ވައިގެމަގުން ދަތުރުކުރެވޭވަރު ވީއިރު އެއަރޕޯޓް ފެރީއެއް އޮންނާނެ ނަމަ!

DSCN6121.jpg

އޭދަފުށީ އުތުރުފަރާތު ފަޅުތެރެ-އީވީ ފޮޓޯ

އޭދަފުއްޓާ މާލެއާދެމެދު ސްޕީޑު ލޯންޗު ފަހަރުން ކުރާ ދަތުރުތަކަށް ނަގާ އަގާ ދަރަވަންދޫއާއި މާލެ އާދެމެދު ވައިގެ މަގުން ކުރެވޭ ދަތުރަށް ނަގާ އަގުގައި މާބޮޑު ތަފާތެއް މިހާރަކު ނެތެވެ. އޭދަފުށިން މާލެއަށް ނުވަތަ މާލެއިން އޭދަފުއްޓަށް ލޯންޗުފެރީ އިން ކޮޅަކަށް 350 ރުފިޔާއެވެ. ވައިގެ މަގުން މާލެ-ދަރަވަންދޫ އެއްކޮޅު 400 ރުފިޔާގެ ފެއަރއެއް ފްލައިމީ އިން ތައާރަފްކޮށްފައި ވާއިރު ރޯދަމަހަށް ޚާއްސަކޮށް ލޯލްޑިވިއަން އިން ވަނީ ދެކޮޅަށް 999 ރުފިޔާގެ ފެއަރއެއް ތައާރަފް ކޮށްފައެވެ. އަލަށް ފެށި މަންތާ އެއަރއިން 499 ރުފިޔާއަށް މިދެމެދުގައި އަރާމު ދަތުރެއް 20 މިނިޓުން ކޮށްލެވެއެވެ.

ވައިގެ ޚިދުމަތް މިއަގަށް ފައްކާވެފައިވާއިރު މިއީ ބ.އަތޮޅަށްވެސް ލިބުނު އުފާވެރި ޚަބަރެކެވެ. ކަނޑުމަގުގައި ކިތަންމެ ބާރަށް ދުއްވާފައި ދިޔަނަމަވެސް ރާޅުބޮޑު ކާށިދޫ ކަނޑު ހުރަސްކުރަންޖެހުމަކީ ޚާއްސަކޮށް އަންހެނުން، ދަތުރަށް އެރުމުގެ ކުރިންވެސް މޭ ނުބައި ކުރާ ކަމެކެވެ. އެކަމަކު ވައިގެ އަގުތައް ހެޔޮވުމާއެކު އެ ހާސްކަން ކެނޑުނު ނަމަވެސް ވައިގެ މަގުން ދަތުރުކުރެވޭނީ އެއާޕޯޓަކާ ހަމައަށް ގޮސްގެން ތާއެވެ! މައްސަލައަކީ އެއީއެވެ. ސްޕީޑްފެރީގެ ނިޒާމެއް ނެތުމެވެ. މިދެމެދުގައި ފެރީގެ ނިޒާމެއް އަތްފަޔަށް ކުޅަދާނަ އަގަކަށް ގާއިމުކޮށްދޭނީ ކާކު ކޮން އިރަކުން ބާއޭ ޚިޔާލުކުރާ ކިތަންމެ ބަޔަކު އެބައުޅެއެވެ.  ކޮންމެވެސް ބަޔަކު އެޚިޔާލު ސަރުކާރަށާއި ކައުންސިލްތަކަށް ހުށައަޅައިފިވެސް މެއެވެ. ނަތީޖާ ފެންނަން ވަގުތު ނަގަނީކަމަށް ވެދާނެއެވެ.

