އިންސާނާއަށް ލިބިފައިވާ ޚާއްސަ ސިފަތައް

gettyimages-174549526.jpg

(29 އޮކްޓޯބަރ އާ ގުޅޭ )

مفهوم الحق
الحق ގެ ލުޣަވީ މާނައަކި ބާޠިލްގެ އިނދިކޮޅެވެ. އަދި الحق ކީ މާތްﷲގެ އިސްމުފުޅު ތަކުގެ ތެރެއިން އިސްމުފުޅެކެވެ. އަދި އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އެހެންކަމުން ޙައްޤުގެ މާނަތަކުގެ ތެރޭގައި ޢަދުލުވެރިކަން، ތެދުވެރިކަން، ސަލާމަތްތެރިކަން، އަދި ސާބިތު، ލާޒިމު މިމާނަތައް ހިމެނެއެވެ. އަލްހިމާމު ފަޚުރުއްދީނުއްރާޒީ ވިދާޅުވެފައިވަނީ ޙައްޤަކީ އެއްކައުވަންތަ ކަމާއި ޢަދުލުވެރިކަމާއި، ނުބުއްވަތަށް އިޝާރާތްކުރާ ކަލިމައެއްކަމުގައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. {وَإِنَّهُ لَحَقُّ الْيَقِيْن} މާނައަކީ ”އަދި ހަމަކަށަވަރުން އެ ޤުރްއާނަކީ ޔަޤީން ވެގެންވަ ޙައްޤު ތެދުކަން ކަށަވަރެވެ. {أعرف الحقَ تعرف النِّا س} ”ޙައްޤުގޮތް ދެނެގަންނާށެވެ.! އޭރުން ޙައްޤުގޮތުގައި ތިބޭމީހުން އެނގޭނެއެވެ.”
الحق ގެ ޝަރުޢީ މާނައަށް ބަލާއިރު ތަފާތު މާނަތައްވެއެވެ. ފަހުގެ ޢިލްމުވެރިން الحق މިބަސް ބޭނުންކުރައްވާފައިވަނީ އިންސާނުންނަށް، އިންސާނުންގެ ފައިދާއަށްޓަކައި ޝަރުޢީގޮތުން ލިބުން ވާޖިބުއަދި ލާޒިމު ކަންތައްތަކުގެ މާނާގައެވެ. މިގޮތުން ވާޖިބު އަދި ސާބިތުގެ މާނާގައި ބޭނުންކޮށްފައި ވެއެވެ. އެހެންކަމުން ހައްޤުގެ މާނައަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ކޮންމެ އިންސާނަކަށް ދިރިއުޅުމުގެ ކަންކަން ފުރހަމަ ކުރުމަށްޓަކައި ލިބެންޖެހޭ މިނިވަންކަމާއި، ހަމަހަމަކަމެވެ. މީގެ ތެރޭގައި (الحق العدل الواجب( ހިމެނެއެވެ.
 ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ޙައްޤުގެ މާނައަކީ އިންސާނީ ދިރިއުޅުމުގެ ވަސީލަތްތައް ޤާއިމު ކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމެވެ.
 އަނެއްބައެއް ޢިލްމުވެރިން ވިދާޅުވަނީ ޙައްޤުތަކުގެ މާނައަކީ ނަސްލީ އިމްތިޔާޒާއި ދެކޮޅުވެރިކަމުގެ އަދިރިކަމުން ދުރުހެލިވެ، ފަރުދީ އަދި އިޖްތިމާޢީ ހަމަހަމަކަން ކޮންމެ އިންސާނަކަށް ހޯދާދިނުމެވެ.
 އިންސާނާއަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކުގެ ތަކުގެތެރޭގައި ކެއިން ބުއިމާއި، ބޭސްފަރުވާއާއި އަންނައުނު ލިބުމާއި، ބޯހިޔާވަހިކަން ލިބުން ހިމެނެއެވެ.
1- ﷲގެ ޙައްޤު: (ދީނުގެ ވާޖިބުތައް ފުރިހަމައަށް އަދާކުރުން(
2- މީސްތަކުންގެ ޙައްޤުތައް:ކޮންމެ އިންސާނަކަށް ދިރިއުޅުމަށްޓަކައި ލިބެންޖެހޭ އަސާސީ ޙައްޤުތައް މިސާލު އުނގެނުމުގެ ޙައްޤު، މުދާ މިލްކުކުރުމުގެ ޙައްޤު ނިސްބަތްވާ ދީނަކަށް އަޅުކަން ކުރުމުގެ ޙައްޤެވެ.
3- ﷲއާއި އަޅުން ހިމެނޭ ޙައްޤުތައް (މިސާލު ޙައްދުތަކުގެ މައްސަލަތައް(
4- ﷲއާއި އާދަމުގެ ދަރިންގެ ޙައްޤު: އަޅުންގެ ޙައްޤުތައް މިސާލަކަށް ޤިޞާސް އަދި ހައްދު
5- މާލީޙައްޤު: މިއީ އިންސާނުންގެ މެދުގައި ކުރެވެމުންދާ ތަފާތު ވައްތަރު ތަކުގެ މާލީ މުޢާމަލާތު ތަކެވެ. މިޙައްްޤު ފުރިހަމަގޮތުގައި އަދާ ނުކުރެވުމުގެ ސަބަބުން، ބައެއްފަހަރު އިންސާނުންގެ މެދުގައި އޮންނަ ރަހުމަތް ތެރެކަން ހަތުރުންނަށް ބަދަލްވެދެއެވެ.މާބަފައިކަމުގެ ގުޅުންމާއި، ގާތް ތިމާގެ ގުޅުން ކެޑިދެއެވެ.
އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އިޖްތިމާޢީ ޙައްޤުތައް

