ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ :ޢަބްދުﷲ ނަޢީމް އިބްރާހީމް                                            (26 އޮކްޓޯބަރ އާއި ގުޅޭ)

ކާއިނާތުގެ މެޝިން

1965 ވަނަ އަހަރު ދެ ޤައުމެއްގެ މެދުގައި ހަނގުރާމައެއް ހިނގިއެވެ. އެއްބައެއްގެ އަތުގައި ހުރީ ދެރަ ހަތިޔާރެވެ. އަނެއްބައެއްގެ އަތުގައި މޮޅު ހަތިޔާރެވެ. އެއްބަޔަކު ބޭނުން ކުރީ އަމިއްލަ ރަށުގައި ހަދާފައި ހުރި ތަކެއްޗެވެ. އަނެއްބަޔަކު ބޭނުންކުރީ އިނގިރޭސިވިލާތުގައި ހަދާފައި ހުރި ތަކެއްޗެވެ. އެއްބަޔަކު ބޭނުން ކުރަނީ ވަރަށް އާދައިގެ މަތިންދާ ބޯޓެވެ. އަނެއް ބަޔަކު ބޭނުން ކުރީ ފަރަންސޭސިވިލާތުގެ މޮޅު މަތިންދާބޯޓެވެ. އެހެންނަމަވެސް މި ހަނގުރާމައިގައި މޮޅުވީ ދެރަ ހަތިޔާރު ބޭނުންކުރި ޤައުމެވެ.

މީގެ ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ މޮޅުވީ މީހުން އެމީހުންގެ އަމިއްލައަށް ހަދާފައިވާ ހަތިޔާރުގެ ބޭނުން ކުރި ކަމެވެ. އެތަކެތި ބޭނުންކުރާނެ ގޮތް ރަނގަޅަށް އެނގޭކަމެވެ. ދެރަވީ މީހުން ބޭނުން ކުރި ހަތިޔާރު ހަދާފައިވަނީ އެހެން ޤައުމެއްގައެވެ. ވުމާއެކު އެތަކެތީގެ ބޭނުންކުރާނެގޮތް މާ ރަނގަޅަކަށް ނޭނގެއެވެ. އެމީހުން ބަލިވެ އިނދަޖެހުނު ސަބަބަކީ މިއީއެވެ. ހަނގުރާމައިގެ ޚަބަރުތައް ލިޔާ މީހަކު މި ހަނގުރާމައިގެ ވާހަކަ ލިޔަމުން ބަޔާންކޮށްފައި ވެއެވެ.

“ހަނގުރާމައިގައި ބޭނުން ކުރާ އިންތިހާ ދަރަޖައިގެ މޮޅު އާލާތްތައް ބޭނުންކުރުވެނީ ހަނގުރާމަވެރިން ލައްވައެވެ. ވުމާއެކު ހަނގުރާމައިގައި އެތަކެތި ބޭނުން ކުރެވޭ ގޮތުގެ ރަނގަޅާއި، ނުބައި ބިނާވެފައި އޮންނަނީ ބޭނުންކުރާ މީހެއްގެ ހުނަރާއި، ތަމްރީނާއި، ކެރުމާއި، ރޭވުންތެރިކަމުގެ މައްޗަށެވެ. އެވޭލާ ޒަމާނުގައި ބަޑިޖަހާ މީހުންނަށް ދެވުނު އަހުމިއްޔަތުކަން އަދިވެސް އޮތީ އޮތްގޮތަށެވެ. ގޮބަކަށް ފިތާލައިގެން ކުރާ ހަނގުރާމައިގެ ޒަމާނުގައިވެސް މެއެވެ.” (ޓައިމްސް އޮފް އިންޑިއާ، 2 ފެބްރުއަރީ 1984)

