ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                7ޑިސެމްބަރ އާއި ގުޅޭ

ފައިސާގެ ދަޅަ

ކުއާލަ ލަމްޕޫރު (މެލޭޝިއާ) ގައި ނެރޭ ނޫހެއް ކަމަށްވާ “ދަ ސްޓްރެއިޓްސް ޓައިމްސް”  (New Straits Times) ގެ 28 ޖުލައި 1984 ގެ ނޫހުގައި އޮތް ޚަބަރެކެވެ. “ވެނެރޯ ޕަގާނީ  (Venero Pagano)އަކީ އެމެރިކާގައި ދިރިއުޅޭ އިޓަލީ ނަސްލުގެ ވަޑިއެކެވެ. އޭނާގެ ޢުމުރަކީ 63 އަހަރެވެ. ދިރިއުޅެނީ ނިވްޔޯކާ ކައިރި ހިސާބެއްގައެވެ. އޭނާ އެއްވެސް މަސައްކަތެއް ނެތިފައި ހުންނަތާ 8 އަހަރު ވެއްޖެއެވެ. ކައިބޮއި އުޅެނީ ޕެންޝަނުގެ ގޮތުގައި ލިބޭ ކުޑަކުޑަ ފައިސާ ކޮޅަކުންނެވެ. އޭނާގެ ގޭގެ ކައިރީގައި ހައްދާފައި އޮންނަ ވިލާތުބަށި ދަނޑުން ބަށި ކަނޑައިގެން ވިއްކަން ތަނަކަށް ގެންދާނެހާ ފައިސާ ކޮޅެއްވެސް އޭނާގެ އަތަކު ނެތެވެ.

މި ދެންނެވި ވަޑިމީހާ އެއްދުވަހަކު ލޮޓަރީ ޓިކެޓެއް (ނަސީބު ނަންބަރެއް) ގަނެފިއެވެ. 27 ޖުލައި 1984 ދުވަހު ކުއްލިއަކަށް އޭނާއަށް އެނގުނު ގޮތުގައި މި ނަސީބު ނަންބަރުން އޭނާއަށް 1 ވަނަ ލިބިއްޖެއެވެ. އިނާމަކީ 20 މިލިއަން ޑޮލަރެވެ. މިއީ އެހައިތަނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ނަސީބު ނަންބަރަކަށް ދެވުނު އެންމެ ބޮޑު އިނާމެވެ.

މި އިނާމުގެ ޚަބަރު އެންމެ ފުރަތަމަ ފޮނުވީ ޓީވީންނެވެ. ޚަބަރުގެ ފަހުން އޮތީ އިނާމު ލިބުނު މީހާ ނޫސްވެރިންނާ ބައްދަލު ކުރުމެވެ. އޭނާ ނޫސްވެރިން ގާތު ބުނި ގޮތުގައި އެ ޚަބަރު ލިބުމުން އޭނާއަށް އަނގައިން ނުބުނެވި އެތައް އިރަކު ހުރެވުނެވެ. އިނާމު ހަމަ ޙަޤީޤަތުގައިވެސް ލިބުނީތޯ ޔަޤީން ނުވެގެން އެތައް ފަހަރަކު ޓީވީގައި އޮތް ނަންބަރާއި އަތުގައި އޮތް ޓިކެޓްގެ ނަންބަރާ އަޅައިކީ ކަމަށް އޭނާ ބުންޏެވެ. ޚަބަރު އިވުމާއެކު ދުވެފައި ގޮސް އޭނާގެ އަނބިމީހާއަށް ގޮވާ ހޭލައްވާފައި ބުނި ކަމަށް ވެއެވެ. “އަހަރެމެން މަހުޖަނުންނަށް ވެއްޖެއެވެ.” އޭނާ ވާހަކަ ދައްކަމުންގޮސް ނޫސްވެރިން ގާތު ބުންޏެވެ. “އަހަރެން ބޭނުން ހުރިހައި އެއްޗެއް ލިބިއްޖެއެވެ. އަހަރެންގެ ގެ ލިބިއްޖެއެވެ. އަހަރެންގެ ޓޮމާޓޯތައް ލިބިއްޖެއެވެ.”