1- ޢާންމު ޙައްޤުތައް
މިއީ މުޖުތަމަޢުގައި ދިރިއުޅެމުންދާ ހުރިހާ އެންމެން ބައިވެރިވާ، އެމީހުންގެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ލިބެންޖެހޭ ޙައްޤުތަކެވެ. މީގެ މާނައަކީ ކޮންމެ ދީނަކަށް ކޮންމެ ކުލައަކަށް ނިސްބަތްވާ މީހަކަށްވިޔަސް އޭނާއަށް ލިބެންޖެހޭ ޙައްޤުތައް ލިބެންޖެހޭނެއެވެ.މިޙައްޤުތަކުގެ ތަފްޞީލް ފަހުން” އިސްލާމްދީނުގައި އިންސާނާ އަށް ދީފައިވާ މުހިންމު ޙައްޤުތަށް” މިމައުޟޫގެ ދަށުން ގެނެސް ދެވޭނެއެވެ.

2- ޤާނޫނީ ޙައްޤުތައް
އިންސާނުންގެ މަސްލަޙަތު އެންމެ ރަނގަޅަށް ހިމާޔަތް ކުރެވެން އޮތީ ހުރިހާ އެއްމެންގެ މެދުގައި ހަމަހަމަ ގޮތަށް ޤާނޫނީ ޙައްޤު ތަންފީޒު ކުރެވިގެންނެވެ. އިންސާނުން ހަދާ ޤާނޫނުތަކަކީ އަމިއްލަ މަސްލަޙަތު އޭގައި އެކުލެވިގެންވާ އަބަދުވެސް އިސްލާހު ކުރަންޖެހިފައިވާ އެއްޗެކެވެ. ނަމަވެސް ﷲ ގެ ޤާނޫނަކީ އެންމެ ފުރިހަ ޤާނޫނެވެ.
އިސްލާމީ ޝަރީޢަތުގެ ޙުކުމް ކުރުމަށް އެދުމުގެ ޙައްޤު ކޮންމެ ފަރުދަކަށް އިސްލާމްދީން ދީފާވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. {فَإِن تَنَازَعْتُمْ فِي شَيْءٍ فَرُ‌دُّوهُ إِلَى اللَّـهِ وَالرَّ‌سُولِ } (ނިސާއު 59) މާނައީ: ”ފަހެ ތިޔަބައިމީހުން ކަމަކާއިމެދު ދެބަސްވެ، އިޚްތިލާފުވެއްޖެނަމަ ފަހެ އެކަމެއް ﷲގެ ފޮތާއި، ރަސޫލާގެ ސުންނަތަށް ރައްދުކުރާށެވެ.” މާތްﷲ ވަޙީކުރައްވާފައިވެއެވެ. {وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَل اللَّهُ، وَلا تَتَّبِعْ أَهْوَءَهُمْ} (މާއިދާތު 49) އަދި اللَّه ބާވައިލައްވާފައިވާ حكم ން އެއުރެންގެ މެދުގައި ކަލޭގެފާނު حكم ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ!
ބައެއް ޢިލްމުވެރިން ވިދާޅުވަނީ މިއީ ދިރިއުޅުމުގެ އުސޫލުތަކުގެ ތެރެއިން އުސޫލެކެވެ. ހުޅަގުގެ ބައެއް އިޖްތިމާޢީ ޢިލްމުވެރިންވިދާޅުވާގޮތުގައި، ކޮންމެއިންސާނަކަށްމެޤާނޫނަކާއި،އަޚްލާޤެއްގެމަތީގައި ތިބުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ މުޖްތަމަޢް އަމާންކަމާއެކު އޮންނާނީ މިފަދަ ކަންކަން ތަފީޒްކުރެވިގެންނެވެ.

