން)ގައި ވެސްމެއެވެ. މިރަށްރަށުގެ މިސްކިތްތަކުގައްޔާއި މަދަރުސާތަކުގައެވެ. މިމަސައްކަތްކުރެވުނު ގޮތުގެ ތަސައްވުރެއް، އަޅުގަނޑުމެންގެ އަތުގައިވާ ބައެއް އިސްލާމީ ފޮތްތަކުން ލިބެން އެބައޮތެވެ. ހަދީސްފޮތްތަކުގެ ޤުރްއާން ތަފްސީރާ ބެހޭ ބާބުތަކުންނެވެ. އަދި އިހުގެ ޤުރްއާން ތަފްސީރުތަކުން ވެސްމެއެވެ.

މުހައްމަދު އިބްނު ޖަރީރު އައްތަބަރީ. އޭނާއަކި މުފައްސިރެކެވެ. އަދި ތާރީޚުގެ އިލްމުވެރިއެއްވެސް މެއެވެ. އޭނާ ލިއުއްވި 15 ޖިލްދުގެ ތަފްސީރުއަކީ އަޅުގަނޑުމެންގެ އަތްމަތީ އޮތް އެންމެ އިހުގެ ތަފްސީރެވެ.

އިހުގެ ތަފްސީރުތަކަށް ބަލާލާއިރު އައްތަބަރީގެ (އަވަހާރަވީ310ހ./923މ. ގައި) ޖާމިޢު އަލްބަޔާން، އާއި އިބްނު ކަޘީރުގެ (އަވަހާރަވީ 774ހ./1373މ.) ‘ތަފްސީރު އަލްޤުރްއާނި އަލްޢަޡީމް’ އަދު އައްސުޔޫތީގެ ‘އައްދުރް އަލް މަންޘޫރު’ (އަވަހާރަވީ 910ހ./1505މ. ގައި) ފަދަ ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތްތަކުން އެންމެ ކުރީގެ ޖީލުތަކުގެ މުސްލިމުން ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް ކުރިމަސައްކަތް ކޮންމެވެސް ވަރަކަށް ނަމަވެސް ފެންނާން އެބައޮތެވެ. މިދެންނެވިފަދަ ތަފްސީރުތަކުގައި ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތަކާބެހޭ ގޮތުން، ފުރަތަމަ ދެތިން ޖީލުގެ މުސްލިމުންގެ – އަސްހާބުބޭކަލުންނާއި ތާބިއީ ބޭކަލުންނާއި އަދި ތަބައަ ތާބީއީ ބޭކަލުންގެ – ރައުޔުތައް ބަޔާން ކުރެވިފައިވެއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް، އެބޭކަލުންނަށް ފަހުމްވެ ވަޑައިގަތްގޮތާއި އަދި އެފަހުމްވުން ބިނާވެފައިއޮތީ ކޮންކަމެއްގެ މައްޗަށްތޯ ވެސް ފެންނަން އެބައޮތެވެ. މިއިން، އިހުގެ މުސްލިމުންގެ މެދުގައި، މިނިވަންކަމާއި ފޯރިއާއެކު، ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ތަސައްވުރެއް ހިތަށް ފެނިގެން ދެއެވެ.

އަލްއިމާމު އައްރާޒީ – މުފައްސިރެއް، ފަލްސަފާވެރިއެއް އަދި ޑޮކްޓަރެއް. އޭނާއަކީ މިހުރިހާ ރޮގެއްގައި އަގުހުރި ފޮތްތަކެއް އެކުލަވާލެއްވި މުސައްނިފެކެވެ. އޭނާ ލިޔުއްވި ތަފްސީރަކީ އެންމެ ތަފްސީލީ ތަފްސީރުތަކުގެ ތެރޭގައި ހިމެނެއެވެ. އޭނާގެ ތަފްސީރު ބެލެވިފައިވަނީ އިލްމީ މައުސޫއާއެއް، އެންސައިކްލޮޕީޑިޔާއެއް، ކަމުގައެވެ. އޭނާގެ ތަފްސީރުގައި ތިރީސް ޖިލްދުވެއެވެ.

