ބ.އަތޮޅު ހޮސްޕިޓަލް މިއަހަރު އިތުރަށް ތަރައްގީކުރެވޭނެ

big_OsTcF8xxuoMs3ZQGH5FqmlueH.jpg

ބ.އަތޮޅު ހޮސްޕިޓަލް މިއަހަރު އިތުރަށް ތަރައްގީ ކުރެވޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މަދިރި އާއި ބަލިފަތުރާ އެހެނިހެން ސޫފާސޫފި މަދުކުރުމުގެ ތަމްރީނު ޕްރޮގްރާމް ނިމުން ފާހަގަ ކުރުމުގެ ގޮތުން މިއަދު އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބ. އަތޮޅުހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އާއި އެހެން ވަސީލަތްތަށް ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށާ ބަޖެޓުގައި ފައިސާ ނެތަސް ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ. މިނިސްޓަރ މިހެން ވިދާޅުވި އިރު ބ.އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ގޮތުން އިމާރާތެއް އެޅުމަށް ބަޖެޓަށް ފަހުން ވަނީ އިތުރު ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ބ.އަތޮޅު ހޮސްޕިޓަލް ތަރައްގީ ކުރުމުން، އެކަމުގެ ފައިދާ ލިބިގެންދާނީ ހަމައެކަނި އޭދަފުށިގައި އުޅެމުންދާ މީހުނަށް ނޫންކަމަށާއި، ޗުއްޓީއަށް މިރަށަށް އަންނަ އެހެން ރަށްރަށުގެ މީހުނަށްވެސް ފައިދާކުރާނެ ކަމަށެވެ.

“އޭދަފުށީ ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ އަދި އެހެނިހެން ވަސީލަތްތަށް މިއަހަރު ފޯރުކޮށް އިތުރަށް ތަރައްގީ ކުރާނެ، ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަކީ ބޮނޑު ޒިންމާއަކަށް ވިޔަސް، ބަޖެޓުގައި ފައިސާ ނެތަސް މިއީ ނުކޮށް ދޫކޮށްލެވޭވަރު ކަމެއް ނޫން،” މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް ސިއްޙީ ދާއިރާގެ މުވައްޒަފުން އިސް ދައުރެއް އަދާކުރަންޖެހޭކަމަށެވެ. މިކަމަށްޓަކައި ތަމްރީނު ކުރި މީހުން މިކަމުގައި އިސްދައުރެއް އަދާކޮށް ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު ވިދާޅުވީ އާންމު ރައްޔިތުންގެ ސިއްޙަތާ ގުޅުންހުރި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ތަމރީނު ނިންމި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top