މަތީގައި ދެންނެވުނު ޙާދިސާތަކުން ހާމަވަނީ ކާއިނާތޭ މިކިޔާ މެޝިނުގެ ޙަޤީޤަތެވެ. އަޅުގަނޑުމެން އީޖާދު ކުރާ މެޝިންތައް ހިންގަން އަބަދުވެސް “އިންސާނަކު” ބޭނުންވެއެވެ. ވުމާއެކު ކާއިނާތުފަދަ ވަރުގަދަ މެޝިނެއް ހިނގަމުން މިދަނީ އެއްވެސް ފަރާތެއްގެ ބާރަކާނުލައި އަމިއްލައަށް ކަމަށް ބުނެވޭނީ ކޮންފަދައަކުންތޯއެވެ؟ މި ޚިޔާލަށް ބާރު ލިބޭނޭ އެއްވެސް ހެއްކެއްނެތެވެ. ސައިންސްވެރިން ބުނާ ފަދައިން ކާއިނާތަކީ ވަރުގަދަ މެޝިނެއް ކަމަށް ޤަބޫލު ކުރި ނަމަވެސް އެ މެޝިނު ހިންގާނޭ “ވަރުގަދަ ފަރާތެއް” ބޭނުންވާނެއެވެ. ﷲ ގެ އެއްކައުވަންތަ ކަމަށް ހެކިވާން އިންސާނާއަށްވަނީ މަޖުބޫރުވެފައެވެ. ދީނީ ހަމަތަކުން ކަލެއްކަމަށާއި، ވެރިއެއްކަމަށް ނުވަތަ ސައިންސްގެ ބަހުރުވައިން ނަމަ މެޝިނެއް ހިންގާ އިންޖިނިއަރެއްގެ ޙައިސިއްޔަތުން ނަމަވެސް އިންސާނާއަށް ޖެހޭނީ “މަތިވެރި އިލާހު” ގެ ވުޖޫދަށް އީމާންވާށެވެ.

ﷲ ހޯދުން

ވަރަށް ވިސްނުން ތޫނު ޒުވާނެކެވެ. މި ޒުވާނާގެ ސިކުނޑީގައި އަބަދާއި، އަބަދު އެނބުރޭ ޚިޔާލަކީ އޭނާއަށް ޙައްޤު މަގާމު މިދުނިޔޭގައި ނުލިބޭ ކަމުގެ ޚިޔާލެވެ. މި ޚިޔާލު ބޮޑުވެގެން ގޮސް އެންމެ ފަހުން އަމިއްލައަށް މަރުވީއެވެ. މަރުވަމުން ލިޔުނު ނޯޓްގައި ވެއެވެ.

“އަހަރެން އަމިއްލަ ދިރިއުޅުމުގައި މަރުގެ ސިއްކަޖަހަނީއެވެ. އެއީ އަހަރެންގެ އެ ދުނިޔެއަކަށް އުފަންވާންޖެހޭ ދުނިޔެއަށް، މި ދުނިޔެ ނުވާހެން ހީވާތީއެވެ.”

މިފަދަ މީހުން ޤުދުރަތީ މަރަކުން، ނުވަތަ އަމިއްލައަށް ނަމަވެސް މަރުވަނީއެވެ. މާޔޫސީއާއި، ނާއުއްމީދުގެ ތެރޭގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. ސިކުނޑީގެ ފެންވަރު މާ ރަނގަޅު ނޫން ކަމަށް އަޅުގަނޑުމެން ދެކޭ ވަރަށް ގިނަ މީހުން އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ވޭތުކުރާތީ ވަރަށް ގިނައިން ފެނެއެވެ. މިޔާޚިލާފަށް ސިކުނޑީގެ ފެންވަރު ރަނގަޅު މީހުން ހިތްހަމަ ނުޖެހިގެން އުޅޭތީ ވަރަށް ގިނައިން ފެނެއެވެ.

ސަބަބަކީ އިންސާނާގެ މައިގަނޑު އެދުންތަކެވެ. ތިމާ ޤަބޫލުކުރާ ހަމައެއް، ނުވަތަ ތަބާވާ މީހަކު ހޯދަން މަސައްކަތް ކުރުމަކީ ފިޠުރީގޮތުން އިންސާނާއަށް ލިބިފައިވާ ސިފައެކެވެ. އެހެންނަމަވެސް ގިނަ މީހުންނަށް ޤަބޫލު ކުރެވިފައިވާ ގޮތުގައި މިފަދަ ހަމައެއް ނުވަތަ ފަރާތެއް ހޯދައިގަތުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.

