”ބާ އެޓޯލް ފެސްޓިވަލް “. ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ބ. އަތޮޅު ޕްރޮމޯޓް ކުރަން އެޅި މުހިންމު ފިޔަަވަޅެއް

187262_3_3096f233c9b48ed907acaa956501807904088fd5_medium.jpg

''ބާ އެޓޯލް ފެސްޓިވަލް" އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ޝެފުން.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބ.އަޓޯލް ފެސްޓިވަލްގެ ނަމުގައި ބ.އަތޮޅުގައި ހިންގާ ރިސޯޓްތައް ގުޅިގެން ބ.އަތޮޅަކީ ފަތުރުވެރިކަމަށް ޚާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން ނިންމައިފިއެވެ.

ސޮނެވާފުށި ރިސޯޓު ކައިރީގައި އޮންނަ ބޮޑު ފިނޮޅެއްގައި މި ހަރަކާތް އިފުތިތާހު ކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ރިސޯޓަކުން ވެސް ޚާއްސަ ކެއުންތައް ތައްޔާރުކޮށް، ހަ ރިސޯޓުގެ ކެއުންތައް އެއް ތަނަކުން ތަޖުރިބާ ކުރުމުގެ ފުރުސަތު ރަސްމިއްޔާތުގެ ބައިވެރިންނަށް ވަނީ ދީފައެވެ.

ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވް ހިމެނޭ މަޝްހޫރު ބ. އަތޮޅު ޕްރޮމޯޓް ކުރުމަށް މަސައްކަތް ފަށާފައިވަނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ ލަގްޒަރީ ރިސޯތްތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ސޮނެވާފުށި، ފޯ ސީޒަންސް، ދުސިޓް ތަނި، ވައްކަރު، އަމިއްލަފުށި އަދި ފިނޮޅުންނެވެ.

ބ.އަޓޯލް ފެސްޓިވަލް ފަށާފައިވަނީ ރިސޯޓްތަކުގެ ޝެފުން، ޚާއްސަ ދަންމަރެއްގައި އަލިފާން ރޯކުރުމާ އެކު އެވެ. ޝެފުންގެ އިތުރުން ރިސޯޓުތަކުގެ ޖެނަރަލް މެނޭޖަރުންނާއި މެރިން ބަޔޮލަޖިސްޓުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

“މި ފެސްޓިވަލްގެ އަމާޒަކީ ޑެސްޓިނޭޝަނެއް ގޮތަށް ބ. އަތޮޅު އިޝްތިހާރު ކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރު ވާނީ ރިސޯޓުތަކުން ގުޅިގެން މިފަދަ ކަންކަން ކުރީމާ،” ބ. އަތޮޅު ފެސްޓިވަލް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، އަމިއްލަފުށި އަދި ފޮނޮޅު ހިންގާ ދަ ސްމޯލް މޯލްޑިވްސް އައިލެންޑުގެ ސީއީއޯ މާކް ހޭހާ ވިދާޅުވި އެވެ.

އަމިއްލަފުށީގައި ހުންނަވައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން މާކް ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދެން އޮތް ހަރުފަތަށް ގެންދަން ކޮންމެހެން މުހިންމު ކަންތައްތަކެއް ކަމަށެވެ. އަދި މި ފެސްޓިވަލާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ސަރުކާރުން ވެސް މިކަމަށް އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅު ފެސްޓިވަލް ،އަންނަ ޖުލައި ވިހިވަނަ ދުވަހުން ފެށިގެން އޯގަސްޓް ތިން ވަނަ ދުވަހާ ހަމަ އޮންނާނެއެވެ. ފެސްޓިވަލްގައި މައިގަނޑު ކަމަކަށް އޮންނާނީ، ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓުގެ އިތުރުން، ފެސްޓިވަލްގައި ބައިވެރިވާ ކައިރި އެހެން ރިސޯޓުތަކަށް ކާން ދިއުމުގެ ފުރުސަތެވެ.

އެގޮތުން ކޮންމެ ހަފުތާއަކު ވެސް، އެ ހަފުތާ އަކަށް ކަނޑައަޅާފައިވާ ރިސޯޓަކަށް ޒިޔާރަތްކޮށް، އެ ރިސޯޓެއްގެ ޑިޝްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު އެހެން ރިސޯޓުތަކުގެ ގެސްޓުންނަށް ހުޅުވާލާނެ އެވެ.

ރާއްޖޭގައި މުޅިން އަލަށް މިފަދަ ކަމެއް ރިސޯޓުތަކުން ފެށިއިރު، އަންނަ އަހަރުގެ ފެސްޓިވަލްގައި ކެއުމުގެ އިތުރުން އެހެނިހެން ހަރަކާތްތައް ވެސް ހިމަނާނެ ކަމަށްފެސްޓިވަލް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top