3- އިޖުތިމާޢީ އަޚުލާޤީ ޙައްޤުތައް
އިސްލާމީ ޝަރީޢަތް ބައިވައިލެއްވުނީވެސް މަޤުޞަދުތަކެއް ޙާޞިލްކުރުމަށެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދަކީ މައިގަޑު ފަސް ކަމެއް ޙިމާޔަތްކުރުމެވެ. އެފަސްކަންތައް ޙިމާޔަތް ކުރެވުމުގެ ނަތީޖާއަކީ މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމްކުރެވިގެންދިއުމެވެ. ޞުލްޙަ މަސަލަސްކަމުގެ އޮށް އިންދިގެން ދިއުމެވެ.
ތަނެއްގެ އިޖުތިމާޢީ ހަމަޖެހުމާއި ރައްކާތެރިކަމަކީ އެތަނެއްގެ ތަރައްޤީއާ ކުރިއެރުންކަން ކަށަވަރެވެ. ތަނެއް ތަރައްޤީކޮށް ކުރިއަރުވަން ބޭނުންކަމަށްވަނީނަމަ އެތަނެއްގައި އެންމެ ފުރަތަމަ ޤާއިމް ކުރަންޖެހޭ އެއް ކަމަކީވެސް އިޖުތިމާޢީ އަދާލާތުކަމާމެދު ދެބަސްވާނެ ބަޔަކު ނުތިބޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. {وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعًا وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَةَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاء فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ}
( آل عمران 103)
މާނައީ: ” އަދި ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވާތްތެރިން ކަމުގައިވަނިކޮށް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެއިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ”
އިސްލާމީ އުންމަތުގެ އަފްރާދުންގެމެދުގައި މިއެކުވެރިކަން ޤާއިމްވެފައިވާކަމަށް ތާރީޚުގެ ހެކިތަކުން ދައްކައެވެ. އަޝްޢަރީ ވަންހައިގެ މީހުން އެމީހުންގެ ތެރޭގައި ކާބޯތަކެއްޗަށް ދަތިވެ ބޭނުންޖެހިއްޖެނަމަ އެބައިމީހުންގެ އަތުގައިހުރި ހުރިހައިކާނާއެއް ފޮތިގަނޑަކަށްއަޅާ ޤަބީލާގެ އެންމްންގެ މެދުގައި އެއްވަރަށް ބަހަތެވެ.
މުސްލިމަކާ އޭނަގެ އަޚާއާއި ދެމެދުގައި އޮންނަންވާ އެކުވެރިކަމާ އެއްބައިވަންތަކަމުގެ އަސާސަކީ ތިމާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކޮންމެކަމެއް އަނެކާއަށްވެސް ލޯބިކުރުމެވެ. { لاَ يُؤمِن أَحَدُكُم حَتَّى يُحِبَّ لِأخِيه ما يُحِبُّ لِنَفسِه } އެމީހެއްގެ އަމިއްލަ ނަފްސަށް ލޯބިކުރާކަމެއް އޭނަގެ އަޚާއަށް ލޯބިކުޅައްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުގެވެސް އީމާންކަން ފުރިހަމަނުވާ ހުއްޓެވެ.