ދެން އައި ގަރުނުތަކުގައިވެސް، ކީރިތި ޤުރްއާނުގެ އާޔަތްތައް ފަހުމްކޮށްގަތުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނެވެ. އަދި ކީރިތި ޤުރްއާނުގެ އާޔަތްތަކާމެދު ތަފާތު ރޮނގުވަޅުތަކުން ބަލައި ބަހުސްތައް ކުރެވެމުން ދިޔައެވެ. ބަހުގެ ޤަވާއިދާއި އަދި ބަހުގެ އަދަބިއްޔާތުގެ ރޮނގުވަޅުތަކުން ބަލައިގެންނެވެ. އައްޒަމަޚްޝަރީގެ (އަވަހާރަވީ 538ހ./1144މ. ގައި) ‘އަލްކައްޝާފާއި’ އަބޫ ހައްޔާނު އަލްޣަރްނާޠީގެ (އަވަހާރަވީ744ހ./1344މ.ގައި) ‘އަލްބަހްރު އަލްމުޙީޠު’ އިން މިކަންފެނިގެންދެއެވެ. ކީރިތި ޤުރުއާނުގައި އެކި ކަންކަމާބެހޭ ގޮތުން އައިސްފައިވާ ހުކުމްތައް ދެނެގަތުމުގެ މައްޗަށް ބުރަވެ، އެރޮނގުވަޅުން ބަލައިލެވިގެންވެސް ތަފްސީރުތައް ލިޔެވުނެވެ. އަލްޤުރްތުބީގެ (އަވަހާރަވީ 671ހ./1273މ. ގައި) އަލްޖާމިއު ހިމެނިފައިވަނީ މިގޮތުން ލިޔެވިފައިވާ އެންމެ މަޝްހޫރު އެއް ތަފްސީރު ފޮތްކަމުގައެވެ. އިލްމީ އަދި ފަލްސަފީ ރޮނގުވަޅަކުން ބެލެވިގެންވެސް ތަފްސީރުތައް ލިޔެވުނެވެ. މިގޮތުން ލިޔެވުނު އެންމެ މަޝްހޫރު ތަފްސީރެއްކަމުގައި ހިމެނިފައިއޮތީ ފަޚްރުއްދީން އައްރާޒީގެ (އަވަހާރަވީ 605ހ./1209މ.ގައި) ‘މަފާތީހު އަލްޣައިބް’، ނުވަތަ މަޝްހޫރު ނަމުން ނަމަ، ‘އައްތަފްސީރު އަލްކަބީރު’، އާދެ، ‘ބޮޑު ތަފްސީރެ’ވެ. އައްރާޒީ ދެކިލެއްވި ގޮތުގައި، ހައްގާ ހަމައަށް ވާސިލުވެވޭނީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދިއާއި ސިކުނޑީގެ އަލީގައެވެ. އޭނާގެ ކިބައިގައިވާ އުނގެނުމާއި ވިސްނުމާއި އަދި ފިކުރުކުރުމުގެ ބާރާއި ގާބިލިއްޔަތު ބޭނުންކޮށްގެންނެވެ. އަދި، އެއަށްފަހު، އެއްޗެއްތި ފަހުމުކޮށް، އޭނާގެ އަމިއްލަ ޚިޔާލާއި ރައުޔު ފާޅުކޮށް ކަންކަމާދޭތެރޭ ގޮތްކިޔައިގެންނެވެ. އޭނާގެ ތަފްސީރު ބިނާކުރެވިފައިވަނީ މިއުސޫލުގެ މައްޗަށެވެ. އަދި އެދުވަސްވަރުގެ ބައެއް އިލްމީ ވާހަކަތައް ވެސް، އާޔަތްތަކުގެ މާނަ ބަޔާންކޮށްދިނުމުގައި އޭނާގެ ތަފްސީރުގައި ގެނެވި، ލިޔެވިފައިވެއެވެ. އޭނާގެ ތަފްސީރު ފޮތް ހިމެނިފައިވަނީ އަމިއްލަ ރައުޔާއި އިޖުތިހާދު ބޭނުންކޮށްގެން ލިޔެވުނު ތަފްސީރުތަކުގެތެރެއިން އެންމެ މަގުބޫލު އެއް ފޮތްކަމުގައެވެ.

ސައްޔިދު ޤުޠުބް. އޭނާ ލިޔުއްވި ޡިލާލު ހިމެނިފައިވަނީ މިޒަމާނުގައި ލިޔެވި ޝާއިޢު ކުރެވުނު މަގްބޫލު ތަފްސީރު ފޮތްތަކުގެ ތެރޭގައެވެ.

ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް މިޒަމާނުގައި ވެސް މުސްލިމުންގެ މެދުގައްޔާއި (އަދި ޣައިރު މުސްލިމުންގެ މެދުގައި ވެސް) ކުރެވެމުންދިޔައެވެ. މިމަގާމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިޒަމާނުގައި ލިޔެވުނު އަދި މުސްލިމުންގެ މެދުގައި މަގްބޫލުކަން ލިބިފައިވާ ތަފްސީރުތަކުގެ ތެރެއިން އެއްތަފްސީރެއްގެ ވާހަކައެވެ. ސައްޔިދު ޤުޠްބުގެ (އަވަހާރަވީ 1385ހ./1966މ. ގައި) ޡިލާލުގެ ވާހަކައެވެ. މިތަފްސީރުގެ ވާހަކަ ނަންގަނެލަން ބޭނުންވަނީ އެ ތަފްސީރު ލިޔުން ބިނާކުރެވިފައިވާ މަންހަޖާއި (މެތޮޑޮލޮޖީއާއި) ގުޅޭ މުހިއްމު ނުކުތާއެއް ފާހަގަކޮށްލުމުގެ ބޭނުމުގައެވެ. އިހުގެ ތަފްސީރުތަކާއި އަދި ފަހުގެ ތަފްސީރުތަކަށް ވެސް ބަލާލާއިރު، އާއްމު ގޮތެއްގައި ފެންނަނީ، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އާޔަތްތަކަށް ވަކި ވަކީން ބަލާލެވިގެން އެއާޔަތްތަކުގެ މާނަ ބަޔާން ކޮށްދެވިފައިވާ ތަނެވެ. ސައްޔިދު ޤުޠްބުގެ ޡިލާލަށް ބަލާލާއިރު، ފެންނަނީ ސޫރަތްތަކުގެ އާޔަތްތައް، އެއާޔަތްތަކުގެ މައިގަނޑު މައުޟޫއުގެ މައްޗަށް ރިއާޔަތްކޮށް، ބަހާލެވިފައިވާ ތަނެވެ. އެއަށްފަހު، އާޔަތްތަކުގެ މާނަ އެއާޔަތްތަކާބެހޭ މައުޟޫއާއި ގުޅުވައިގެން ބަޔާން ކުރެވިފައިވާ ތަނެވެ. މި ގޮތުން ބަލާއިރު، ސައްޔިދު ޤުޠްބުގެ ޡިލާލަކީ މައުޟޫޢީ ތަފްސީރެއްގެ ގޮތުގައި ކަނޑައަޅާލެވިދާނެއެވެ. ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމަށް، އެހެން ތަފްސީރުތައް ފަދައިން، މައުޟޫޢީ ތަފްސީރުގެ އެހީތެރިކަންވެސް ވަރަށް މުހިއްމެވެ. ކީރިތި ޤުރްއާނުގެ ސޫރަތްތަކުގައި ގިނަފަހަރު ތަފާތު އެތައް ވާހަކަތައް ހިމެނެއެވެ. އެކިއެކި ކަންކަމާ ބެހޭ ހުކުމްތަކެވެ. އިއުތިގާދީ ވާހަކަތަކެވެ. ތާރީޚީ ވާހަކަތަކެވެ. މިތަފާތު ވާހަކަތައް އެއްސޫރަތެއްގައި ހިމެނިފައިވަނީ ކީއްވެގެންކަމާއި އެވާހަކަތަކާއި ގުޅޭ މައިގަނޑު މައުޟޫއަކީ ކޮބައިކަން، މައުޟޫއީ ތަފްސީރުތަކުން ސާފުވެގެންދެއެވެ. އަދި، ކީރިތ ޤުރްއާނުގެ ސޫރަތްތަކުގެ އާޔަތްތަކަކީ އެއްއާޔަތާއި އަނެއްއާޔަތް ގުޅި ލާމެހިފައިވާ ވަހުދާއެއްކަން، ޔުނިޓެއްކަން ވެސް، މައުޟޫއީ ތަފްސީރުތަކުން އެނގިގެންދެއެވެ.

