
ބ. އެޓޯލް ފުޓްބޯލް ޗެލެންޖް 2013ގެ ތަށި އޭދަފުށީ ޓީމް އުފުލާލަނީ. މިއަހަރުގެ މުބާރާތުގައި އަތޮޅުގެ 8 ރަށަކުން ވާދަކުރޭ / ފޮޓޯ: އެޓޯލް ޗެލެންޖް ފޭސްބުކް ޕޭޖް
މުއްދަތު ހަމަވިއިރު ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖްގައި މިއަހަރު ބައިވެރިވީ ޖުމްލަ 8 ރަށަކުންކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެފިއެވެ.
31 އޮގަސްޓްގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު އޮތް މުބާރާތުގައި މިއަހަރު ބައިވެރިވީ ޗެންޕިއަން އޭދަފުށި، ގޮއިދޫ، ކެންދޫ، ކުޑަރިކިލު، ކިހާދޫ، ފެހެންދޫ، ދަރަވަންދޫ އަދި ދޮންފަނުކަމަށް އިންތިޒާމް ކޮމެޓީން ބުނެއެވެ. އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި މިއަހަރު އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވާނޭކަމަށް އިންތިޒާމްކޮމެޓީން ކުރިން ލަފާކުރިއެވެ. ނަމަވެސް ކޮމެޓީގެ ޗެއާމަން އަދި މުބާރާތުގެ ބާނީ އޭދަފުއްޓަށް އުފަން ކުރީގެ ގައުމީ ޓީމްގެ ޑިފެންޑަރ މުހައްމަދު ޖަމީލް އީވީއަށް ބުނީ ފަހުވަގުތު އެކިސަބަބުތަކާހުރެ ބައެއްޓީމްތަކަށް ބައިވެރިނުވެވުނީކަމަށާ، 8 ޓީމް ބައިވެރިވުމަކީވެސް ކާމިޔާބެއްކަމަށެވެ. މިދިޔަ އަހަރުވެސް މިމުބާރާތުގައި 8 ޓީމެއް ވާދަކުރިއެވެ.
“އެންމެބޮޑު މައްސަލައަކީ ކުޅުންތެރިން ރަށުންބޭރުގައި އުޅޭ މައްސަލަ. އެދުވަސްވަރަށް ޗުއްޓީ ނުލިބޭ މައްސަލަ. އަޅުގަނޑަށް ހީވަނީ 8 ޓީމަކީވެސް ކާމިޔާބެއްކަމަށް” 10 އަހަރަށްވުރެ ގިނަދުވަހު ރާއްޖޭގެ ގައުމީޓީމަށް ކުޅެފައިވާ ކުޅުންތެރިޔާ ބުންޏެވެ.
އަތޮޅުގެ ރަށްރަށުގެ މެދުގައި ފުޓްބޯލަ މުބާރާތެއް ނުބޭއްވި އަހަރުތަކެއް ދިއުމަށްފަހު 2012 ވަނަނައަހަރު ޔޫސްޕޯޓްސް އިން ފެށި އެޓޯލް ފުޓްބޯލް ޗެލެންޖްގައި އެއަހަރު އަތޮޅުގެ 6 ރަށަކުން ވާދަކުރިއެވެ. އެއަހަރު ޗެންޕިއަންކަން ހޯދީ ގޮއިދޫއެވެ. 2013ވަނަ އަހަރު 8 ރަށަކުން ވާދަކޮށް ޗެންޕިއަންކަން ހޯދީ އޭދަފުއްޓެއްވެ. މިމުބާރާތުގައި މިދިޔަ ދެއަހަރުވެސް ބައިވެރިނުވާ ރަށްރަށަކީ ހިތާދޫ، ތުޅާދޫ އަދި ފުޅަދޫއެވެ. މިމުބާރާތް ފެށޭނީ 28 ނޮވެމްބަރގައިކަމަށް ޔޫސްޕޯޓްސް އިން ބުނެއެވެ.