ފައިސާ ލިބުމާއެކު އިންސާނާގެ ދުނިޔަވީ ހުރިހައި ބޭނުމެއް ފުއްދައި ގަނެއެވެ. ނަތީޖާއެއްގެ ގޮތުން ހުރިހައިވެސް އެއްޗަކީ ފައިސާއޭ ހީވާން ފަށަނީއެވެ. ފައިސާ ލިބުމާއެކު ހުރިހައި އެއްޗެއް ލިބުނީ ކަމަށް ހީކުރަން ފަށައެވެ. އެކަމަކު ޙަޤީޤަތުގައި ހުރިހައި އެއްޗެއް ލިބުމަކީ އާޚިރަތުގެ ދަރުމައާއި، ސަވާބު ލިބިގަތުމެވެ. ﷲ ގެ ރުއްސެވުން ލިބުމެވެ.

މަރުވުމުގެ ކުރިން އިންސާނާ ދުނިޔޭގައި ތަފާތު އެތައް މައްސަލައަކާ ކުރިމަތިލައެވެ. އާޚިރަތް ދުވަހުން އޭނާ ކުރިމަތިލާނީ މުޅިން އެހެން މައްސަލަތަކަކާއެވެ. މިއަދު ދުނިޔޭގައި އެންމެ މުހިންމު ކަމަކަށް ވެފައި މި ވަނީ ފައިސާއެވެ. އެ ދުވަހަކުން އެންމެ މުހިންމު ކަމަކަށް ވާނީ އީމާން ކަމާއި، ޞާލިޙު ހެޔޮ ޢަމަލު ތަކެވެ. މިއަދު ބޭނުންވާ ތަކެތި ގަންނަނީ ބާޒާރުންނެވެ. އެދުވަހަކުން ބޭނުން އެއްޗެއް ލިބޭނީ ﷲ ގެ ރަޙްމަތުގެ ޚަޒާނާއިންނެވެ. މިއަދު އިންސާނާއަށް މަތިވެރި މަޤާމް ލިބެނީ މާއްދީ ޤާނޫނުތަކުގެ ދަށުންނެވެ. އެ ދުވަހަކުން އިންސާނާއަށް ލިބެންވީ ކޮން މަޤާމެއްތޯ ކަނޑައަޅާނީ އަޚްލާޤީ ޤާނޫނެވެ.

ފަސް ސިކުންތުގެ ތަފާތު

1979 ވަނަ އަހަރުގެ ޖޫންމަހުގެ 3 ވަނަ ދުވަހެވެ. ހަވީރުގެ ވަގުތެވެ. އަޅުގަނޑާއި، މަވްލާނާ ޝަކީލް އަޙްމަދު ޤާސިމީ އާ ދެ މީހުން ދިޔައީ ބާޒާރު ބަލާލަން ހިނގާލާށެވެ.

ވަކި ހިސާބަކަށް ދެވުނު ތަނާ ވަރުގަދަ ޙާދިސާއަކާ ދިމާވެއްޖެއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގެއެއްގެ މޫނުމަތި ގޮވީއެވެ. މުޅި އެބައި ހުރި ގޮތަށް ކުދިކުދިވެގެން ފައިބައިފިއެވެ. އޭރު އަޅުގަނޑުމެންނަށް ތިބެވުނީ ޙާދިސާ ހިނގިތަނާ އެންމެ ފަސް ސިކުންތެއްހައި ދުރުމިނުގައެވެ. އަޅުގަނޑުމެންނަށް އިތުރު ފަސް ސިކުންތައް ހިނގުނުނަމަ، ނުވަތަ އެ ގެ ފަސް ސިކުންތު ފަހުން ގޮވިނަމަ އަޅުގަނޑުމެން ސަލާމަތެއް ނުވީހެވެ. އަޅުގަނޑުމެންގެ ހިތުގައި އޮތް މަންޒިލާ ހަމައަށް ދެވުމުގެ ކުރިން ދަތުރު ނިމިއްޖައީހެވެ.

އަޅުގަނޑުގެ ހިތަށް އެރިއެވެ. އިންސާނާޔާއި، އޭނާގެ މަރާ ދެމެދު އޮންނަނީ އެންމެ ފަސް ސިކުންތެވެ. ފަސް ސިކުންތު ހަމަވުމާއެކު އެހެން ދުނިޔެއަކަށް ދާން ޖެހުމަކީ ކޮންމެ މީހަކުވެސް ކުރިމަތިލާންޖެހޭނޭ ކަމެކެވެ.

