ބ. އަތޮޅު ޗެލެންޖް ފުޓްބޯޅަ މުބާރާތް 2017 ގައި ބައިވެރިވުމުގެ ފުރުސަތު ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިފިއެވެ.
2012 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ބާއްވަމުން އަންނަ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އިއްޔެއެވެ. މުބާރާތް އިންތިޒާމް ކުރާ އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައި، ކައުންސިލްތަކަށް ސިޓީވެސް ފޮނުވާފައިވާކަމަށެވެ.
އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓްގެ ޗެއާމަން އަދި އޭދަފުއްޓަށް އުފަން ދިވެހިރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރައްރަށުން މިއަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެޖަމްއިއްޔާގެ އިދާރާ، އޭދަފުށީ ޔޫ ސްޕޯޓްސްއަށް ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި ޓީމް ބައިވެރިވުމުގެ ފީއެއްގެ ގޮތުން -/6000ރ ދައްކަންޖެހޭނެކަމަށްވެސް އޭނާ ބުންޏެވެ.
އަތޮޅުގެ ރަށްރަށުގެ މެދުގައި ފުޓްބޯލަ މުބާރާތެއް ނުބޭއްވި އަހަރުތަކެއް ދިއުމަށްފަހު 2012 ވަނައަހަރު ޔޫސްޕޯޓްސް އިން ފެށި އެޓޯލް ފުޓްބޯލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމަކީ ގޮއިދޫ ފުޓްބޯޅަ ޓީމެވެ. މިމުބާރާތް ފަސްއަހަރު ބޭއްވިއިރު 3 އަހަރުގެ ޗެންޕިއަންކަން ގޮއިދޫ ހޯދާފައިވެއެވެ. އަނެއް ދެއަހަރުގެ ޗެންޕިއަނުންނަކީ، އޭދަފުއްޓާ، ފެހެންދޫއެވެ.