ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ނިކުންނަނީ!

0A3B43E9-1F21-4E97-8998-5C4FEF25439B-850x448-1.jpeg

މިހާރު ހިނގަމުންދާ ހަނގުރާމައި ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ހައްގުގައި ތިބިކަން ހާމަކޮށްދިނުމަށް 13 އޮކްޓޫބަރުވާ ހުކުރު ދުވަހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

މި ހަރަކާތުގެ ތެރެއިން ބައެއް ރަށްރަށުގައި ހުކުރު ދުވަހު ހަވީރު ހިނގާލުންތައް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މި ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ފަންޑު ފޮށި ބަހައްޓައި އެ ފަންޑަށް ލިބޭ ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އޭދަފުށީގައި މިފަދަ ހަރަކާތެއް ހިންގަން އަދި ނިންމާފައިނުވާ ކަމަށް ރަށު ކައުންސިލުން ހާމަކުރެއެވެ. އެހެންނަމަވެސް އެމަކަމާބެހޭ މަޝްވަރާ ތައް ހިނގަމުން ދާކަމަށައި މާދަމާގެ ވަގުތެއްގައި އެކަމާބެހޭ ގޮތުން ނިންމާގޮތެއް ހާމަކުރާނެކަމަށް ކައުންސިލުން ބުންޏެވެ.

ހުކުރު ދުވަހު ފަލަސްތީނާއެކު ދިވެހިންގެ ނަމުގައި މާލޭގައި ސައިކަލު ބުރެއް އޮވެއެވެ. އެ ހަރަކާތް އޮންނާނީ އެ ދުވަހުގެ ހަވީރު 16:00 ޖަހާއިރު ރަސްފަންނު ސަރަހައްދުގައެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބޮޑު ދެ ސިޓީ ކަމަށްވާ ފުވައްމުލަކު އަދި އައްޑޫސިޓީ ގައި ވެސް ހުކުރު ދުވަހު ވަނީ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައެވެ.

“ގަދަކޮށް ފަލަސްތީނާ އެއްކޮށް” ގެ ނަމުގައި ފުވައްމުލަކުގައި ވެހިކަލް ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައެވެ.

ހަމަ އެ ދުވަހު ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ރެލީއެއް އައްޑޫ ސިޓީގައި އޮންނާނެއެވެ. އެ ރެލީ ފަށަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރިން ހަވީރު 16:00 ޖަހާއިރުއެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފައެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 900 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ބަޔެކެވެ. އެ ގައުމަށް އެހީވުމަށް އެކި ފަންޑުތަނާއި ފައިސާ އެއްކުރުމުގެ ގިނަ ހަރާތްތަކެއް އަބަދުވެސް ދިވެހިން ހިންގައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ހަރަކާތްތައް ވެސް ބާއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top