މަރާއި، ތިމާޔާ ދެމެދު އޮންނަނީ އެންމެ ފަސް ސިކުންތުކަން ދެނެގެންފި މީހެއްގެ މުޅީ ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެއެވެ. މުޅިން އެހެން މީހަކު ބަދަލުވެގެން ހިނގައިދާނެއެވެ. ދުނިޔޭގައި އުޅުނު ނަމަވެސް އޭނާގެ ދިރިއުޅުން ބިނާކުރާނީ އާޚިރަތުގެ މައްޗަށެވެ.

ދިރިއުޅުން ފަހިވުމުގެ ސިއްރަކީ ހަމަ ކޮންމެ ވަގުތަކުވެސް މަރު އައިސް އެމީހަކާ ބައްދަލު ކޮށްފާނެކަން ދެނެގަތުމެވެ. މަރުވުމަށްފަހު އިންސާނާ އުޅޭނީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރޭގައި ނުވަތަ ނަރަކައިގެ އަލިފާނުގެ ތެރޭގައި ކަން ދެނެ ގަތުމެވެ. އިންސާނާ އަޅާ ކޮންމެ ފިޔަވަޅަކާއެކު މި ދެ ތަނުން ކުރެ ކޮންމެވެސް އެއްތަނަކާ ކައިރިއަށް ދެވޭނެއެވެ. އެކަމަކު އިންސާނާއަކަށް މިކަމެއް ނޭނގެއެވެ.

މީސްތަކުން އިތުބާރުކުރަނީ އިންސާނީ ވަސީލަތްތަކަށެވެ. އެހެންނަމަވެސް އިންސާނާއަށް އާޚިރަތުގެ ބާއްޖަވެރިކަން ލިބުން އޮތީ ﷲ އަށް އިތުބާރު ކުރީމައެވެ. ﷲ އަށް ބިރުވެތިވީމައެވެ. ﷲ އަށް ބިރުވެތިވުމަކީ އެކަލާނގެއަށް އަޅުކަން ކުރުމެވެ. ހިތާއި، ސިކުނޑިއަށް ﷲ ގެ ކުޅަދުންވަންތަކަން ވަނުމެވެ. ރެޔާއި، ދުވާލު އެންމެ ސިކުންތަކަށްވެސް މިކަން ހިތުން ފިލައިގެން ނުދިއުމެވެ. ކުރާ ކޮންމެ ކަމެއް މި ކުރަނީ ﷲ ގެ ޙަޟުރަތުގައި ހުރެގެން ކަމަށް ހީކުރުމެވެ. ދުނިޔޭގެ އެދުމަށްވުރެ އާޚިރަތުގެ އެދުން ހިތުގައި ބޮޑުވެގެން ދިއުމެވެ.

ނުނިމޭ ވާހަކަ

މިސްޓަރ ޕީ. އެން. ޕާޓަކަކީ ވަރަށް މަސައްކަތްތެރި ހީވާގި މީހެކެވެ. އޭނާއަކީ ނިވްދިއްލީގައި ނުކުންނަ އިނގިރޭސި ނޫހެއްކަމަށްވާ “ހިންދުސްތާން ޓައިމްސް” ގެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި 1958 ވަނަ އަހަރު މަސައްކަތް ފެށި މީހެކެވެ. ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުންގޮސް އެންމެ ފަހުން އެ ނޫހުގެ ކޮމްޕޯޒިންގ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ސްޕްރިންޓެންޑެންޓަކަށް ވެއްޖެއެވެ. އޭނާ އެއަށްވުރެވެސް ކުރިއަށް ދިޔައީސްކަން ނޭނގެއެވެ. އެހެންނަމަވެސް 27 ޑިސެމްބަރ 1984 ގައި ކުއްލިއަކަށް ހިތްހުއްޓިގެން މަރުވީއެވެ. މަރުވިއިރު އޭނާގެ ޢުމުރަކީ އެންމެ 50 އަހަރެވެ.

28 ޑިސެމްބަރ 1984 ގެ “ހިންދުސްތާން ޓައިމްސް” ނޫހުގައި އޭނާގެ މަރުގެ ޙާދިސާ ބަޔާން ކުރަމުން ލިޔެފައިވެއެވެ. “އޭނާހުރި މަޤާމަށް އައީ އޭނާގެ މިންނެތް މަސައްކަތުންނެވެ.”