ކީރިތ ޤުރްއާނުގެ މާނަ ދެނެގަތުމަށް، އިހާއި އަދި މިހާރުގެ މަސައްކަތްތަކަށް ކުރުގޮތަކަށް ނަމަވެސް އަލިއަޅުވާލުމުގެ ބޭނުމަކީ، އެފޮތަކީ، ކުރިންވެސް ނަންގެންފަދައިން، ވިސްނައި ފަހުމްކޮށް ދެނެގަތުމަށް އޮތް ފޮތެއްކަން ފާހަގަކޮށްލުމަށްޓަކައެވެ. އަދި، ކީރިތި ޤުރްއާނަށް ލޯބިކުރާ ކޮންމެ މީހަކުވެސް  ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަސައްކަތްކުރުމަށް ހިތްވަރު ދިނުމަށްޓަކައެވެ. އަޅުގަނޑުގެ މިމުގައްދިމާ ނިންމާލަން ގަސްދުކުރަނީ ދިވެހިންގެ ތެރޭގައިވެސް ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށްޓަކައި ކުރެވިފައިވާ މަސައްކަތާބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލައިފައެވެ.

ދިވެހިންގެ ތެރޭގައި، ކީރިތި ޤުރުއާން ފަހުމުކޮށް ދެނެގަތުމުގެ މަސައްކަތުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ހިތަށް އަންނަނީ، ރަސްމީ ސިފައެއް ލިބިގެން، ދިވެހިބަހުން ލިޔެވި ދިވެހިންގެ ތެރޭގައި އާއްމުވި، ތަރުޖަމާގެ ވާހަކައެވެ. 1971ވަނަ އަހަރު ތަރުޖަމާކުރެވި، 1975ގައި ޝާއިއުކުރަން ފެށުނު ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގެ ވާހަކައެވެ. އެތަރުޖަމާ ކުރެވުނީ އެދުވަސްވަރުގެ ދިވެހި ސަރުކާރުން ކަނޑައަޅާލެވުނު އިލްމީ ފަސް ބޭފުޅެއްގެ މައްޗަށް އެކުލަވާލެވުނު ކޮމިޓިއަކުންނެވެ. ފޮތެއްގެ ސިފައިގައި ލިޔެވި ޝާއިއުކުރެވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއްނެތި، ރާއްޖޭގެ ކަންކޮޅުތަކަށް، މިތަރުޖަމާ، އިއްވެމުން ދިޔައެވެ. ޝައްކެއްނެތްގޮތުގައި މިތަރުޖަމާއިން ކީރިތި ޤުރްއާނުގެ މާނަ ކޮންމެވެސް މިންވަރަކަށް ނަމަވެސް ދިވެހިންނަށް އެނގި ސާފުވުމުގެ މަގު ފަހިވިއެވެ.

ފުރަތަމަ ތަސްވީރަކީ އައްޝައިޚު މަލިންގޭ ހުސައިންދީދީގެ ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު، 1958ގައި، އަލަށް ޗާޕުކުރެވުނުއިރު ފޮތުގެ ބޭރުގަނޑުއޮތް ގޮތެވެ. ފޮތުގެ ޗާޕާބެހޭ މައުލޫމާތު މިބޭރުގަނޑުގައި ލިޔެވިފައި އެބައޮތެވެ. ދެވަނައަށް އެވަނީ ފަހުން ނޮވެލްޓީއިން ކުރެވުނު މިފޮތުގެ ޗާޕުގެ ފުރަތަމަބައިގެ އެއްވަނަ ޖިލްދުގެ ބޭރުގަނޑެވެ. މިޗާޕުގެ ދެބައިގައި ސަތާރަ ޖިލްދު ހިމެނެއެވެ.