އަޚްލާޤީ ޙައްޤުތައް
އަޚުލާޤަކީ އިންސާނުން މުޖުތަމަޢުގައި އުޅެންޖެހޭ ރަނގަޅު ހަމަތަކެވެ. ކީރިތި ޤުރްއާނުގައި އަޚުލާޤާއި ބެހޭގޮތމިކަމާއި ބެހޭ އެއް ސޫރަތް ވެއެވެ. މާތް ﷲ އިންސާނުން އުފައްދަވައި މިދުނިޔެއަށް ފޮނުއްވަވާފައިވަނީ އެމީހަކު ހިތުހުރި ގޮތަކަށް އުޅުމަށްޓަކައެއްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުނު މަޤުޞަދުތަކުގެ ތެރެއިން އެއް މަޤުޞަދެއްކަމުގައިވަނީ ރިވެތި އަޚްލާޤް ފުރިހަމަ ކޮއްދެއްވުމެވ ހަދީޘް ކުރައްވާފައިވެއެވެ. { إنما بعثت لِأُ تمِّم مكا ر م الأ جلاق} – رواه مالك – މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އަޚުލާޤުގެ މަތިވެރި صفة ތައް ފުރިހަމަކޮއްދެއްވުމަށް ޓަކައެވެ.” އެހެންކަމުން ރިވެތި އަޚުލާޤަކީ އިސްލާމްދީނުގައި ކިހާ އަހައްމިއްޔަތުކަމެއް ދެވިފައިވާ ކަމެއްކަން މިޙަދީޘްފުޅުންވެސް ދޭހަވެގެންދެއެވެ.
އިސްލާމްދީނުގައި ފަރުޟު ކުރެވިގެންވާ އަޅުކަންތައްތަކަކީވެސް ރިވެތި އަޚްލާޤަށް މީހާ މަގުދައްކައިދޭ ޤާއިދެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. {إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ‌ } العنكبوت: ٤٥
މާނައީ:ހަމަކަށަވަރުން ނަމާދު ފާޙިޝް ކަންތައްތަކާއި ނުބައި ކަންތައްތައް މަނާ ކުރެއެވެ.” (އަލް ޙުޖުރާތު) ރަސޫލާ ވަޑައިގެންނެވީ އަޚުލާޤު ފުރިހަމަ ކުރުމަށްޓަކައެވެ. އަޚްލާޤީ ސިފަތަކަކީ އިސްލާމްދީން އައުމުގެ ކުރިންވެސް އޮތް ސިފައެކެވެ.
ޢާއިލީ ޙައްޤުތައް:
ޢާއިލީ ޙައްޤުތަކަކީ އިސްލާމްދީނުގައި ވަރަށް އަހައްމިއްޔަތު ދެއްވާފައިވާ ކަމެކެވެ. އޭގެތެރޭގައި މައިންބަފައިންގެ ޙައްޤުތައް، ދަރިންގެ ޙައްޤުތައް، އަޚުންގެ ޙައްޤުތައް ވެއެވެ.
އާއިލީ ގުޅުން ދެމެހެއްޓުމަކީ ވާޖިބެކެވެ. ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަގުހުރި އަމާނާތެކެވެ. ލޮލުގެ މޭވާއެވެ. ހިތުގެ ފިނިކަމެވެ. މާތްﷲ ވަނީ ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައެވެ. އެގޮތުން މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ.{يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارً‌ۭ}
މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! “ އެހެންކަމުން އަޅުގަނޑުމެންގެ ދަރީން އިޞްލާޙު ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށްއޮތް ވާޖިބެކެވެ. ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ ރަނގަޅު ދަރީން ތަރުބިއްޔަތު ކުރެވިގެންނެވެ. ދަރީން ތަރުބިއްޔަތު ކުރުމުގައި މެފަފިރީންގެ ރޯލަކީ ވަރަށް މިހުއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެހެނީ ދަރީން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ފެށެނީމީހަކާއި ކައިވެނި ކުރުމުގެވެސް ކުރީންނެވެ. ދަންނަވަންތޯއެވެ. ދަރިޔަކު ތަރުބިއްޔަތު ކުރެވޭނީ ރަނގަޅު ޞާލިޙް އަނބަކާއި ފިރިއަކު ގުޅިގެންނެވެ. އެހެންކަމުން ކައިވެނީގެކުރީން ދަރިން ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ފަށައިގަންނަންޖެހެއެވެ.
ދީންވެރި އަންހެނާ ޚިޔާރުކުރުމާއިބެހޭގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. (تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) މާނައީ: “ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ”.
ރަހިމުގެ ގުޅުންތަކަށްބަލާއިރު އެގުޅުންތައް ދެމެހެއްޓުމަށް ވަރަށް އިސްކަންދޭންޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “ރަހިމުގެ ގުޅުން ކަނޑާލާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.” މިއީ އިސްލާމް ދީނުގެ އެންމެ ފުރަތަމަ ބާވައި ލެއްވުނު ޙުކުމުގެ ތެރޭގައި ހިމެނޭ ޙުކުމެކެވެ.