ސިކުނޑީގެ ފެންވަރު ދެރަ މީހުންނަކަށް މިފަދަ ރަނގަޅު ކަމެއް ނުވަތަ ފަރާތެއް ނުފެނުނަސް ދިރިއުޅުމަށް އަންނަ ބަދަލު ވަކިކޮށް ދެނެގަންނާކަށް ނޭނގެއެވެ. ވުމާއެކު މިފަދަ ހަމައެއް ނުވަތަ ފަރާތެއް ނުފެނި މުޅި ދިރިއުޅުން ހޭދަކޮށްލުމަކީ އުނދަގޫ ކަމަށް ނުވެއެވެ.

މިޔާޚިލާފަށް ވިސްނުން ތޫނު މީހުންނަށް މިދެންނެވި ފަދަ ހަމައެއް ނުވަތަ ފަރާތެއް ނުހޯދާ އުޅެން ފެށުމާއެކު ދިރިއުޅުމަށް އަންނަ ބަދަލު ވަކިކޮށް ދެނެގަންނާން އެނގެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ސިކުނޑި ޤަބޫލު ނުކުރާ ހަމައަކަށް، ނުވަތަ ފަރާތަކަށް ބޯލަނބައިލުމަކީ ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ.

އިންސާނާ ތަބާވާން އެންމެ އައުލާކަންބޮޑު ފަރާތަކީ އޭނާ ހެއްދެވި ފަރާތެވެ. ވިސްނުން ތޫނު މީހުން “ނުފެނިގެން” ހޯދާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އިންސާނާއަށް ހަމަޖެހުން ލިބޭނީ ﷲ ސުބްޙާނަހޫ ވަތަޢާލާއާ ކުއްތަން ވުމުންނެވެ. އެކަމަކު ގިނަ މީހުންގެ ގޮތަކީ ހިތްހަމަޖެހުން ހޯދަން މާއްދީތަކެތީގެ ފަހަތުން ދުވުމެވެ.

ވަހުމަށް އަޅުކަން ކުރުން

މިސްޓަރ ސޭލަރ  (Sayler)އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ޖީބުފުޅުގައި ރަނުން ހަދާފައިވާ ކުޑަކުޑަ ބޫޓު ކިބައެއް އަބަދުވެސް އޮވެއެވެ. މި ބޫޓު ކިބައަކީ ރޭގަން ރައީސަކަށް ވެވަޑައިގަތުމުގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ރަޙްމަތްތެރި ބޭފުޅަކު ހަދިޔާއަކަށް އެރުވި އެއްޗެކެވެ. ރޭގަން ޤަބޫލު ފުޅު ކުރައްވާ ގޮތުގައި މި ބޫޓު ކިބައިގައި ކޮންމެވެސް ރޫޙާނީ ބާރެއް އެކުލެވިގެން ވެއެވެ. އެބާރެއްގެ ސަބަބުން ކުރިމަތިވެ ވަޑައިގަންނަވާ ކޮންމެ އާފާތަކުން ސަލާމަތްވެ ވަޑައިގަނެއެވެ. މާޗް 1981 ގައި ރޭގަން އަވަހާރަ ކޮށްލަން ބަޔަކު ދިން ޙަމަލާއިން ސަލާމަތްވެ ވަޑައިގަތީވެސް މި ބޫޓު ކިބައިގެ ސަބަބުން ކަމަށް ރޭގަން ދެކެވަޑައިގަނެއެވެ.