މީގެ އިތުރުން ބައެއް އަމިއްލަ ބޭބޭފުޅުންވެސް ދިވެހި ބަހުން ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު ލިޔުއްވައިފައިވެއެވެ. މިގޮތުން ދެ ތަފްސީރެއްގެ ވާހަކަ ނަންގަނެލާނަމެވެ. އެންމެ ފުރަތަމަ އައްޝައިޚު އަލްމަރްހޫމް މަލިންގޭ ހުސައިންދީދީ (އަވަހާރަވީ 1399ހ./1979މ.ގައި) ލިޔުއްވި ‘ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު’ގެ ވާހަކައެވެ. މިތަފްސީރަކީ، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިވެހި ބަހުން ލިޔެވުނު ފުރަތަމަ ތަރުޖަމާއާއި ތަފްސީރެވެ. މިތަރުޖަމާއާއި ތަފްސީރު ފުރަތަމަ ޗާޕުކުރެވި ޝާއިއު ކުރެވުނީ އިންޑިޔާގައި 1378ހ./1958މ. ވަނައަހަރުގައެވެ. މިއީ މިހާތަނަށް ދިވެހިބަހުން އެންމެ ތަފްސީލުކޮށް ލިޔެވި ފެންނަންއޮތް ތަރުޖަމާއާއި ތަފްސީރެވެ. މިތަފްސީރު ދެބައަކަށް ބެހިނގެންވެއެވެ. ފުރަތަމަބައިގައި އަލްފާތިހާ (އަލްހަމްދު) ސޫރަތުން ފެށިގެން އައްނަޙްލު ސޫރާތާއި (ސޯޅަވަނަ ސޫރަތާއި) ހަމައަށް ތަރުޖަމާ ލިޔެވިފައިވެއެވެ. ނޮވެލްޓީއިން ކުރެވުނު ޗާޕުގެ މިބައިގައި، ހަތަރު ޖިލްދު އެކުލެވިގެންވެއެވެ. އަދި ދެވަނަ ބައިގައި އަލްއިސްރާއު ސޫރަތުން (ސަތާރަވަނަ ސޫރަތުން) ފެށިގެން އައްނާސު ސޫރަތާއި (ސަތޭކަ ސާދަވަނަ ސޫރަތާއި) ހަމައަށް ތަރުޖަމާއާއި ތަފްސީރު ލިޔެވިފައިވެއެވެ. ނޮވެލްޓީއިން ޗާޕުކުރެވުނު މިބައިގައި ތޭރަ ޖިލްދު ހިމެނެއެވެ. އާދެ، މިފޮތް ކަރުދާހުގައި ލިޔެވި ޝާއިއުކޮށް އާއްމުންނަށް ލިބެން މިހާރު އެބައޮތެވެ. އަދި ހަމަ އެހެންމެ އިންޓަރނެޓުންވެސް މިފޮތް ބަލައިލުމުގެ ފުރުސަތު އެބައޮތެވެ.

ކީރިތި ގުރްއާނުގެ ތަރުޖަމާއިއަކާއި ތަފްސީރެއް އެންމެ ފުރަތަމަ ދިވެހިބަހުން ލިއުއްވި އައްޝައިޚު އަލްމަރުހޫމު މަލިންގޭ ހުސައިންދީދީ. މާތްﷲ އޭނާއަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށިއެވެ.

ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ ޅ. ހިންނަވަރު އައްޝައިޚު އަލްމަރްހޫމު އަބޫބަކުރު އިބްރާހިމް އަލީ، 2006 ވަނައަހަރު، ލިއުއްވި ތަރުޖަމާއާއި ތަފްސީރުގެ ވާހަކައެވެ. އަދި މިހާތަނަށް ކަރުދާހުގައި ލިޔެވިޝާއިއުކުރެވިފައި ނެތަސް، އިންޓަރނެޓްގައި އޭނާގެ ތަފްސީރާއި ތަރުޖަމާ ޝާއިއު ކުރެވިފައި އެބައޮތެވެ. މިއީ ސާދާ ދިވެހި ބަހުން އެންމެ އާންމު މީހާއަށް ވެސް ދޭހަވާނޭ ފަދައިން ލިޔުއްވާފައިވާ ތަރުޖަމާއަކާއި ތަފްސީރެއް ކަމުގައި މުސައްނިފު ވިދާޅުވެފައިވެއެވެ.

އައްޝައިޚު އަލްމަރްހޫމް އަބޫބަކުރު އިބުރާހީމު، ޅ. ހިންނަވަރު. ތައުލީމު ހާސިލު ކުރެއްވީ މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައެވެ. ކިޔަވާ ވިދާޅުވުމަށްފަހު، ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ މެދުތެރޭގައި ރާއްޖެއަށް އެނބުރި ވަޑައިގެން، މުޅިއުމުރު ހޭދަކުރެއްވީ އިސްލާމީ ތައުލީމު އުނގަންނައިދެއްވުމާއި އިސްލާމީ ދައުވަތުގެ މަސައްކަތުގައެވެ. އަދި ދީނީ ފޮތް ތަރުޖަމާކުރެއްވުމުގައެވެ. ޝައިޚު ދޫކުރައްވައްފައި ވަޑައިގަތް އެންމެ އަގުހުރި އިލްމީ ތަރިކައަކީ އޭނާގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރެވެ. ޝައިޚަށް މާތްﷲ ހެޔޮޖަޒާ ދެއްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ!

