ރާއްޖޭގައި ކުރިން އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފި އެވެ.
ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައި ޕާޓީ އުވާލުމަށް ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. ބައްދަލުވުން ބޭއްވީ ޕީއެންސީގެ އޮފީހުގައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެފައިވަނީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި، މިއީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ރަސްމީކޮށް އިލްތިމާސްކުރާ ދުވަސް ކަމަށެވެ.
ޕީޕީއެމް އުވާލަން ނިންމާފައިވާއިރު ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމުން މި ފަހުން 7،400 އަށް ވުރެ ގިނަ މެންބަރުން ވަކިވެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓްގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ އެކީ ޕީއެންސީ ވަރުގަދަ ކުރަން ފެށި މަސައްކަތުން އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 82،000 އަށް ވުރެ ގިނަ ކަމަށް ޕީއެންސީން ބުނެ އެވެ. ޕީއެންސީން މިހާރު އަމާޒު ހިފާފައި އޮތީ ރާއްޖޭގައި 100،000 މެމްބަރުން ހަމަވާ ފުރަތަމަ ޕާޓީއަކަށް އެ ޕާޓީ ހެދުމެވެ.