ބ.އަތޮޅުގައި ބޮޑު ފެތުމެއް ބާއްވަނީ

DSCN2023.jpg

ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ސްވިމް މޯލްޑިވްސް އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާ ޔޫތް މިނިސްޓްރީ އަދި އެންވަޔަރންމަންޓް މިނިސްޓްރީއާ ގުޅިގެން ބ.އަތޮޅުގައި ފެތުމުގެ ބޮޑު އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ 43 މީޓަރުގެ މި ފެތުން އޮންނާނީ އޭދަފުށިން ފެށިގެން ކެންދޫއާ ހަމައަށެވެ.

މި އިވެންޓާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވިމް މޯލްޑިވްސްގެ ފަރާތުން ހުސެއިން ޝަމީމް ވިދާޅުވީ، މި ހަރަކާތް ކުރިއަށްދާނީ ޓުއާއެއް ގޮތަށް ކަމަށެވެ. އެގޮތުން މި ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ރީތިކަން ދުނިޔެއަށް އަންގައިދިނުމާއި ރާއްޖެއަކީ ފެތުމުގެ މަންޒިލެއްކަން އަންގައިދިނުން ކަމަށެވެ. އަދި މޫދާއި މޫދު ކުޅިވަރުތައް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައިވެސް ޕްރޮމޯޓް ކުރުމަކީވެސް މި ފެތުން ބޭއްވުމުގެ މަގުސަދެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރުން މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކޮށް އެކަންކަމަށް ހޭލުންތެރި ކުރުމާއި މޫދާއި ގޮނޑުދޮށް ސާފުކޮށް ބޭއްވުމަކީވެސް މި ހަރަކާތުގެ މަގުސަދެކެވެ.

“މި ހަރަކާތް ކުރިއަށްދާނީ ބ. އޭދަފުށިން ފުއްމާލައިގެން ކެންދޫއާ ހަމައަށް، އެއީ 43 ކިލޯ މީޓަރު، އެކަމަކު ކޮންމެ ދުވަހަކު ގާތްގަނޑަކަށް ފަސް ކިލޯ މީޓަރު ދުވާލަކު ފަތާގޮތަށް، ފުރަތަމަ ދުވަހު ދާނީ އޭދަފުށިން ސޮނެވާއަށް، މާޅޮހަށް، ދެވަނަ ދުވަހު އޮންނާނީ މާޅޮހުން ހިބަޅިދޫއަށް ހިބަދޫ އިން ދަރަވަންދޫއަށް، އެގޮތަށް ގޮސް ޖުމްލަ 23 ރަށަށް ޖުމްލަ އެރޭނެ، އޭގެ ތެރެއިން މީހުން އުޅޭ އަށް ރަށާއި ފަސް ރިސޯޓާއި މީހުން ނޫޅޭ ރަށްރަށްވެސް ހިމެނޭ،” ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ފެތުމުގެ ހަރަކާތް ހިނގާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން 12:00 އަށް ކަމަށާ ކޮންމެ ރަށެއްގައި އުރީދޫއިން ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ސޮނެވާއާ ފޯސީޒަނާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ހަރަކާތެއް ހިނގާނެ، ސޮނެވާއިން ހިންގަނީ ކިހާދޫއާ ދަރަވަންދޫއާ މާޅޮހުގައި މޫދުސާފު ކުރުމާ ބީޗް ސާފުކުރުމުގެ ހަރަކާތެއް.  ކަމަދޫއާ ކުޑަރިކިލުގައި ހިންގާނީ މަންޓާ ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތެއް. ދޮންފަނާއި ކިހާދޫގައިވެސް ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ، މީގެ އިތުރުން ހުރިހާ ރަށެއްގައިވެސް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިނގާނެ،” ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، މި ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް އިންތިޒާމް ކޮށްގެން ބާއްވާ އެންމެ ދިގު ފެތުމުގެ ހަރަކާތް ކަމަށެވެ.

މި ހަރަކާތުގައި އަށް ބައިވެރިން ހިމެނޭ އިރު ކޮންމެ ރަށަކުންވެސް އެގްރޫޕާއި ބައިވެރިވެގެން ޖެހިގެން އޮންނަ ރަށަށް ފަތާފައި ދިއުމުގެ ފުރުސަތު އޮންނާނެއެވެ. ހަމަ އެއާއެކު ބައިވެރިވާ ފެތުން ތެރިންގެ ތެރެއިން ގައުމީ ފެންވަރުގެ އެއް ފެތުން ތެރިއެއް ހިމެނޭއިރު ފަތަމުން ދާއިރު ބައިވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކާ ހަތަރު ކެނޯ އާއި ޑިންގީއެއް އަދި އެމްއެންޑީއެފްގެ އެމްބިއުލާންސެއް ހަރަކާތެރިވާނެކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top