
ބ. އެޓޯލް ފުޓްބޯލް ޗެލެންޖް 2013ގެ ތަށި އޭދަފުށީ ޓީމް އުފުލާލަނީ. މިއަހަރުގެ މުބާރާތުގައި އަތޮޅުގެ ހުރިހާރަށަކުން ބައިވެރިވުމާމެދު ދަނީ މަޝްވަރާކުރެވެމުން / ފޮޓޯ: އެޓޯލް ޗެލެންޖް ފޭސްބުކް ޕޭޖް
ބ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖްގައި މިއަހަރު އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވުމާމެދު މަޝްވަރާކުރެވެމުންދާކަމަށް މުބާރާތުގެ އިންތިޒާމް ކޮމެޓީން ބުނެފިއެވެ.
އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ އިންތިޒާމްކޮމެޓީން ބުނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވާނެކަން ގިނަ ޓީމްތައް ޔަގީންވެފައިވާއިރު، މަޝްވަރާގެ މަރުހަލާގައި 3 ރަށެއް އަދި އެބައުޅޭ ކަމަށާ، އަދި އެރަށްރަށުން ވަރަށް އަވަހަށް ގޮތެއް ނިންމައި އަންގާނެކަމަށްވެސް އިންތިޒާމް ކޮމެޓީން ބުންޏެވެ. މުބާރާތުގެ ބާނީ އޭދަފުއްޓަށް އުފަން ކުރީގެ ގައުމީ ޓީމްގެ ޑިފެންޑަރ މުހައްމަދު ޖަމީލް އީވީއަށް ބުނީ 13 ރަށުން މުބާރާތުގައި ބައިވެރިވުމަކީ ވަރަށް ތާރީހީ ކަމެއްކަމަށާ، އެހެންވެއްޖެނަމަ މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެކަމަށެވެ.
“އަޅުގަނޑަކަށް ހިއެއްނުވޭ ބ. އަތޮޅު މުބާރާތެއްގައި މީގެކުރިން ހުރިހާ ރަށެއް ތަމްސީލްކުރިހެނެއް. އެހެންނަމަވެސް މިފަހަރު އެކަންވުމަކީ ގާތްކަމެއް. އެހެންވެއްޖެނަމަ ފޯރި ވަރަށްގަދަވާނެ” 10 އަހަރަށްވުރެ ގިނަދުވަހު ރާއްޖޭގެ ގައުމީޓީމަށް ކުޅެފައިވާ ކުޅުންތެރިޔާ ބުންޏެވެ.
ޖަމީލް ބުނީ އަތޮޅު ފުޓްބޯޅަ މުބާރާތްތައް އަލުން ފެށުމަށް އެފްއޭއެމުން ނިންމާފައިވާތީވެސް މިމުބާރާތުގެ ފޯރި ގަދަވާނެކަމަށެވެ. އެހެންނަމަވެސް އެމުބާރާތުގެ ސަބަބުން އެޓޯލް ފުޓްބޯލް ޗެލެންޖަށް އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް އޭނާ ބުންޏެވެ.
އަތޮޅުގެ ރަށްރަށުގެ މެދުގައި ފުޓްބޯލަ މުބާރާތެއް ނުބޭއްވި އަހަރުތަކެއް ދިއުމަށްފަހު 2012 ވަނަނައަހަރު ޔޫސްޕޯޓްސް އިން ފެށި އެޓޯލް ފުޓްބޯލް ޗެލެންޖްގައި އެއަހަރު އަތޮޅުގެ 6 ރަށަކުން ވާދަކުރިއެވެ. އެއަހަރު ޗެންޕިއަންކަން ހޯދީ ގޮއިދޫއެވެ. 2013ވަނަ އަހަރު 8 ރަށަކުން ވާދަކޮށް ޗެންޕިއަންކަން ހޯދީ އޭދަފުއްޓެއްވެ. މިމުބާރާތުގައި މިދިޔަ ދެއަހަރުވެސް ބައިވެރިނުވާ ރަށްރަށަކީ ހިތާދޫ، ތުޅާދޫ އަދި ފުޅަދޫއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 31 އޮގަސްޓާ ހަމައަށް އޮތްއިރު މުބާރާތް ފެށޭނީ 28 ނޮވެމްބަރގައިކަމަށް ޔޫސްޕޯޓްސް އިން ބުނެއެވެ.