މި އަހަރުގެ ރިޔާސީ އިންތިހާބަށް ޚާއްސަކޮށްގެން އިލެކްޝަން ކޮމިޝަން (އީސީ) އިން ގާއިމުކޮށްފައިވާ ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ރާއްޖެެތެރޭގައި މަސައްކަތްކުރާނެ މެންބަރުން ހޯދަން އިއުލާން ކޮށްފި އެވެ.
އީސީން ބުނީ މާލެ ފިޔަވައި ރާއްޖޭގެ އަނެއް ތިން ސިޓީ ކަމަށްވާ ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫގެ އިތުރުން ކޮންމެ އަތޮޅެއްގެ ކޮމްޕްލެއިންޓް ބިއުރޯ އަށް ކޮންމެ ތަނަކަށް ވެސް ތިން މެމްބަރުން ބޭނުންވާ ކަމަށެވެ. އެއީ އިސް މެންބަރަކާއި އޭނަގެ ދަށުން މަސައްކަތްކުރާނެ ދެ މެންބަރުންނެވެ.
މި ފުރުސަތުވަނީ އަންނަ މަހުގެ 3 އާ ހަމައަށް ހުޅުވާލައިފަ އެވެ. ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މެމްބަރުންނަށްވާން ކުރިމަތިލާ މީހުންނަކީ ސިޔާސީ ޕާޓީއެއްގައި ނުހިމެނޭ އަދި އުމުރުން 18-55 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހެއެވެ.
މީގެ އިތުރުން އެ މީހުންނަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމުގައި ހަރަކާތްތެރި ނުވާ، އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ އާއިލީ މެންބަރަކަށް ނުވާ އަދި ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒުކުރަމުން ނުދާ މީހަކަށް ވެސް ވާން ޖެހެ އެވެ.
ކޮމްޕްލެއިންޓްސް ބިއުރޯގެ މުވައްޒަފުން މަސައްކަތް ކުރާނީގެ ވޯޓުލުން އޮންނަ ދުވަހުގެ 10 ދުވަސް ކުރިން ފެށިގެން އިންތިޚާބު ނިމި ހަފުތާއެއް ވަންދެނެވެ. އަދި އެ މުއްދަތުގެ ފަހުން އިންތިޚާބުގެ މަސައްކަތާ ގުޅިގެން މުއްދަތު އިތުރުކުރަން ޖެހޭ ނަމަ، މުއްދަތު އިތުރުކުރާ ގޮތަށެވެ.
އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯގެ އިސް ވެރިޔާ އަށް ފީގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 250ރ. އަދި މެމްބަރުންނަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 200ރ. ލިބޭނެ އެވެ.
ސިޓީތަކުގެ ކޮމްޕްލެއިން ބިއުރޯގެ މެމްބަރުން މަސައްކަތް ކުރާނީ އެ ސިޓީއެއްގެ ކައުންސިލް އިދާރާގަ އެވެ. އަދި ކޮންމެ އަތޮޅެއްގެ، ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުން މަސައްކަތް ކުރާނީ އަތޮޅު ކައުންސިލް އިދާރާތަކުގަ އެވެ.
މިކަމަށް އެދޭ ފޯމް އީސީގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑްކުރެވޭނެ އެވެ. އަދި ކައުންސިލްތަކުން ވެސް ފޯމު ލިބޭނެ އެވެ.