މިސްޓަރ ޕާޓަކް ތަޢުލީމު ޙާޞިލުކުރީ އިލާހްއާބާދުންނެވެ. އޭގެ ފަހުން ދުވަސްކޮޅެއް ވާންދެން “ޓައިމްސް އޮފް އިންޑިއާ” އާއި، “އިންޑިއަން އެކްސްޕްރެސް” ގައި މަސައްކަތް ކުރިއެވެ. “ހިންދުސްތާން ޓައިމްސް” އަށްވަނީ 1958 ވަނައަހަރުއެވެ. ހިތްވަރާއެކު ގަޔާވެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނީ އެތާނގައެވެ. 25 އަހަރުގެ ބުރަ މަސައްކަތަށްފަހު ނޫހުގެ މުހިންމު، ބާރުގަދަ މަޤާމަކަށް އޭނާއަށް ވާޞިލުވެވިއްޖެއެވެ. އޭނާ މަރުވީ މި ލިބުނު މަތީ މަޤާމުގައި މާގިނަ ދުވަސް ނުވަނީހެވެ.

މި މިސާލުން ފެންނަނީ އިންސާނާއަށް މި ދުނިޔޭގައި އުޅެންޖެހިފައިވާ ގޮތެވެ. އޭނާ ދުނިޔެ އާބާދު ކުރަން ގަދައަޅާ މަސައްކަތް ކުރެއެވެ. ތިމާގެ ހުރި ހުރިހާ ހުނަރެއް ބޭނުންކޮށް މަތީ މަޤާމާއި، ޢިއްޒަތް ހޯދައެވެ. އެހެންނަމަވެސް ހޯދި މޭވާގެ ރަހަ ރަނގަޅަށް ބަލައިލުމުގެ ފުރުޞަތު ނުލިބެނީސް މަރުގެ ދާނުގައި އޮށޯންނަން ޖެހިދެއެވެ.

ދިރިއުޅުމުގެ ނިމުން މި އަންނަނީ ކިހައި ހިތާމަވެރި ގޮތަކަށްތޯއެވެ؟ އެހެންނަމަވެސް އެއްވެސް މީހަކު މިއިން ކަމަކާމެދު ވިސްނައެއްނުލައެވެ. ކުރީގެ އެތައް ލައްކަ ބަޔަކަށް ނުނިންމި އޮތް ވާހަކަ ފަހުން އަންނަ މީހުން އުޅެނީ ލިޔާށެވެ. އެއީ ނުނިމޭ ވާހަކައެކެވެ. މިވާހަކަ ނިންމޭނީ ކިހިނެއް ހަދައިގެންތޯ އޮޅުން ފިލުވާކަށް އެކަކުވެސް ނޫޅެއެވެ.

މި ދުނިޔޭގައި އުޅޭ ކޮންމެ މީހަކީވެސް “ނުނިމޭ ވާހަކަ” އެކެވެ. މަންޒިލާ ހަމައަށް ދެވުމާއެކު ކޮންމެ މީހަކަށްވެސް ޖެހެނީ އަތުޖެހުނު މަންޒިލް ދޫކޮށް ދާށެވެ. މިއީ ޢަޖާއިބުވާ ވަރުގެ ކަމެކެވެ. މިކަމަށްވުރެ ބޮޑު ޢަޖާއިބަކީ އެއްވެސް މީހަކު މިއިން ކަމަކާމެދު ފިކުރުކޮށް ނުލާ ކަމެވެ.

ކާމިޔާބު ދިރިއުޅުމެއް

ކަރްނާޓަކްގެ ގަވަރުނަރު މިސްޓަރ ގޯވިންދް ނާރާއިންގެ އަންހެންދަރިފުޅު ނަންދަނީ 16 ޑިސެމްބަރ 1981 ގައި މަރުވިއިރު އޭނާގެ ޢުމުރަކީ އެންމެ 38 އަހަރެވެ. ހީނ، ސަކަރާތްޖަހާ އުޅުނު މީހަކު ހަމަ ކުއްލިއަކަށް ނެތިގެންދިޔައީއެވެ.

