
އެސްޓީއޯ ގޭސް ފުޅިތަކެއް ބަޔަކު ދޯންޏަކަށް އަރުވަނީ. ރޯދައިގެ ކުރިން އެސްޓީއޯއަށް އޭދަފުށީގައި ގޭހުގެ ވިޔަފާރި ނުފެށޭނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އިންޓަނެޓް
ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ގޭހުގެ ވިޔަފާރި އޭދަފުށީގައި އަންނަ ރޯދަމަހުގެ ކުރިން ފެށޭވަރުނުވާނެކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
އޭދަފުށީ ކައުންސިލުން މިހެން ބުނެފައިމިވަނީ ގޭސްވިއްކުމަށް މަގުފަހިކުރުމުގެ ގޮތުން އެކައުންސިލްގެ 2 މެމްބަރަކު މިދިޔަ ހަފްތާ އެސްޓީއޯއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު އޭދަފުށީ ވޮއިސްއަށް ދިން އިންޓަވިއުއެއްގައެވެ. އޭދަފުށީ ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ ގޭސްވިއްކުމަށްޓަކައި އެސްޓީއޯއާ، ކައުންސިލުންވެސް ގާތްގަނޑަކަށް މުޅިން ތައްޔާރުވެފައިވާކަމަށެވެ. ނަމަވެސް ފުޅީގެ އާސްޓޮކެއް ނުލިބި މަސައްކަތް ފެށުން ދަތިކަމަށް އެސްޓީއޯއިން ބުނާކަމަށް ރިޒާ ވިދާޅުވިއެވެ.
“މިވަގުތު އެސްޓީއޯގެ ސްޓޮކްގައި މިރަށުގައި އެމަސައްކަތް ފަށާވަރަށް ހުސްފުޅި ނެތްކަމަށް ބުނަނީ. އެސްޓީއޯއިން ބުނާގޮތުން މަހެއްހާދުވަހުގެ ތެރޭގައި މުޅިން އައު 1000 ހުސްފުޅި އެކުންފުންޏަށް ލިބޭވަރުވާނެ. އެހިސާބުން އޭދަފުއްޓަށް ގޭސް ގެންނަން ފަށާނެކަމަށް އެކުންފުނީގެ އިންބޭފުޅުން ވިދާޅުވި” މަޝްވަރާތަކުގައި ބައިވެރިވި ކައުންސިލަރ ރިޒާ އީވީއަށް ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ އެސްޓީއޯގެ ވިސްނުން ހުރީ އޭދަފުށީގެ އިތުރުން ބ. އަތޮޅުގެ އެހެންރަށްރަށަށްވެސް އޭދަފުއްޓާއެކު ގޭހުގެ ހިދްމަތް ފޯރުކޮށްދޭން ފެށުމަށްކަމުގައެވެ.
އެސްޓީއޯއިން ގޭހުގެ ވިޔަފާރި އޭދަފުށީގައި ކުރުމަށްޓަކައި ކުރީގެ ބާއިންޖީނުގެ އޭދަފުށީ ކައުންސިލުން އެއްވެސް އަގެއްނުނަގާގޮތަށް ހަމަހުގެ މުއްދަތަކަށް އެސްޓީއޯއަށ ދިނުމަށް ވަނީ ނިންމާފައެވެ.
އޭދަފުށީގައި މިވަގުތު ގޭސް ވިއްކަމުންދަނީ އަމިއްލަ 3 ވިޔަފާރިވެރިއެކެވެ. އެއީ ވައިޓްވޯލް، ގޭސް ޕޮއިންޓް އަދި ކިރިލި ފިހާރައެވެ. ގޭސް ލިބުމުގެ މައްސަލަ އޭދަފުށީގައި ދޭތެރެދޭތެރެއިން ދިމާވިނަމަވެސް މިއަހަރު އެމައްސަލަދަނީ އާދަޔާހިލާފަށް ބޮޑުވަމުންނެވެ. އަމިއްލަ ވިޔަފާރިތަކުން ބުނަނީ ގޭސްލިބުން ދަތިވަނީ ކަސްޓަމަރުން ގިނަވިނަމަވެސް ގޭސް އަޅާ އާފުޅިގަންނަން ނުލިބޭ މައްސަލަ ދިމާވާތީކަމަށެވެ.