
ތުޅާދޫގައި ބަންނަމުންދާ ނާލުބޯޓްގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ. އަންނައަހަރު ކުރީކޮޅު މިބޯޓް ދަތުރުތައް ފަށާނެކަމަށް ހަބަރުލިބޭ / ފޮޓޯ: އީވީ ކިއުންތެރިއެއް
އޭދަފުއްޓާ މާލެއާދެމެދު ނާލު ދަތުރު ކުރުމަށް އެއާކޯން ކޮޓަރިއާ، އިތުރު ހިދްމަތްތައް ހިމެނޭގޮތަށް މުޅިން އައު ނާލުބޯޓެއް ބ. އަތޮޅު ތުޅާދޫގައި ބަންނަމުންދާކަމަށް ހަބަރުލިބިއްޖެއެވެ.
ތުޅާދޫ ދޮންވެލި އަބްދުއްރަހްމާން ހުސައިންގެ ހަރަދުގައި ބަންނަ މިބޯޓްގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފަށާފައިވާއިރު، ބޯޓްގެ އޮނިގަނޑު މުޅިން ނިމިފައިވާކަމަށް ވެރިފަރާތުން ބުނެއެވެ. މިބޯޓް ނިމޭއިރު ބޯޓްގެ ބޮޑުމިނުގައި 87 ފޫޓް އަދި ފުޅާމިނުގައި 28 ފޫޓް ހުންނާނެކަމަށާ، މިހާރު މާލެދަތުރުކުރާ ނިޔާމަ ބޯޓަށްވުރެ ބޮޑުވެ ހިދްމަތް ފުރިހަމާވާނޭކަމަށްވެސް ބޯޓްގެ ވެރިފަރާތުން ބުނެއެވެ.
ބޯޓްގެ ވެރިފަރާތާ ހަވާލާދީ އޭނާގެ ދަރިއަކު ބުނީ މިބޯޓްގައި މާލެދަތުރުކުރާ މީހުންނަށް ޕްރައިވެޓް 4 ކޮޓަރި ހިމެނޭނެކަމަށާ، އޭގެތެރެއިން 2 ކޮޓަރި އެއާކޯން ކުރެވޭނެކަމަށެވެ. އޭނާބުނީ ނިޔާމަ ބޯޓާ ހިލާފަށް މިބޯޓް އޭދަފުއްޓާ މާލެއާ ދެމެދު 4-5 ގަޑިއިރުން ދަތުރު ކުރާނެކަމަށާ، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަކަށް ކެއުމާ، ނިދުން ހަމަޖެއްސުމަށް ނިންމާފައިވާކަމަށެވެ.
” އަޅުގަނޑުމެން މިބޯޓްގައި އެމީހަކު ނިދާނެތާކު އޮންނާނެތާކު އެހެނެއް ނޫޅެވޭނެ. ކޮންމެ މީހަކަށްވެސް ޓިކެޓް ވިއްކާއިރު އެމީހެއްގެ ގޮޅި ފާހަގަކުރެވި އިންތިޒާމްތައް ފުރިހަމަވާނެ. ދެން ޕްރައިވެޓް ރޫމްވެސް ގަނެވޭނެ”
އޭނާބުނީ ބޯޓްގެ މަސައްކަތް ކުރިޔަށްދާގޮތުން އަންނަ އަހަރު ކުރީކޮޅު ދަތުރުތައް ފަށާނެކަމަށާ، ދަތުރު ކުރަމުންދާނީ ސީދާ އޭދަފުށިން މާލެ – މާލެ އޭދަފުށި ކަމަށެވެ.
އޭދަފުއްޓާ މާލެއާދެމެދު މިވަގުތު ނާލުދަތުރުތައް ގަވާއިދުން ކުރަމުންދަނީ އޭދަފުށީ ނިޔާމަ ބޯޓާ، ދަރަވަންދޫ ކުރިމަގު ބޯޓެވެ. މިދެބޯޓުން އާންމުން ބޭނުންވާވަރަށް މުދާގެނައުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ހަބަރުލިބެއެވެ.