ދިރާގަށް ދިން ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބާތިލްކުރުމަށް ހުށައެޅި މައްސަލަ ނުބެލި

dhiraagu-tv-880x495.jpg

ދިރާގަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލްކުރުމަށް ހުށައެޅި މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 30 ޖެނުއަރީ 2013ގައި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ދިރާގަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓިން ލައިސެންސް ދޫކުރި ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާފައި ނުވާކަމަަށް ބުނެ ދިރާގާ ދެކޮޅަށް އޭދަފުށީ ކޭބަލް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑުން ހުށައަޅާފައިވާ މައްސަލައެކެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ، ކޮމިޝަނުގެ ނިންމުންތަކާއި ގުޅިގެން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާނަމަ އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ކޯޓަށް ހުށައެޅިދާނެކަމަށް ބޮރޯޑްކާސްޓްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އޮތުމުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާދުތަކާއި، ޝަކުވާ ހުށައެޅުމާއި، ޝަކުވާ ބަލައިގަތުމުގެ ނިޒާމުގެ ދަށުން، މައްސަލަ ބަލައި ހައްލު ކުރުމަށް އިޖުރާއަތުތަކެއް ކަނޑައެޅިފައި އޮންނަކަމަށާއި، ނަމަވެސް މި މައްސަލަ ހުށައެޅިފައި ވަނީ ކަނޑައެޅިފައިވާ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަަށެވެ.

މި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން މި މައްސަލަ ނިންމުމުގެ ކުރިން ޖުޑިޝަލް ރިވިއުގެ މައްސަލައެއްގެ ގޮތުގައި ޝަރުއީ ކޯޓަކުން މި މައްސަލާގައި ގޮތެއް ނިންމުމަކީ މައްސަލަ ބަލައި ހައްލުކުރުމުގެ އިޖުރާތުތައް ގާނޫނާއި ގަވާއިދުތަކުގައި ކަނޑައެޅި ބަޔާން ކުރެވިފައި އޮތް އޮތުމުގެ މަގުސަދު ގެއްލިގެން ދާނެ ކަމަކަށްވާތީ އެ އިޖުރާތުތައް ފުރިހަމަކޮށް ގާނޫނުގައިވާ ގޮތުގެ މަތީން ހުށައެޅުމުން ނޫނީ ކޯޓުގައި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

އޭދަފުށި ކޭބަލް ނެޓްވާރކްއިން ބުނީ ބްރޯޑްކާސްޓް ކޮމިޝަނުން ދިރާގަށް ދޫކޮށްފައިވާ ލައިސަންސަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން ބާތިލުވާނޭ ލައިސެންސެއް ކަމުގައި ދެކޭކަމަށާ ޤަވާއިދުގައިވާ ގޮތުގެ މަތިން ލައިސަންސް ލިބޭތާ ބާރަ މަސްދުވަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ޝަރުތު ކުރެވިފައިވާ ކަމަށެވެ.

“ނަމަވެސް ދިރާގުން ޚިދުމަތް ދޭން ފަށާފައިވަނީ އެއް އަހަރާއި އެގާރަ މަސްދުވަސް ފަހުން. ކޯޓުން ނިންމި ނިންމުން ޝަރުއީ މަރުހަލާއިން އިންސާފު ލިބޭނޭ ކަމުގެ ޔަގީންކަން އެބައޮތް. އިސްތިއުނާފުކުރަން އަޅުގަނޑުމެން ހުށައަޅާނަން.” އޭދަފުށީ ކޭބަލް ނެޓްވޯކް އިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top