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ވެސް ރަސްމީ ސިފައިގައްޔާއި އަދި އަމިއްލަ މީސްމީހުންވެސް ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމުގެ ހެކި ދެންމެ މި އިޝާރަތްކޮށްލި ދެ ފޮތުން ލިބެއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރެވިފައިވެއެވެ. ޚާއްސަގޮތެއްގައި އައްޑުއަތޮޅުގައެވެ. ސ.ހިތަދޫ ޝައިޚު ހުސައިން ރަހާއާއި އޭނާގެ އިސްދަރިވަރުންގެ ތެރޭގައި ހިމެނުނު ޝައިޚު މޫސާ އަލްމުސްތަފާ އާއި ދެއިލްމުވެރިން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ލިޔުއްވި ކަމަށްވެއެވެ. އަދި މީގެ އިތުރުން ޖަލާލުއްދީން އަލްމަހައްލީއާއި (އަވަހާރަވީ 864ހ/1459މ.ގައި) އޭނާގެ ދަރިވަރު ޖަލާލުއްދީން އައްސުޔޫޠީގެ (އަވަހާރަވީ 911ހ./1505މ.ގައި) ތަފްސީރު ކަމުގައިވާ ‘ތަފްސީރު އަލްޖަލާލައިން’ ވެސް ހިތަދޫގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވުނު ކަމަށްވެއެވެ. މިއިން ފޮތެއް ބަލާލުމުގެ ނަސީބު އަޅުގަނޑަކަށް ލިބިފައެއްނުވެއެވެ. އެހެން ކަމުގައިވިޔަސް، މިއިން އެނގެނީ ދިވެހިން ވެސް، ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާކަމެވެ.

ކީރިތި ޤުރްއާން ފަހުމްކޮށްގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއްކަން، އެފޮތަށް ލޯބިކުރާ ކޮންމެ މީހަކުވެސް ދެކޭނޭކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. މާތްﷲގެ ކިބަފުޅުން، ތައުފީގުއަށް އެދި ދުއާކުރަމުން، ‘އޭދަފުށީގެ އަޑު’ މެދުވެރިކޮށް ‘ކީރިތ ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަގެއް’، މިސިލްސިލާ ހުށަހަޅާލަނީ، ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތުގެ އާ އޮށެއް އިންދުމުގެ ގަސްދުގައެވެ. އެއޮށުގައި ކޯދުލައި އާނިރެއް ފަޅުވައިލެވޭތޯއެވެ. އަދި ކީރިތި ޤުރްއާން ދެނެގަނެ ފަހުމްކޮށް ގަތުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްލެވޭތޯއެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން އަތެއް ފޯރުކޮށް ދިނުމުގެ މަގުސަދުގައެވެ. މިމަގު ފަހިކޮށްދެއްވި ކަމަށްޓަކައި ‘އޭދަފުށީގެ އަޑު’ގެ ހިންގުންތެރިންނަށް ޝުކުރު ދަންނަވަމެވެ. ކިޔުންތެރިންގެ ކިބައިން އެދެނީ ފާޑުކިޔުމުގެ ނަޒަރަކުން ލިޔުންކިޔައި ކުށެއްވާ ނަމަ އެކަން ފާހަގަކޮށްލަދިނުމެވެ. އަދި އުފެދޭ ސުއާލުތަކާއި ލިޔުމުގައި ސާފުކޮށް ބުނެނުދެވި ހުރިކަންކަން ވެސް ފާހަގަކޮށްލަދިނުމެވެ. އެސުއާލުތަކުގެ ޖަވާބު ހޯދައި އަދި ސާފުނުވެހުރި ކަންކަން ސާފުކޮށްދެވޭތޯ މަސައްކަތް ކުރުމަށްޓަކައެވެ. ދެވަނަ ބައިގައި އަލްފާތިޙާ ސޫރަތުގެ، އާދެ، އަލްހަމްދު ސޫރަތުގެ، މާނައިގެ މައްޗަށް ބަލައިލަން ގަސްދުކުރަމުން، އަޅުގަނޑުގެ މުގައްދިމާ މިހިސާބުން ނިންމާލަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top