ދޮގު ޚަބަރު ފަތުރާ ވާހަކަ މެންބަރުން ދައްކަވާއިރު، މެންބަރުންވެސް ހަދަނީ ދޮގު: އެމްޕީ ސަލީމް

img_md_202102241042231614145343.9032.jpeg

މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު މަޖިލީހުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަނީ / ފޮޓޯ: މަޖިލިސް

ނޫސްވެރިން ދޮގުޚަބަރު ފަތުރާ ވާހަކަ މަޖިލީސް މެމްބަރުން ދެއްކެވުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެއްކާއި ބެހޭ ބިލަށް ބަހުސްކުރައްވަމުން ބައެއް މެމްބަރުން ވަނީ މަސްދަރު ހާމަކުރުން ލާޒިމު ކުރެވޭގޮތަށް އެ ބިލު ފަރުމާކޮށްފައިވަނީ ބައެއް ނޫސްތަކުން ގައުމީ ބޮޑެތި މައްސަލަތަކުގައިވެސް ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރާތީ އެކަން ހުއްޓުވުމަށް، ނުވަތަ އެކަން ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ސަލީމު ވިދާޅުވީ މަސްދަރު ހާމަކުރުން މަޖުބޫރު ކުރުވުމަކީ ބަހަނާއެއް ކަމަށެވެ. އަދި އެފަދަ އެއްވެސް އުސޫލެއް ހެއްކާއި ބެހޭ ބިލުގައި އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިން ދޮގު ޚަބަރު ފަތުރާކަަމަށް ތުހުމަތުކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކިހާ ތެދުވެރިކަމާއެކު ވާހަކަދައްކަވާ ބައެއްތޯ އަމިއްލަ ނަފްސާއި ސުވާލުކުރަން ޖެހޭކަމަށާއި މަޖިލިސް މެމްބަރުންވެސް ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަފުޅުތައް ދައްކަވާކަމަށް ސަލީމް ތުހުމަތުކުރެއްވި އެވެ.

”މި މަޖިލީހުގައި ދައްކަނީ ތެދަށްތޯ ވާހަކަ؟ އަޅުގަނޑުމެން ނޫސްވެރިން ބައެއް އެއްޗެހި ގޯސްކޮށް ލިޔާ ވާހަކަ ދައްކާއިރު މި އިއްޒަތްތެރި މަޖިލީހުގައި ކިތައް މެންބަރުންތޯ ތެދު ބަހުން ވާހަކަ ދައްކަވަނީ؟ އަޅުގަނޑުމެން މިތަނަށް މި ގަވައިދު އިސްހާލުކުރަން ހުށައެޅިއިރުގައި، ތެދު ބަހުން ނޫން ގޮތަކަށް ވާހަކަ ނުދައްކަން ހުށައެޅީމާ އެ އިސްލާހުވެސް ގައިމު ވަނީ ބޭރުކޮށްލާފަ. އެހެންވީމަ މިފަދަ ހާލުގައި، އަޅުގަނޑުމެން އެންމެ ފުރަތަމަ ތަބާވާން ޖެހޭ ބަޔަކީ މި އިއްޒަތްތެރި މެމްބަރުން ތެދުބަހުން ވާހަކަ ދައްކަން ދަސްކުރުން، އޭގެ ފަހުގައި ދެން ތިބި މީހުންނަށް އަޅުގަނޑުމެން ގޮވާލަން ޖެހޭނީ“ ސަލީމް ވިދާޅުވިއެވެ.

ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ، އެ ބިލު އޮތް ގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއް ހުށައަޅާ ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމާއި ގުޅިގެންނެވެ.

ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް އޮތް އޮތުމާއި ބިލުގައި ޓެރަރިޒަމްގެ ކުށްތައް ބަޔާންކޮށްދެވިފައި ނެތުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top