ނަންދަނީ އަކީ ވަރަށް ވިސްނުންތޫނު، ޞިއްޙަތު ރަނގަޅު މީހެކެވެ. އޭނާ ތަޢުލީމް ޙާޞިލުކުރީ އިނގިރޭސިބަހުން ކިޔަވައިދޭ ތަންތަނުންނެވެ. އޭގެ ފަހުން އެމެރިކާގައި ނޫސްވެރިކަމުގެ ރޮނގުން ޑިގްރީ ނެގިއެވެ. އޭނާ ވަޒީފާ އަދާކުރީ “ހިންދުސްތާން ޓައިމްސް” ގައި ސީނިއަރ ރިޕޯޓަރެއްގެ ގޮތުގައެވެ. ނަންދަނީގެ ކިބައިގައި ހުންނަ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ނޫހުގައި މަސައްކަތްކުރާ މީހުންގެ މެދުގައި އޭނާވަނީ މަޤްބޫލު މީހަކަށްވެފައެވެ. ނަންދަނީއާއެކު މަސައްކަތްކުރި މީހަކު ނަންދަނީގެ ދިރިއުޅުން ދެކޭ ގޮތް ބަޔާންކޮށްދެމުން ލިޔެފައިވެއެވެ.

“އޭނާ ދިރިއުޅުން ދެކެ ނިހާޔަތަށް ލޯބިވެއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ދުނިޔޭގައި ހުންނަން އޭނާ ބޭނުންވެއެވެ.”

ނަންދަނީ މަރުވީމާ އޭނާގެ ހަނދާނުގައި “ހިންދުސްތާން ޓައިމްސް” ގެ މުވައްޒަފުން 17 ސެޕްޓެމްބަރ 1981 ގައި ނޫހުގައި ލިޔުނު ލިޔުމެއް ނިންމަމުން ލިޔެފައިވެއެވެ.

“އެއީ ކޮންމެ މީހަކަށްވެސް ކަނޑައެޅިފައިވާ މުއްދަތެއް އެބައޮތްކަން އަންގައިދޭ ކަމެކެވެ.”

ކިހައި ބޮޑު ޢަޖައިބެއްތޯއެވެ؟ ދިރުންހުރި، ހިނގާބިގާވެ އުޅޭ މީހަކު ހަމަ ކުއްލިއަކަށް މަރުވަނީއެވެ. ހިނިތުންވެފައި ހުރި މޫނެއް ނެތިގެންދަނީ ވެއްޔަށްވުރެވެސް އަގުދަށް އެއްޗެކޭ ހީވާ ކަހަލަ ގޮތަކަށެވެ. ހިތްވަރާއި، އެދުންތަކުން ފުރިފައިވާ ފުރާނައެއް އުދުހިގެން ދަނީ އޭނާގެ ހިތްވަރާއި، އެދުމަކީ އެއްވެސް އަގެއްނެތް އެއްޗެކޭ ހީވާ ކަހަލަ ގޮތަކަށެވެ.

ދިރިއުޅުމަކީ މާނައިން ފުރިފައިވާ އެއްޗެކެވެ. އެހެންނަމަވެސް އެ ދިރިއުޅުމުގެ ނިމުން އަންނަ ގޮތުން އެއީ އެއްވެސް މާނައެއް ނެތް ބޭކާރު އެއްޗަކަށް ހަދަނީއެވެ. އިންސާނާއަކީ ފެންނަ ފެނުމުގައި ފުރިހަމަ މިނިވަނެކެވެ. އެހެންނަމަވެސް މަރުގެ ކުރިމަތީގައި އެއްވެސް ބާރެއް ނުދެއްކެއެވެ. އިންސާނާ އޭނާގެ އެދުންތަކާއި، އުއްމީދުތައް ރައްކާތެރިކޮށްގެން ގެންގުޅެނީ އަގުބޮޑު ޚަޒާނާއެއް ގެންގުޅޭ ގޮތަކަށެވެ. އެހެންނަމަވެސް ޤުދުރަތުގެ އަތުން އެއްވެސް ރަޙުމަތެއްނެތި އެ އެދުންތަކާއި، އުއްމީދުތައް ފުނޑުފުނޑު ކޮށްލަނީއެވެ.

އިންސާނާ ހަމައެކަނި އޭނާގެ މަރުގެމަތިން ހަނދާން ކުރާނަމަ އޭނާގެ ދިރިއުޅުން ނާކާމިޔާބު ވެގެންނެއް ނުދާނެއެވެ. ކާމިޔާބު އިޖުތިމާޢީ ދިރިއުޅުމެއްގެ ސިއްރަކީ ތިމާގެ ޙުދޫދުގައި އުޅެން ދަސްކުރުމެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މަރަކީ މިފަދަ ދިރިއުޅުމެއްގެ އެންމެ މޮޅު އެދުރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top