ހއ.އުތީމު ރައްޔިތުންނަށް ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.
މިޝަރަފު އެ ރަށު ރައްޔިތުންނަށް އެރުވީ އުތީމުގައި މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު އުތީމުގެ ރައްޔިތުންނަށް އެރުނީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި، އެ ރަށު ރައްޔިތުން އަދާކުރަމުން އަންނަ ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނާއި، އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ އެވެ.
”އުތީމު ގަނޑުވަރަކީ، އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް (އުތީމު މަހާރަދުން) ގެ އާއިލީ މައިފުނަގެއެވެ. ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ. މިއީ، ދިވެހި ގައުމީ އަގުހުރި ޚާއްޞަ ތަރިކައެކެވެ. އުތީމުގައި ހުންނަ އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އާސާރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުންވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. މި ފާއިތުވި 450 ވަރަކަށް އަހަރު، (އުތީމު ރަދުންގެ ހަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، ހަމަ ޔަގީނުންވެސް، 500 އަހަރަށް ވުރެ މަދުނުވާނޭ ދުވަސްތަކެއްގައި) މި ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަވައިފައި ވެއެވެ. ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހައި ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. އެހެންކަމުން، ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ އިނާޔަތްތައް ލިބެމުންއައެވެ. އެއާއެކު ވެސް ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، ވަރަށް ފަހަކާ ޖެހެންދެން އުޖޫރައަކާ ނުލައި ކުރަމުން އައީ، އުތީމު ރައްޔިތުންނެވެ“ ރައީސް އޮފީހުން ބުނެފައިވެއެވެ.
ގައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިންނަށް މިނިވަންކަން ހޯދައި ދެއްވުމުގައި އިސްކޮށް ހުންނެވި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ގެ ހަނދާނުގައެވެ.







