ނަސްރުގެ ދުވަސް. ކުލަގަދައެއްނޫން .ކީއްވެ ؟

big_mKdxpdYaxClkpjn.jpg

މިއަދަކީ ނަސްރު ގެ ދުވަހެވެ. މި ދުވަސް ނަސްރުގެ ދުވަހެއްގެ ގޮތުގައި ސަރުކާރުން ފާހަގަ ކުރަން ފެށީ ދިވެހި ގައުމަށް ޣައްދާރުވެ ގައުމުގެ މިނިވަންކަމާ އިސްތިގްލާލު ނަގާލައި އަމިއްލަ އެދުންތަކެއް ހާސިލް ކުރުމަށް ބޭރުގެ ބަޔަކާ ގުޅިގެން ދިވެހިންގެ މަދު ބަޔަކު ހިންގި އުދުވާނީ ހަމަލާ ތައް ނާކާމިޔާބު ކޮށްލުމުގެ އުފާފާޅު ކޮށް އެކަމަށް ހަމްދު ކުރާ ދުވަހެއްގެ ގޮތުގައެވެ.

ފުރަމާލޭގެ ފަސްގަނޑަށް ބަރު ހަތިޔާރާ އެކު އަރައި ކުށެއް ނެތް ދިވެހި 19 ދަރިން ޝަހީދު ކޮށްލައި ސަރުކާރުގެ ބޮޑެތި ބަޔަކާއި އާއްމު ރައްޔިތުންގެ އެތައް ބަޔަކު ރަހީނު ކުރި މި އުދުވާނީ ހަމަލާ ދިން ފަހުން މިއަދަކީ ހާދިސާ އަށް 30 އަހަރު ފުރުނު ދުވަހެވެ.

ނަސްރުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ސަރުކާރުން ފުރަތަމް ފާހަގަ ކުރަން ފެށީ 1989ވަނަ އަހަރުއެވެ.  އެ އަހަރުން ފެށިގެން ރައީސް ނަޝީދުގެ ސަރުކާރާ ހަމައަށް ކޮންމެ އަހަރެއްގެ މިދުވަސް ސަރުކާރުން އައި ފާހަގަ ކުރަމުންނެވެ. ރައީސް ނަޝީދުގެ 3 އަހަރުގެ ސަރުކާރުގައި މި ދުވަހަށް އަހަންމިއްޔަތު ކމެއް ދީފައި ނުވުމަކީ އެހެން ވާހަކަ އެކެވެ.

އެ ތިން އަހަރު ފިޔަވައި ދައުލަތުގެ ޓީވީ އާއި ޕަބްލިކް ޓީވީތަކުގައިވެސް މުޅި ދުވަހާއި ރޭގަނޑު  އޮންނަނީ ނަސްރުގެ ދުވަހަށް ޚާއްސަ ކޮށްފައެވެ. އެހާދިސާ ގެ ހަނދާން އާކުރުމާއި އެހާދިސާ ލޮލުން ދުށް މީހުންގެ ބަސްދީ ގަތުން ތަކާއި އެހާދިސާ އާއި ބެހޭ ޑްރާމާ ތަކުން ޕްރޮގްރާމް ތައް ފުރިފައެވެ. އެކިއެކި މާލަން ތަކާއި މައިޒާން ތަކާއި ފޯރަމް ތަކުގައި މުޅިން ވެސް އޮންނަނީ ގައުމިއްޔަތު ދިރުވައި ގައުމުދެކެ ލޯބިވުމުގެ ބޭނުންތެރިކަމާ ގައުމީ ލޯބީގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދެއްކުމާއި އެކަންކަމަށް ފިކުރު ހިންގައިގެން ކުރެވޭ ބަހުސް ތަކާއި މުބާރާތް ތަކެވެ.