މި ބޫޓު ކިބަ ރޭގަންގެ އަތްޕުޅުގައި އަބަދުވެސް އޮވެއެވެ. 1981 ވަނަ އަހަރުގެ ޖޫން މަހު އެއް ދުވަހަކު މިސްޓަރ ސޭލަރ އަށް ރޭގަންގެ ފައިންޕުޅު ފެނިގެން ދެންނެވިއެވެ. “މަނިކުފާނު މިހާރުވެސް އެއްކަލަ ބޫޓުކިބަ ގެންގުޅުއްވަން ތޯއެވެ؟”

ރޭގަން ވިދާޅުވިއެވެ. “އާނއެކެވެ. ގެންގުޅެމެވެ.”

މިހެން ވިދާޅުވެފައި ކޯޓުގެ ވައަތްޕުޅު ފަރާތު ޖީބުން އެއްކަލަ ބޫޓުކިބަ ނަންގަވައި ދައްކަވައިލެއްވިއެވެ. (ޓައިމްސް އޮފް އިންޑިއާ – 24 ޖޫން 1981)

މިއީ ވަހުމަށް އަޅުކަން ކުރުން  (Superstition) ކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ. އެކަމަކު މި އަޅުކަން ކުރުމުގައި އެނގި ފާޅުވެގެންދާ ސަބަބެއް އެބަ އޮތެވެ. އެއީ މި ދުނިޔޭގައި އިންސާނުންނަށް މެދުވެރިވާ ކަންތައްތަކަކީ ސިއްރުން ފުރިގެންވާ ކަންތައްތަކަށް ވުމެވެ. އެކަންތައްތަކުގެ ޙަޤީޤީ މާނައާއި، ސަބަބު ވިސްނައިގަންނާކަށް އިންސާނުންނަކަށް ނޭނގެއެވެ. އެއީ “ސިއްރު ޙަރަކާތް” ތަކެކެވެ. އެ ޙަރަކާތްތަކުގެ ސަބަބުން ބައެއް މީހުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހެއެވެ. އަނެއް ބަޔަކަށް ފޮނި ކާމިޔާބީ ލިބެއެވެ.

އެއް ކަމެއްގެ ސަބަބުން ދެ މީހަކަށް ކުރިމަތިވާ ނަތީޖާ އެއްގޮތެއް ނުވެއެވެ. މުޅިން ތަފާތެވެ. އެކަކަށްވެސް އެ މީހަކަށް އެ ކުރިމަތިވީ ކަމެއް ކުރިމަތިވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެއްދުވަހަކު އަޅުގަނޑު ވިޔަފާރިވެރިއެއްގެ ގާތުން އޭނާގެ ވިޔަފާރީގެ ކާމިޔާބީގެ ސިއްރަކީ ކޮބައިތޯ އެހީމެވެ. އޭނާ އިރުކޮޅަކު ވިސްނާލަން ހުރެފައި ބުންޏެވެ. “ނަޞީބެވެ.” ކާމިޔާބީގެ ތިން ސަބަބެއް ބަޔާން ކޮށް ދޭށޭ ބުންޏަސް އެމީހަކު ޖަވާބުގައި ބުނާނީ “ނަޞީބެވެ. ނަޞީބެވެ. ނަޞީބެވެ.” މިހެންނެވެ.

ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ސިއްރު ނޭނގެނީ އެކަންތައްތައް ހިންގަވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަށް ވާތީއެވެ. އިންސާނުންނަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަމަ ލޮލަކަށް ނުފެނެއެވެ. ވުމާއެކު ފެންނަން ހުންނަ ކޮންމެވެސް އެއްޗެއް ކަލަކަށް ހަދަނީއެވެ. އެއީ ރަން ބޫޓު ކިބައަކަށް ވިޔަސް ނުވަތަ އަނގޮޓިއަކަށް ވިޔަސް ވަރިހަމައެވެ.

ކޮންމެވެސް ފަރާތަކަށް އަޅުކަން ކުރަން އިންސާނާއަށް ވަނީ މަޖްބޫރުވެފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ. ނުވަތަ އެކަލާނގެ ފިޔަވައި އެހެން ކޮންމެވެސް ފަރާތަކަށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top