ދަރަވަންދޫއާއި އޭދަފުއްޓާ ދެމެދު ސްޕީޑް ފެރީއެއް ނެތުމުން އެއާޕޯޓަށް ދާން ބޭނުން މީހެއްނަމަ މިހާރު އޮތް ހަމައެކަނި ގޮތަކީ ލޯންޗެއް ނުވަތަ ޑިންގީއެއް ކުއްޔަށް ހިފުމެވެ. އެލޯންޗު އެހެން ބަޔަކާ ޝެއަރ ކުރުމަކީ ކުއްޔަށް ހިފާމީހާއަށް ކުރެވިދާނެ ކަމަކަށްވިޔަސް ބައެއް ލޯންޗުފަހަރުން އެފުރުސަތެއް ނުދެއެވެ. އިތުރު ބަޔަކު ނުވަތް މީހަކު އަރުވައިފިނަމަ އެމީހެއްގެ އަތުންވެސް ފައިސާ ނަގައެވެ. ލަޖެޖާއެކު ނަމަ އެއަށްވުރެވެސް ގިނައިންނެވެ. އެކި ލޯންޗުން އެކިވަރަށެވެ. އަޅުގަނޑު ކުރި ތަޖްރިބާއަކީ މީހަކަށް 100ރުފިޔާ އަދި ލަޖެގާއެކު ނަމަ އެއަށްވުރެ ގިނައިންނެވެ.

މިކަން ބަދަލުވެގެން ދާނީ މި ދެމެދުގައި ސްޕީޑް ލޯންޗް ފެރީގެ ޚިދުމަތް ދިނުމަށް ތަންކޮޅެއް މަވެތިކަން ކުޑަބަޔަކު އިސް ނަގައިގެންނެވެ. ޚިދުމަތެއްގެ ގޮތަކަށް ނޫނެވެ. ވިޔަފާރިގެ އުސޫލަށްވެސް ފައްތައިގެންނެވެ.

އަތޮޅު ކައުންސިލާ ރަށު ކައުންސިލްތައް އުފެދިފައި އޮތް އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމަށް ކަމަށް ވާއިރު އަތޮޅު ކައުންސިލްގެ ފަރާތުން ނުވަތަ ރަށު ކައުންސިލްގެ ފަރާތުން މިއީ ކުރެވިދާނެ ކަމެކެވެ.

އަތޮޅު ކައުންސިލުގައި ހައިސްޕީޑް ލޯންޗުފަހަރު އޮވެއެވެ. އެލޯންޗް ފަހަރުގެ ބޭނުން ކުރެވެމުން ދަނީ އެންމެ ފައިދާ ހުރި ގޮިތަކަށް ނޫނެވެ. މަދު ދަތުރެއްނޫނީ ރައްޔިތުމީހާއަށް ސީދާ ފައިދާކުރަނިވި ގޮތަކަށް ކުރެވިފައެއް ނުހުރެއެވެ. ފްލައިޓް ޖައްސާ ގަޑިތަކާ ފުރާ ގަޑިތަކާ ދިމާކޮށް މި ދެމެދުގައި އަތޮޅު ކައުންސިލުން ލޯންޗްފެރީ ބޭއްވިދާނެއެވެ. ރަނގަޅު އާމްދަނީއެއް ލިބުމުގެ އިތުރުން ރައްޔިތުންނަށް ޚިދުމަތެއްވެސް ދެވުނީއެވެ. އާދައިގެ މީހާގެ ޖީބުން ބޮޑު އެއްޗެއް ސަލާމަތްވެސް ކުރެވުނީއެވެ.

މިހާރު މިވާގޮތަކީ 20 މިނިޓްގެ އަރާމު ދަތުރެއް 400 ރުފިޔާއަށް ވައިގެމަގުން ކޮށްފައި އާދެެވެނީ ދަރަވަންދޫ އެއާޕޯޓަށެވެ. އެކަމަކު ދަރަވަންދޫއިން އޭދަފުއްޓަށް ސްޕީޑް ލޯންޗުގައި ހޭދަވާ 10މިނިޓާ 15 މިނިޓާ ދެމެދުގެ ވަގުތުކޮޅަކަށްވެސް އެވަރުގެ ހޭދައެއް ކުރަންޖެހެއެވެ. ކަންބޮޑުވުމަކީ މިއީއެވެ.

އެހެންވީމާ އިސްވެ ދެންނެވުނު ފަދައިން އެއާޕޯޓް ފެރީއެއް ތައާރަފް ކުރެވިއްޖެނަމަ އެ ކޮށްދެވުނީ ވަރަށް ބޮޑު ކަމެކެވެ. ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނާނޭ ޚިދުމަތެކެވެ. އެއަރޕޯޓް ފެރީއެއް ނެތުމުގެ ޝަކުވާ އަށް ނިމުމެއްވެސް އައީއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top