ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް

IMG_0605.jpeg

ރާއްޖޭގެ ސަރަހައްދުގައި ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރު ހުރި ކަމަށާއި، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދު ތަކަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ވަނީ ތިން ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައެވެ. ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު މި ހާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ދުންފުހުގެ އަސަރު ކުރަމުންނެވެ.

ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 105 އަށްވުރެ މަތީގައެވެ.

“ފޮގް ވުން” އަދި “މިސްޓް”އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށް ވެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ދިގުމުއްދަތަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ނޭވާހިއްލުމާއި، ސިކުނޑި އާއި ނާރުގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރުގެ ބައެއް ބާވަތްތައް ހިމެނެއެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން އިރުޝާދު ދީފައިވާ ކަންކަމުގެ ތެރޭގައި، ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ބޭރުގައި ކުޅިވަރު ކުޅުން މަޑުޖައްސާލުމާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން ހިމެނެއެވެ. އަދި އެއާ ޕިއުރިފައިއާ ބޭނުންކުރުމަކީ ވެސް އެދެވިގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މިކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top