އޭދަފުށިން އަނެއްކާވެސް ތަރުތީބެއްނެތި ސާމްޕަލް ނަގަނީ !

175461192_1928158334004799_1277024278067986672_n.jpg

އޭދަފުށީން ކޮވިޑް-19އަށް  ފައްސިވެފައިވާ ގިނަ ބަޔަކު ފެނުމާއި ގުޅިގެން އަނެއްކާވެސް ވަކި ތަރުރީބެއްނެތި ސާމްޕަލް ނެގުމުގެ އާ ބުރެއް ފެށުމަށް ނިންމާފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ބ.އަތޮޅު ހޮސްޕިޓަލާއި އޭދަފުށީ މަލްޓި ޕާޕަސް ހޯލުގައެވެ.

ވީމާ ސާމްޕަލް ދިނުމަށް ބޭނުންވާ މީހުންގެ ތެރެއިން ކުރިން ސާމްޕަލް ދީފައިނުވާ ޚާއްސަކޮށް ހުމާއި ރޯގާގެ އަލާމާތްތައް ފެނިފައިވާ މީހުން މާދަމާ 10 އާއި 12 އާ ދެމެދު ބ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ މަލްޓިޕާޕަސް ހޯލަށް ވަޑައިގެންނެވުމަށް އަތޮޅު ހޮސްޕިޓަލުން އެދެއެވެ. އަދި ސާމްޕަލް ނަގަން ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް ގެންދެވުމަށް ހޮސްޕިޓަލުން ހަނދާން ކޮށްދެއެވެ.

ކޮވިޑް އާއި ގުޅިގެން އޭދަފުށީގެ މިވަގުތުގެ ހާލަތަށް ބަލާއިރު އެންމެ ފަހުން ރޭ އަތޮޅު ހޮސްޕިޓަލުން ހާމަ ކުރި ނަތީޖާއަށް ބަލާއިރު އިތުރު 11 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ 48 އަށް އަރައިފަ އެވެ.

ކޮވިޑް އަލާމާތްތަކެއް ފެނިގެން އެންމެ ފުރަތަމަ އޭދަފުށީން މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އޭގެ ފަހުން އަދަދުތައް މަތިވަމުން އައިސް މިހާތަނަށް ވަނީ 48 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 469 ސާމްޕަލްއެއް ނަގައި މީގެތެރެއިން 421 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު 26 ގެއެއް ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ރަށުގެ ހާލަތު ގޯސްވުމާއެކު ރަށު ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައިނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި މިފަދަ ބޭނުމަކަށް ބޭރަށް ދިޔަނަމަވެސް އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ގައިދުރުކަން އިސްކަން ދިނުމަށްވެސް ކައުންސިލުން އެދެއެެވެ.

އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރަށުގައިހިންގާ ބޯކޮށާ ތަންތަން ބަންދު ކުރުމަށާއި އަދި ސައިހޮޓާ ކެފޭފަދަ ތަންތަނުން ވެސް ޑެލިވަރީ ޚިދުމަތް ފިޔަވައި ތަނުގެ ތެރޭގައި ޚިދުމަތް ދިނުމާއި އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގަ އާއި މައިޒާން ތަކުގައި ގިނަބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން އިއްޔެ އަލަށް އަޅާފައިވާ ފިޔަވަޅުގެ ތެރޭގައި ހަވީރު ހަޔަކުން ފެށިގެން ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ. ނަމަވެސް ގޭގެއަށް މުދާ ޑެލިވަރީ ކޮށްދިނުމާއި އޮންލައިންކޮށް ވިޔަފާރި ކުރުމަށް ހުރަހެއް ނެތް ކަމަށް ކައުންސިލުން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top