ސަރުކާރުން ނަސްރުގެ ދުވަސް ފާހަކަ ކުރުމުގެ ގޮތުން ޚާއްސަ ޖަލްސާ އެއް ބާއްވައެވެ. އަތޮޅު ތަކާއި ރަށްތަކުގައި ވެސް ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ޖަލްސާ ތަކާއި ކުޅިވަރު ތައް ވެސް އައީ ބާއްވަމުންނެވެ. ބޭނުމަކީ މިނިވަން ކަމުގެ އުފަލާއި އަޅުވެތިކަމުގެ ހިތްދަތި ކަން އަންގައި ދިނުމެވެ.  ގައުމީ އަބްތާލުން ގައުމަށް ކޮށްދެއްވި ވަރުގަދަ ގުރުބާނީ ހަނދާން ކޮށް އެޒިކުރާ އާކުރެވޭ ހިނދު މިއަދުގެ ކޮންމެ ކުއްޖަކީ މާދަމާ ޝަހީދު ހުސައިން އާދަމަކަށް ވުމުވެ ހިތްވަރު ހޯދައި ދިނުމެވެ. ކޮންމެ ދިވެއްސަކީ ގައުމަށްޓަކާ ފިދާވުމުގެ ރޫހު ހުރި ބަޔަކަށް ހެދުމެވެ. ކާބަފައިން މިއަދާ ހަމައަށް ގެނެވެސް ދެއްވި މި ގައުމުގެ މިނިވަންކަމަކީ  އަންނަން އޮތް ޖީލަށް އަމާނާތް ތެިކަމާއެކު ފޯރުކޮށްދޭން ޖެހޭ ގައުމީ ވާޖިބެއްކަން ހަނދާން ކޮށް ދިނުމެވެ.

އެކަމަކު މިއަހަރު މި ދުވަސް މިއަދު ފާހަގަ ކުރަމުންދާ ތަނެއް ނުފެނެއެވެ. ކުރިން ދިވެހި ރާއްޖޭގެ ގައުމީ ޓީވީ އިން ނަސްރުގެ ދުވަހު ގެނެސްދޭ ޚާއްސަ ޕްރޮގްރާމް ތަކެއް މިއަދަކު ނުގެނެސް ދެއެވެ. ފަހަރުގައި ރިޔާސީ އާ ދައުރަކަށް އަލިވިލެން ތައްޔާރުވެފައިވާ މި ހިނދު މިހާދިސާއާ ގުޅުން ހުރި ބަޔަކު “ބޮޑުންގެ ތެރޭގައި” ހިމެނުމުގެ އިއްތިފާގަށް ވުމުން ކަމަށް ވެދާނެއެވެ. އެހެން ކަމަށް ވާނަމަ އަނެއްކާވެސް ބުނެވޭނީ އެ އިސްކުރެވުނީ ގައުމަށް ވުރެ އަމިއްލަ މަސްލަހަތެވެ. އެ އޮޅުވާލެވެނީ ދިވެހި ތާރީޚެވެ. މިއަދުގެ ކިޔަވާ ކުދިންނަށް ފަސް އަޅާ ފޮރުވާލެވޭތޯ އެ މަސައްކަތް ކުރަމުން ދަނީ ގައުމުގެ މުހިއްމު ހާދިސާ އަކާ ގުޅުން ހުރި ޚާއިނުންތަކެއްގެ ބައިވަރު ވާހަކަ ތަކެކެވެ.

ޝައްކެއްނެތެވެ. 3 ނޮވެމްބަރު 1988 އަކީ ފަހުގެ ތާރީޚުގައި ރާއްޖެ ދުށް އެންމެ ބިރުވެރި ހާދިސާހިނގި ދުވަހެވެ. ގައުމަށް ޣައްދާރުވި ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ބޭރު ބަޔަކު ލައްވާ މި ކީރިތި ފަސް ގަނޑުގައި ހިންގި ގޮތްކުޑަ އުދުވާނީ ހަމަލާތަކުން ކުށެއްނެތް ދިވެހި 19 ދަރިން ޝަހީދުވެގެން ދިޔަ ހިތާމަވެރި ދުވަހެކެވެ. ހަމަ ގައިމުވެސް ދިވެހި ލޭ ހިނގާ އެއްވެސް ދިވެއްސަކު މި ޖަރިމާ ހިންގި މީހުންނަށާ އެކަމުގެ އަޑީގައި ތިބި ޚާއިނުންނަށް ދުވަހަކުވެސް މާފެއް ނުކުރާނެއެވެ.

ނަސްރުގެ ދުވަސް ސަރުކާރުން ފާހަގަ ކުރަން ނީންމީ މި ހަނދާންތައް އާކުރުމަށެވެ. އެއިން އިބްރަތް ހޯދުމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މިދުވަސް ރަސްމީ ގޮތެއްގައި ފާހަގަ ނުކޮށް ހިނގައިދާނެއެވެ. އެކަމަކު މި ގައުމުގެ ހިތާ ދުލުން މިވާހަކަތައް ކިޔައިދޭނެއެވެ. އެއީ ޒަމާންތަކެއް ވުމަކުން ކެނޑޭނެ އަޑެއް ނޫނެވެ. ގައުމުގެ ހިތުން ފޮހެލެވޭނެ ހަނދާން ތަކެއްވެސް ނޫނެވެ. މި ގައުމުގެ ކިބައިން މާފަށް އެދެވޭނެ  ކުށެއްވެސް ނޫނެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top