މިއީ ބ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދައި، ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ޚާއްސަ ކޮށްލަނީ ބ. އޭދަފުށީކައުންސިލަށެވެ.
ސުވާލު: އޭދަފުށީ ބަނދަރަށް މާސްބޭލުމަށްޓަކައި ވަގުތީ މަސްމާރޫކޭޓެއް އެޅުމުގެ މަސައްކަތް ކްލަބް ދަ ބިގިނާސްއާ ގުޅިގެން ވަރަށް އަވަހަށް ފަށާނެކަމަށް މިދިޔަ އަހަރު ކައުންސިލުން ބުންޏެވެ. އެމަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ؟ އެކަމަށް ބޭނުންވާ ފައިސާ ނެތީތޯ؟
އޭދަފުށި ކައުންސިލް: އޭދަފުށީ ބަނދަރަށް މަސްބާލައި ކެނޑޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަގުތީ މަސްމާރުކޭޓެއް ހެދުމަށް މިދިޔަ އަހަރު ކައުންސިލުން ނިންމާފައިވެއެވެ. އަދި އެމަސައްކަތް ފެށުމަށްޓަކައި ކައުންސިލްގެ އާމްދަނީ އެކައުންޓުން ބަޖެޓެއްވެސް ވަނީ ފާސްކޮށްފައެވެ. ނަމަވެސް ޝެޑިއުލް ކުރިގޮތަށް މަސައްކަތް އަދި ވަނީ ނުފެށިއެވެ. ތަފާތު ސަބަބުތަކާވެސް އެކުގައެވެ. ފުރަތަމަ ކަމަކަށް މަސްމާރުކޭޓް އަޅަން ހަމަޖެހުނު ސަރަހައްދުގެ ބިމުގެ ޕްލޭނަށް ބަދަލެއް އައުން ހިމެނެއެވެ. އެގޮތުން އިންޓަނޭޝަނަލް ޓާފް ދަނޑަކާއި އެކަމަޑޭޝަން ބޮލޮކެއް އެޅުމަށް ޔޫތް ސެންޓަރު ސަރަހައްދުގެ ގޯތީގެ ބިމަށް ބައެއް އިތުރު ކުރުމާ ގުޅިގެން އުތުރު ފަރާތުގެ މަގަށް ބޮޑު ބަދަލެއްވަނީ ގެނެވިފައެވެ. އަނެއްކޮޅުން ބަލާއިރު އިރުމަތީ ހުރަސްތޮށީގެ އުތުރުކޮޅުގައި އައިސްޕްލާންޓެއް ގާއިމްކުރުމަށް ވަރަށް ފަހުން ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، ވަގުތީ މަސްމާރުކޭޓް އެޅުމަށް މިހާރު މިދަނީ އިތުރު ގޮތްތަކެއް ހަމަޖެހޭތޯ ކައުންސިލްގައި މަޝްވަރާ ކުރެވެމުންނެވެ. އަޅުގަނޑުގެ އުއްމީދަކީ މިހާރު މިކުރެވޭ މަޝްވަރާތަކަށްފަހު މިއަހަރުގެ ފަހުކޮޅަށްދާއިރު އައިސް ޕްލާންޓަކާއެކު ބަނދަރުގައި ފެންވަރު ރަނގަޅު މަސްމާރުކޭޓެއް ގާއިމްކުރެވިގެންދިއުމެވެ.
ޖަވާބު ދެއްވީ :އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން
“ރައްޔިތުންގެ އަޑު” މި ކޮލަމަށް ސުވާލެއް ފޮނުއްވުމަށް ބޭނުންފުޅުވާނަމަ މެއިލް ކުރައްވާނީ [email protected] އަށެވެ.