މައިންބަފައިންގެ ޙައްޤުތައް:
މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅައި އަމުރުކުރަށްވާފައިވާ ކަމެކެވެ. މައިންބަފައިންނަށް ކިޔަމަންތެރިވެ ކަމޭހިތައި ހެޔޮކޮށް ހިތުމަކީ އިންސާނީ ފިޠުރަތުންވެސް ކުރަންޖެހޭނެ ކަމެކެވެ. ފަހެ އެދެމީހުންނަކީ ކޮންމެމީހަކުވެސް މިދުނިޔެއަށް އުފަންވުމުގެ ސަބަބެވެ. މަންމަވަނީ ނުވަމަސްދުވަހު ދަރިފުޅު ބަނޑުގައި އަޅައި އެކަމުގެ ވޭނާއި ތަދު އުފުލާފައެވެ. އޭގެފަހުން ވިހެއުމުގައި އުފުލާ ކެކުޅުމަކީ އެފަދަކަމެއް ދިމާވާ މީހަކަށްނޫނީ ހިތަށްވެސް ގެންނަން އުދަގޫ ކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.{وَقَضَى رَبُّكَ أَلاَّ تَعْبُدُوا إِلاَّ إِيَّاه، وَبِالْوَالِدِيْنِ إِحْسَاَنَا} [الإسراء:23] އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. ” {وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْ‌هًا وَوَضَعَتْهُ كُرْ‌هًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرً‌ا} (އަލްއަޙްޤާފް 15) މާނައަކީ: “އިންސާނާއާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ.” އެހެން ޙަދީޘްފުޅެއްގައި ވެއެވެ. {كُلُّ الذُّنُوبِ يُؤَخِّرُ اللَّهُ مِنْهَا مَا شَاءَ إِلَى يَوْمِ الْقِيَامَةِ إِلا عُقُوقَ الْوَالِدَيْنِ , فَإِنَّ اللَّهَ , عَزَّ وَجَلَّ , يُعَجِّلُ لِصَاحِبِهِ فِي الْحَيَاةِ قَبْلَ الْمَمَاتِ} މާނައީ: ”ހުރިހާ ފާފަތަކުގެ ތެރެއިން ﷲ އިރާދަކުރައްވާ ފާފަތަކަކަށް، އެފާފަތަކުގެ ޢަޛާބުނުދެއްވައި ޤިޔާމަތްދުވަހާއި ހަމައަށް ލަސްކުރައްވައެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުން ފިޔަވައެވެ. ފަހެ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހާއަށް އޭނާ މަރުވުމުގެ ކުރިން ޢަޛާބު އަވަސްކުރައްވައެވެ.” (ނުނިމޭ)

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top