ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް، ފަސް ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، މި މަހުގެ 21 އާއި 22 ވަނަ ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެއެވެ. އަދި މި ދެ ދުވަހު ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ޚާއްސަކޮށް އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވެއެވެ. އަދި މި ސަރަހައްދުތަކުގައި އާންމުކޮށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ އެވްރެޖްކޮށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މާދަމާ ވައި ގަދަވި ނަމަވެސް، އެ ސަރަހައްދަށް މާ ބޮޑަށް ވިއްސާރަ ކުރާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، ދެކުނުގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، މި މަހުގެ 23، 24 އަދި 25 ވަނަ ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭއިރު ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައިއެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.






