
މާޅޮހު މަދްރަސާގެ ކުދިންތަކެއް މަދްރަސާގެ ކޮންޕިއުޓަރ ލެބްގައި. މިމަދްރަސާގެ ޕްރައިމަރީ ބައެއް ގްރޭޑްތައް ކިއެވުން އިއްޔެއާ މިއަދު ވަނީ ބަންދުކޮށްފައި / ފޮޓޯ: އިންޓަނެޓް
ބ. މާޅޮހުގައި ހަލުވި މިނެއްގައި ހުންރޯގާ ފެތުރޭތީ އެރަށު މަދަރުސާގެ ޕްރައިމަރީގައި ހިމެނޭ ގްރޭޑް 1،2 އަދި 3ގެ ކްލާސްތަކުގެކިޔެވުން އިއްޔެ މެދު ކަނޑާލައިފިއެވެ.
މާޅޮހު މަދަރުސާއިން ބުނީ ކިޔެވުން މެދުކަނޑާލީ ހުން ފެތުރޭ މިންވަރު ކުޑަކުދިންގެ މެދުގައި އަވަސްވެފައި، އެކަމާމެދު ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހުކަމަށެވެ. މާޅޮހު މަދްރަސާ ހިންގުމާ ހަވާލުވެހުންނެވި އައްބާސް ހުސައިން ވިދާޅުވީ ކިޔެވުން މެދުކަނޑާލިއިރު ރޯގާގެ ސަބަބުން ގިނަކުދިން ސްކޫލަށްވެސް ނާންނަކަމަށެވެ. އޭނާ ވިދާޅުވީ ކިޔެވުން މެދުކަނޑާލީ ބުދަދުވަހުގެ ނިޔަލަށްކަމަށާ، ބުރާސްފަތިދުވަހު ކިޔެވުން އޮންނާނެކަމަށެވެ.
ހަސަތޭކަމީހުންނަށްވުރެ ބޮޑުއާބާދީއެއް އޮންނަ މާޅޮހުގައި ހުމުގެ ރޯގާއެއް ފެތުރެން ފަށާފައިވަނީ މީގެ 2 ހަފްތާއެއްހާދުވަސްކުރިންކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެއެވެ. ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މާޅޮހުގައި ހުންރޯގާ މިހާރު ކޮންޓްރޯލް ވެފައިވާކަމަށާ، ނުރައްކަލެއް އޮތްކަމަށް ނުފެންނަކަމަށެވެ. އެހޮސްޕިޓަލުން ބުނީ ހުންރޯގާގެ ކޭސްތައް އަތޮޅުގެ އެހެންރަށްރަށުންވެސް މިދުވަސްކޮޅު އާންމުކޮށް ފެންނަމުންދާކަމަށެވެ.